އެމެރިކާގެ ރިޔާސީ އިންތިހާބުގެ މެދުތެރެއިން ނެގި ވޯޓުގައި ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއަށް ފަހު، ސަރުކާރުގެ އިމިގްރޭޝަން ސިޔާސަތުތަކަކީ "މާ ހަރުކަށި" ސިޔާސަތުތަކެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
މިއީ ޓްރަމްޕްގެ ސިޔާސީ އެޖެންޑާގެ އެންމެ މުހިންމު އެއް އަސާސާ ގުޅޭ ގޮތުން، އާންމުކޮށް އެމަނިކުފާނު ދޫދެއްވި ފުރަތަމަ ފަހަރެވެ.
ސީބީއެސްގެ "60 މިނިޓްސް" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، ގަވާއިދާ ހިލާފަށް ބޯޑަރު ހުރަސްކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުކުރުމުން އެމަނިކުފާނަށް "އޭ ޕްލަސް" އެއް ހައްގުވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް، ގިނަ އަދަދެއްގެ ބަޔަކު ގައުމުން ބޭރުކުރުމުގެ ސަބަބުން ސިޔާސީ ގޮތުން އެމަނިކުފާނަށް "ގެއްލުން" ލިބިފައިވާ ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގެންނެވި އެވެ.
ޓްރަމްޕް މިފަދައިން ވިދާޅުވެފައި މިވަނީ، އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ޑިޕާޓްމަންޓުން އެ ސިޔާސަތުތަކަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް ބުނަމުން ދަނިކޮށެވެ.
އިންތިހާބު އޮތް ދުވަހު ނެގި ވޯޓުލީ މީހުންގެ ހިޔާލު ހޯދުމުގެ ސާވޭތަކުން ދައްކާ ގޮތުގައި، އިގްތިސާދާއި ޑިމޮކްރަސީގެ ހާލަތަށް ފަހު ވޯޓުލީ މީހުންނަށް އެންމެ މުހިންމުވި ތިންވަނަ މައްސަލައަކީ އިމިގްރޭޝަންގެ މައްސަލަ އެވެ.
ކުރިއްސުރެ ރިޕަބްލިކަން ޕާޓީއަށް ތާއީދު ބޮޑު ޓެކްސަަސް ފަދަ ސްޓޭޓްތަކުގައި، ލެޓިނޯ ދަރިކޮޅުގެ ވޯޓުލާ މީހުން ޑިމޮކްރެޓުންނަށް ތާއީދުކުރުމާ ގުޅިގެން، ކޮންގްރެސްގެ ބޮޑު އަގުލަބިއްޔަތެއް ހޯދުމަށް ޑިމޮކްރެޓިކް ޕާޓީއަށް މަގުފަހިވެގެންދިޔަ އެވެ.
އާދިއްތަ ދުވަހުގެ ރޭ ދެއްކި "60 މިނިޓްސް" ޕްރޮގްރާމުގައި ޓްރަމްޕް ވިދާޅުވީ، އަންގާރަ ދުވަހު ބޭއްވި މިޑްޓާމް އިންތިހާބުގައި އިމިގްރޭޝަންގެ މައްސަލައަކީ ރިޕަބްލިކަން ޕާޓީއަށް "ފައިދާ އާއި ގެއްލުން ވެސް" ލިބުނު ކަމެއް ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ބޯޑަރު ބަންދުކުރުމުގައި އަޅުގަނޑަށް އޭ ޕްލަސްއެއް ލިބޭނެ،" ޓްރަމްޕް ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، "ގޯސް މީހުން" ގައުމުން ބޭރުކުރުމުގައި ވަރަށް މަތީ މާކްސްއެއް ލިބޭނެ ކަމަށެވެ.
"ނަމަވެސް އަޅުގަނޑަށް ގެއްލުންވީ ރަނގަޅު ވަޒީފާތަކުގައި ތިބި މީހުން ވެސް ބޭރުކުރަން ޖެހުމުން. އެމީހުން ކުރި ހަމައެކަނި ކުށަކީ، ނުވަތަ ގާނޫނާ ހިލާފުވި ކަމަކީ ގަވާއިދާ ހިލާފަށް އެމެރިކާއަށް އެތެރެވުން،" ޓްރަމްޕް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ މާ ހަރުކަށި ފިޔަވަޅެއް،" ޓްރަމްޕް ވިދާޅުވި އެވެ.
އިތުރު ތަފްސީލެއް ދެއްވުމެއް ނެތި ޓްރަމްޕް ވިދާޅުވީ، ކޮންގްރެސްގައި ތިއްބަވާ ޑިމޮކްރެޓުންނާ ގުޅިގެން އިމިގްރޭޝަންގެ މައްސަލައިގައި "ކޮންމެވެސް ކަމެއް ކުރަން ބޭނުންފުޅުވާ" ކަމަށެވެ.
އަންގާރަ ދުވަހުގެ އިންތިހާބީ ނާކާމިޔާބީއަށް ފަހު، ނައިބު ރައީސް ޖޭޑީ ވެންސް ވަނީ އިމިގްރޭޝަން ސިޔާސަތަށް ބަދަލުތަކެއް ގެނައުމަށް ތާއީދުކުރައްވާފަ އެވެ.
އެހެންނަމަވެސް، އިމިގްރޭޝަންގެ ހަރުކަށި ސިޔާސަތުތަކަށް ތާއީދުކުރައްވާ ސްޓީވަން މިލާ، ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފްގެ މަގާމަށް ހުކުރު ދުވަހު ޓްރަމްޕް އައްޔަންކުރެއްވުމަކީ، ސަރުކާރުގެ ސިޔާސަތުތައް ދޫކޮށްނުލާނެ ކަމުގެ ނިޝާނެކެވެ.
މިލާއަކީ ޓްރަމްޕްގެ ފުރަތަމަ އަދި ދެވަނަ ދައުރުގެ އިމިގްރޭޝަންގެ ހަރުކަށި ސިޔާސަތުތައް ފަރުމާކުރި މައިގަނޑު މޭސްތިރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.







