ރަސްމާލޭގެ 500 ހެކްޓަރު، އިޒްރޭލާ ގުޅުން އޮންނަ ޔޫއޭއީގެ މަހުޖަނު އަލައްބާރަށް ދޭން ރައީސް މުހައްމަދު މުއިއްޒު ނިންމެވީ ކުރިއަށް އޮތް 2028 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެއްވޭނެކަން އެމަނިކުފާނަށް ޔަގީންވާތީ، ރައްޔިތުންގެ ހަރުމުދަލުން ނާޖާއިޒު ގޮތުގައި މާލީ މަންފާ ހޯއްދެވުމަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ތުހުމަތު ކުރައްވައިފި އެވެ.
ރަސްމާލެ ޑީލާ ދެކޮޅަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ ގައުމީ ހަރަކާތުން ހޯމަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި އެއްވުމުގައި އިމްރާން ވިދާޅުވީ، ސަރުކާރުން ބޮޑެތި އިންވެސްޓްމަންޓްތައް އަންނަ ކަމަށް ބުނެ ދައްކަނީ އޮޅުވާލުމުގެ ވާހަކަތަކެއް ކަމަށާއި، އަމަލީ ގޮތުން ގައުމަށް ލިބޭ ކުރިއެރުމެއް ނެތް ކަމަށެވެ. އަދި ރަސްމާލެ ފަދަ ބޮޑެތި މަޝްރޫއުތައް ބޭރުގެ ކުންފުނިތަކަށް ދެނީ ދިވެހި ރައްޔިތުންނަށް އޭގެ ފައިދާ ވިޔަނުދީ، އަމިއްލަ މާލީ މަންފާއެއް ހޯދުމަށް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
"ދިވެހި ރައްޔިތުންގެ މާލިއްޔަތުން 700 އަށްވުރެ ގިނަ މިލިއަން ޑޮލަރު ހޭދަކޮށްފައި ބޮޑު ބިމެއް ހިއްކާފައި ދޫކޮށްލާފައި ދިޔައިމާ ދިވެހި ރައްޔިތުންނަށް ފައިދާވާނެތީވެ، ދިވެހި ރައްޔިތުންނަށް އެ ފައިދާ ވިޔަނުދިނުމަށްޓަކައި އޭނާ އޭގެ ފައިދާ ނަގަންވެގެން އަލައްބާރަށް ނޫނީ އީގަލް ހިލްސްއަށް ކުޑަކުޑަ ފައިސާކޮޅަކަށް ވިއްކާލަނީ،" އިމްރާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ގާތްގަނޑަކަށް ދެތިން ސަތޭކަ މިލިއަން ޑޮލަރަށް ގައުމުގެ މިނިވަންކަމާއި، ދީނާއި، އިސްތިގުލާލު ވިއްކާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލޭގެ 500 ހެކްޓަރު އަލައްބާރުގެ އީގަލް ހިލްސްއަށް ދެނީ އެއްވެސް އަގަކާ ނުލައި، ދުރާލައި ފައިސާއެއް ދައުލަތަށް ދައްކަން ނުޖެހޭ ގޮތަށެވެ. ނަމަވެސް މި މަޝްރޫއު ފެށުމަށް ފަހު މުސްތަގުބަލްގައި ލިބޭނެ އާމްދަނީ ކަނޑާ ގޮތަށް ހުޅުމާލޭގައި 5000 ހައުސިން ޔުނިޓު އީގަލް ހިލްސްއިން އަޅައިދޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
މި މަޝްރޫއުން ދައުލަތުގެ ރިޒާވަށް ޑޮލަރުން ނަގުދު ފައިސާ ލިބެން އޮތް ކަމަށާއި ނަމަވެސް އެ ފުރުސަތު ދޫކޮށްލި ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން އިމްރާން ސިފަކުރެއްވީ އެމަނިކުފާނަކީ "ޒަޔަނިސްޓު އެޖެންޓެއް" ގޮތުގަ އެވެ. އަދި ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ވެރިކަން ކުރެއްވުމުގެ އިސްލާމީ އަދި ގައުމީ ޝަރުތު މިހާރު އެމަނިކުފާނުގެ ހަމަނުވާ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
"މިވަރުގެ އިންސާނިއްޔަތުކަމެއް ނެތް، މިވަރުގެ ގައުމިއްޔަތުކަމެއް ނެތް މީހަކު ކިހިނެއްތޯ ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ވެރިކަން ކުރާނީ؟ މީނާގެ މިހާރު މި ޤައުމުގެ ވެރިކަންކުރުމުގެ ޝަރުތު ހަމައެއް ނުވޭ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނުކުމެ އޭނާ ވެރިކަމުން އަޒުލުކުރަންޖެހޭ،" އޭނާ ވިދާޅުވި އެވެ.
