ށ. ފުނަދޫގައި އަމިއްލަ ވިޔަފާރިއަކުން ހަމައެކަނި އޮޕަރޭޓްކުރާ "ފަތްމިނި" ނަމަކަށް ކިޔާ ޕެޓްރޯލް ޝެޑްގައި ރޯވި އަލިފާން ކޮންޓްރޯލް ނުވެ، ޖެހިގެން ހުރި އިމާރާތްތަކުގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
ފުނަދޫ ކައުންސިލްގެ ރައީސް މުހައްމަދު އާދިލް އަދަދު އަށް ވިދާޅުވީ އަލިފާނުގެ ހާދިސާގައި ޕެޓްރޯލް ޝެޑާ ޖެހިގެން ފަސް ގުދަނަކާއި ހަތަރު ގެއެއް ހުރިއިރު، އޭގެ ތެރެއިން ތިން ގުދަނުގައި އަލިފާން ރޯވެފައިވާ ކަމަށެވެ. އަދި އަލިފާން ރޯވި އެއް ގެއަކުން މިހާރު އަލިފާން ނިއްވާލެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ކައިރީގައި [ޕެޓްރޯލް ޝެޑާ] އެބަ އިނދޭ ހަތަރު ގެއަކާއި ފަސް ގުދަން އެނގޭތޯ. އެ ގުދަންތަކުގެ ތެރެއިން ގާތްގަނޑަކަށް ތިން ވަރަކަށް ގުދަ ހަލާކުވެފައި ވަނީ. ގެތަކުގެ ތެރެއިން އެއް ގެއެއްގައި ފުރާޅު ހިސާބުގައި ރޯވި، އެކަމަކު ނިއްވާލެވިފައި ވަނީ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުނަދޫގައި އޮޕަރޭޓްކުރާ ހަމައެކަނި ޕެޓްރޯލް ޝެޑް އަނދައި ހުލިވުމުން ޕެޓްރޯލް ލިބޭނެ ގޮތްތައް ސަރުކާރާ މަޝްވަރާކޮށްގެން ބަލަމުންދާނެ ކަމަށެވެ.
ފުނަދޫ ކައުންސިލްގެ ނައިބުރައީސް އާދަމް ހުސައިން އަދަދު އަށް ވިދާޅުވީ އަލިފާނުގެ ހާދިސާގައި ބައެއް މީހުންނަށް އެކި ވަރުގެ އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކު ހޮސްޕިޓަލަށް ގެންގޮސްގެން ފަރުވާދޭން ނުޖެހުނު ކަމަށެވެ.

ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފް އާއި ރަށުގެ ރައްޔިތުން ދަނީ ކުރަމުންނެވެ. އޭގެއިތުރުން އެ ރަށު އެއާޕޯޓުގައި އޮޕަރޭޓްކުރާ ފަޔާ ލޮރީވެސް އަލިފާން ނިއްވުމަށް ދަނީ ބޭނުން ކުރަމުންނެވެ.
ގާތްގަނޑަކަށް 3،500 އެއްހާ މީހުން ދިރިއުޅޭ ފުނަދޫ ފަތްމިނި ޕެޓްރޯލް ޝެޑް ހުންނަނީ ބަނދަރު ސަރަހައްދުގަ އެވެ. މީހުން ދިރިއުޅޭ ގެތަކާއި ގުދަންތައް ހުންނަނީ ޝެޑާ ގާތްގަނޑަކަށް 60 ފޫޓް ދުރުގަ އެވެ.
ޕެޓްރޯލް ޝެޑު އަނދައި ހުލިވުމުން ފުނަދޫ ވަނީ ޕެޓްރޯލަށް ޖެހިފަ އެވެ. އެ ރަށުގައި ގިނަ އަދަދެއްގެ އެއްގަމުގައި ދުއްވާ ވެހިކަލާއި ތިން މަސް ދޯނީގެ އިތުރުން އެހެނިހެން 50 ވަރަކަށް ކަނޑު އުޅަނދު އޮޕަރޭޓްކުރެ އެވެ.













