ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 ގައި މިއަދު ހަވީރު ކުޅުނު މެޗުން 3-0 އިން ރާއްޖެ ބަލިކޮށް ޕާކިސްތާނުން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
މިއީ، 35 އަހަރު ތެރޭ ރާއްޖެ ބަލިނުކޮށް ދިގު އިންތިޒާރެއް ކުރަން ޖެހުނު ޕާކިސްތާނުން ފަސް މަސް ތެރޭ ރާއްޖެ ބަލިކުރި ދެ ވަނަ ފަހަރެވެ. އަނެއްކޮޅުން، މިއީ ސާފް ޗެމްޕިއަންޝިޕެއްގައި ޕާކިސްތާނުން ރާއްޖެ ބަލިކުރި ފުރަތަމަ ފަަހަރެވެ.
މިދިޔަ ޖޫން މަހު ހަތަރު ވަނަ ދުވަހު، މާލޭގައި ބޭއްވި ޑައިމަންޑް ޖޫބިލީ އިންޓަނޭޝަނަލް މުބާރާތުގައި ޕާކިސްތާނުން 3-0 އިން ރާއްޖެ ބަލިކުރި އެވެ. އެ މެޗަކީ، 1991 ވަނަ އަހަރުގެ ސާފް ގޭމްސްގެ ފަހުން ޕާކިސްތާނުން ރާއްޖެ ބަލިކުރި ފުރަތަމަ ފަހަރެވެ. އޭގެ ފަހުން، ދެން ކުޅުނު މެޗުން މި ފަހަރުގެ ސާފްގައި ވެސް ޕާކިސްތާނުން މި ވަނީ ރާއްޖެ ބަލިކޮށްފަ އެވެ.
ރާއްޖެ އާއި ޕާކިސްތާން އަދި އިންޑިއާ ހިމެނޭ މި ފަހަރުގެ މުބާރާތުގެ ގްރޫޕް ބީގައި، ކުޅުނު ފުރަތަމަ މެޗުން ޕާކިސްތާން ވަނީ 3-2 އިން އިންޑިއާ އަތުން ބަލިވެފަ އެވެ. މިއަދު، ރާއްޖެ އަތުން ހޯދި މޮޅާ އެކު، ޕާކިސްތާނުން ސެމީ ޔަގީންކުރީ ތިން ޕޮއިންޓާ އެކު ފައިދާ ދެ ގޯލު ހޯދައިގެންނެވެ. މި ގްރޫޕުން ދެން ސެމީގެ ޖާގައެއް ހޯދުމުގެ ފުރުސަތު ރާއްޖެ އާއި އިންޑިއާ އަށް އެބައޮތެވެ. ބުދަ ދުވަހު، ރާއްޖެއާ ކުޅޭ މެޗުން އިންޑިއާ އިން އެއްވަރުކޮށްލައިގެން ވެސް ސެމީ އަށް ދެވޭނެ އެވެ. ރާއްޖެ އަށް ސެމީގެ ފުރުސަތު އޮތީ ތިން ގޯލުގެ ފަރަގަކުން އިންޑިއާ ބަލިކޮށްގެންނެވެ.
ޕާކިސްތާނުން އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕްގެ ސެމީގައި ކުޅުނީ 2018 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި މުބާރާތުގަ އެވެ. އެ ފަހަރު، އެ ޓީމުން ސެމީ އަށް ދަތުރުކުރީ 13 އަހަރަށް ފަހު އެވެ.
ޑާކާ ނެޝަނަލް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގެ ހަތަރު ވަނަ މިނިޓްގައި ޕާކިސްތާނުން ލީޑުނެގީ ޕެނަލްޓީ އަކުންނެވެ. އިނގިރޭސި އަށް ވަނަ ޑިވިޝަނުގެ ކްލަބަކަށް ކުޅޭ ޕާކިސްތާންގެ މެކްކީލް އާރޫން އަބްދުﷲ އަށް ރާއްޖޭގެ މުހައްމަަދު ނާއިމް ކުރި ފައުަލަކަށް ދިން ޕެނަލްޓީ އާރުން ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.
ފުރަތަމަ ލަނޑު ޖެހުމަށް ފަހު ޕާކިސްތާނުން ފަަހަތަށް ނުޖެހި އެޓޭކަށް ޖެހި ކުޅެން ފެށި އެވެ. ނަތީޖާއެއްގެ ގޮތުން އަށް ވަަނަ މިނިޓްގައި ޕާކިސްތާނުން ދެ ވަނަ ލަނޑު ޖެހި އެވެ. މިއީ، ޕާކިސްތާންގެ ފުލްބެކް، މުހައްމަދު ޖުނައިދު ނެގި ހުރަހަކަށް ހުސްކޮށް އަރައި ނަޖީބުﷲ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ. ރާއްޖޭގެ ޑިފެންސް ތެރެއިން އޭނާ މި ލަނޑު ޖެހީ އެއްވެސް ޕްރެޝަރެއް ނެތި އެވެ.
ރާއްޖޭން 15 މިނިޓަށް ފަހު، މަޑުމަޑުން މެޗުގެ ތެރެއަށް ވަދެ، 17 ވަނަ މިނިޓްގައި ލަނޑެއް ޖަހަން ރަނުގެ ފުރުސަތެއް ލިބުނެވެ. އެ ގޮތުން، ރާއްޖޭގެ އިބްރާހިމް އައިސަމް ޖެހި ޝޮޓެއް ބްލޮކްވެގެން ދެ ވަނަ ފުރުސަތު ހުސްކޮށް ލިބުނީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަށެވެ. ފޭދޫ އިއްބެ، ޖެހި ޝޮޓް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.
ޕާކިސްތާނުން ތިން ވަނަ ލަނޑު ޖެހީ 23 ވަނަ މިނިޓްގަ އެވެ. ރާއްޖޭގެ ޑިފެންސް ފަހަތަށް ކުޅުނު ދިގު ބޯޅައަކަށް ރާއްޖޭގެ ޑިފެންޑަރު، އަމްދާން އަލީ (އެންޑީ) މަސައްކަތް ކުރަނިކޮށް ވެއްޓުމާ އެކު، ޕާކިސްތާންގެ ނަޖީބުﷲ އަށް ހުސްކޮށް ލިބުނު ފުރުސަތުގައި އޭނާ ވަނީ ގޯލަަށް ބޯޅަ ފޮނުވާލައިފަ އެވެ.
ރާއްޖޭން ދެ ވަނަ ހާފުގައި ނުކުތީ އަލީ ފާސިރު (ސެންޓޭ)، ހުސެއިން ސިފާއު ޔޫސުފް (ކުރޯ) އަދި ނިޝާމް މުހައްމަަދު ރަޝީދު (ޕޮގްބާ) ކުޅެން އަރުވައިގެންނެވެ.
މެޗުގެ 65 ވަނަ މިނިޓްގައި ސެންޓޭ ވަނީ ރަނގަޅު ފުރުސަތެއް ހޯދައިދީފަ އެވެ. އޭރިއާތެރެއިން ނާއިމް އަށް ދިން ބޯޅަ ފޮނުވާލި ނަމަވެސް ޕާކިސްތާން ކީޕަރު ޔޫސުފް ބަޓް ވަނީ މަތަކޮށްފަ އެވެ. މެޗުގެ 89 ވަނަ މިނިޓްގައި ކައުންޓަ އެޓޭކުގައި ނައްސާހު އިބްރާހިމް ނާސިރު ޖެހި ޝޮޓް ދިޔައީ ހުރަސްދަނޑިމަތިންނެވެ.