މުއިއްޒަކީ ސިޔާސީ ގޮތުން ގަޓު ހުރި، ވަރުގަދަ ބޭފުޅެއް ނޫން ކަމަށް ފާހަގަ ކުރައްވައި ވަރަށް ހަރުކަށި އިބާރާތުން އިމްރާން ވަނީ ފާޑުވިދާޅުވެފަ އެވެ.
"މަނިކުފާނަކީ މާ ގަޓުހުރި މީހެއް ނޫން. މާ ވަރުގަދަ މީހެއް ނޫން. މި ގައުމުގައި ތިބި ސިޔާސީ ބޮޑެތި ވެރިންނާ ސިޔާސީ މުހައްނިކުންނާ ބަލާއިރުގައި މަނިކުފާނަކީ ހަމަ ހިކަންޖެއް،" އިމްރާން ވިދާޅުވި އެވެ.
ރަސްމާލޭގެ ކަންތަކުގައި ފެންނަ ނުފެންނަ ވޯޓަކަށް ނުދާނެ ކަމަށް މުއިއްޒު ވިދާޅުވެފައިވާއިރު، އިމްރާން ވިދާޅުވީ ފެންނަ ނުފެންނަ ވޯޓަކަށް ދާން މުއިއްޒަށް ޖެހިވަޑައިގަންނަވާނެ ކަމަށެވެ.
"ވޯޓަކަށް ދާން ނެތިއްޔާ އެހެން ގައުމަކަށް ވަޑައިގަންނަވާ،" އިމްރާން ވިދާޅުވި އެވެ.
އިމްރާން ވަނީ ޖަލަށްލައިފާނެ ކަމުގެ ބިރަށް އިދިކޮޅު ފަރާތްތަކުން ފަހަތަށް ނުޖެހޭނެ ކަމަށާއި، ޤައުމުގެ ޙައްޤުގައި ފުރާނަ ގުރުބާންކުރަންވެސް ތައްޔާރަށް ތިބި ކަމަށް ވިދާޅުވެފައެވެ. އަދި ސިޓިން ރޫމްތަކުގައި ތިއްބެވުމުގެ ބަދަލުގައި، ކުރިއަށް އޮތް ހުކުރު ދުވަހުގެ ރޭ 8:30 އަށް އެއްވުން އޮންނަ ސަރަޙައްދަށް އެންމެހާ ދިވެހި ރައްޔިތުން ނުކުމެ ގައުމު ހިމާޔަތްކުރުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.
ރަސްމާލެ ވިއްކާލާއިރު، މުއިއްޒުގެ މޭޔަރު ކަމުގައި މާލޭގެ މަގުތަކާއި މާލޭގެ ބިންތައް ނުއަގުގައި އެކި ފަރާތްތަކަށް ބަހާލާފައިވާ މައްސަލަ ވެސް އޭސީސީގައި މިހާރު ވެސް އެބަ އޮތެވެ. ރަސްމާލޭގެ ވިއްކާލާ މައްސަލަ ވެސް އޭސީސީން ނުބަލަ އެވެ.







