ބަންގްލަދޭޝްގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބޭނުންކުރާނީ ވަކި މެޗުތަކެއްގައި ކަމަށް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން އިއުލާނުކޮށްފައިވާއިރު، ސާފްގެ މުބާރާތްތަކުގައި ވީއޭއާރް ބޭނުންކުރުމަކީ މިހާރު ފުޓްބޯޅަ ގޮސްފައި އޮތް ހިސާބަށް ބަލާއިރު މުހިންމު ކަމެއް ކަމަށް ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެެވެ.
ނިޒާމްބެ، މިހެން ބުނެފައިވަނީ، "އަދަދު ސްޕޯޓްސް" އަށް ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 ގެ ކަވަރޭޖްގެ ތެރެއިން ގެނެސްދޭ "ސާފް ބޯޅައީދު" ޝޯގައި ވާހަކަ ދައްކަމުންނެވެ.
ސާފްގެ ހަ ގައުމު ވާދަކުރާ ސަރަހައްދުގެ 15 ވަނަ މުބާރާތުގައި ބޭނުންކުރާނީ ވީއޭއާރް ލައިޓް އެވެ. އެއީ، ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކާއި ސެމީ ފައިނަލް އާއި ފައިނަލް މެޗުގަ އެވެ.
އެ ގޮތުން، ސާފް އިން ބޭނުންކުރަން ހަމަޖެހިފައިވަނީ، ފީފާ އާއި އައިފެބް އިން ބަލައިގަނެފައިވާ ވީއޭއާރް ލައިޓް އެވެ. ކަޓޭލް ވިދާޅުވީ، ވީއޭއާރްގެ މުޅި ސިސްޓަމް ބޭނުންކުރެވޭނެ ފަދަ ވަސީލަތްތަކެއް ބަންގްލަދޭޝްގެ ސްޓޭޑިއަމްގައި ނެތުމުން، ވީއޭއާރް ލައިޓް ބޭނުންކުރާއިރު، އޮޕަރޭޓް ކުރާނީ ވަކި ތަނެއްގައި ތިބޭ އޮފިޝަލުން ކަމަށެވެ.
ނިޒާމްބެ ބުނީ، ވީއޭއާރް އައުމާ އެކު ކުޅުންތެރިންނަށް ލިބޭނެ އެންމެ ބޮޑު ކޮންފިޑެންސަކީ ރެފްރީން ޒިންމާ ރަނގަޅަށް އަދާކުރާނެ ކަމުގެ ޔަގީންކަން ކަމަށެވެ.
"ރެފްރީން އެ މީހުންގެ މަސައްކަތްތައް ހަރުދަނާކުރުމަށް އެޅިގެންދާ ވަރަށް ބޮޑު ފިޔަވަޅެއް މިއީ. އަސްލުގައި މިހާރު ލަސް ވެސް ވެއްޖެ. ބަަންގްލަދޭޝް ސްޓޭޑިއަމް އަކީ މީގެ އެތައް އަހަރެއް ކުރީގެ ސްޓޭޑިއަމެއް. އެ މީހުން އެކި ގޮތްގޮތުން އެކި ފަހަރު ކުދިކުދި މަރާމާތުތަކެއް ކޮށްގެން، ކުދިކުދި ބަދަލުތަކެއް ގެނެސްގެން އެ ސްޓޭޑިއަމް ހިފަހައްޓަނީ، އެ ޗެލެންޖަސް އެބަހުރި، ރާއްޖެ ކަހަލަ އެ ސިސްޓަމް (ވީއޭއާރް) ގެންނަން ވެއްޖިއްޔާ ޗެލެންޖަސް އަދި މާ ބޮޑުވާނެ. އެ ހުރިހާ ކަމަކަށް ބަލާއިރު، އެ (ވީއޭއާރް) އިމްޕްލިމެންޓް ނުކުރެވި ދާ ކޮންމެ ލަސްވުމަކީ އަޅުގަނޑުމެންގެ މި ރީޖަންގެ ފުޓްބޯޅަ އަށް ގޮންޖެހުމެއް،" ނިޒާމްބެ ބުންޏެވެ.
ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން އަށް ކޯޗުކޮށްދިނުމުގެ އިތުރުން، ރާއްޖޭގެ ކްލަބްތަކާއި ގައުމީ ޓީމުތަކުގައި ވެސް ކޯޗިން މަސައްކަތް ކޮށްފައިވާ ނިޒާމްބެ ބުނީ، ވީއޭއާރް ފަދަ ފުޓްބޯޅައިގެ ފަހުގެ ކަންކަމަށް އެންމެ ރަނގަޅަށް އަހުލުވެރިވެފައި ސާފްގެ ގައުމުތައް ނެތުމަކީ ވެސް ކުރިއަށްދިއުމުގައި ޗެލެންޖަކަށްވާނެ ކަމެއް ކަމަށެވެ.
"މިހާރު ބައިނަލްއަގުވާމީ މުބާރާތްތަަކަށްދާއިރު ސާފް ޓީމުތަކަށް ހުރި އެންމެ ބޮޑު އެއް ޗެލެންޖު އެއީ އަޅުގަނޑުމެންނަށް ވީއޭއާރް، ކުޅުންތެރިންނަށް ވެސް ޕްރެކްޓިސް ކުރެވިފައި ނެތުން. ވީއޭއާރާ އެކު ކުޅުން، އެންމެ މުހިންމު އެއް ކަންތައް ވީއޭއާރް އިމްޕްލިމެންޓް ކުރުމަކީ. އަނެއްކޮޅަށް ބަލާއިރު މި ރީޖަންގެ މުބާރާތްތަކުގައި، އެއީ ރީޖަނަލް ޓޯނަމަންޓެއް ވިޔަސް، ލޯކަލް ކޮމްޕެޓިޝަން ވިޔަސް އަޅުގަނޑުމެންނަށް އަބަދުވެސް މި ފެންނަނީ ރެފްރީންގެ ނިޔާއާ މެދު ހިތްހަަމަނުޖެހުން އައިސްގެން ހަލަބޮލި ވެގެން މެޗުތައް ދާ މަންޒަރު މި ފެންނަނީ،" ނިޒާމްބެ ބުންޏެވެ.
"ހަގީގަތުގައި މީގެ ކުރިން ޔޫރަޕްގައި ވެސް މެޗެއް ނިންމާފައި ހާއްސަކޮށް. ރަނގަޅު ދެ ޓީމެއް ކުޅޭ ދުވަހެއް ވެއްޖިއްޔާ އިންނާނީ ރެފްރީގެ ފޭވަރިޓިޒަމްއާ ގުޅިގެން މެޗުތައް ނިމުނީއޭ ކިޔައިގެން އެ ވާހަކަތައް މުޅި ހެޑްލައިންސްތަކުގައި އޮންނާނީ، މިހާރު އެ ބައި ވަރަށް ބޮޑަށް ޔޫރަޕްގައި ނެތިގެން ގޮސްފި، ގިނަ ފަހަރަށް ރެފްރީގެ ވާހަކަ ދެއްކުން ވެސް އެއީ ނެތް ކަމެއްގެ ގޮތުގައި މި ފެންނަނީ،"
މީގެ އިތުރުން، މި ޝޯގައި ދެއްކި ވާހަކައިގައި ނިޒާމްބެ ވަނީ، ފުޓްބޯޅައިގެ ޑިވެލޮޕްމަންޓަށް ބަންގްލަދޭޝް އިން ކުރަމުން އަންނަ މަސައްކަތުގައި މަޑުޖެހުމެއް އައުމުން އެ ގައުމުގެ ފުޓްބޯޅަ އަށް އައިސްފައިވާ ހީނަރުކަމުގެ މައްޗަށް އަލި އަޅުވާލައިފަ އެވެ. އަދި، ސަރަހައްދުގެ ފުޓްބޯޅައިގައި ވަރުގަދަ ބާރެއްގެ ގޮތުގައި ދެމި އޮތުމަށް އިންޑިއާ އިން ކުރަމުން އަންނަ މަސައްކަތް ހުއްޓައިނުލާ ކުރިއަށްގެންދާކަން އެނގޭ އެންމެ ބޮޑު ސަބަބަކީ ކުޅުންތެރިން ގިނައިން ފުޓްބޯޅައިގެ ތެރެއިން ކުރިއަށްދާން ފުރުސަތު ދިނުން ކަން ނިޒާމްބެ ފާހަގަކުރި އެވެ.







