މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލައިފި އެވެ.
މަޖިލީހުން އިއްޔެ އާންމުކުރި ބަޔާނުގައި ވަނީ, މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން 16 ނޮވެމްބަރު 2026 ގެ ނިޔަލަށް ކުރިމަތިލުމަށް ސުންގަޑި ކަނޑައަޅާފަ އެވެ.
މި ކޮމިޝަނަށް އައްޔަންކުރެވޭ މެންބަރުންގެ ދައުރަކީ ފަސް އަހަރު ދުވަހެވެ. އަދި ގާނޫނުތައް ބުނާ ގޮތުން ވިދިވިދިގެން ނުވަތަ އެހެން ގޮތަކަށް ވިޔަސް އެއްވެސް މެންބަރަކަށް ދެ ދައުރަށް ވުރެ ގިނަ ދުވަހު މަގާމުގައި ދެމިއެއް ނުތިބެވޭނެ އެވެ.
މިގޮތުން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ މުހިންމު ޝަރުތުތަކުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުމާއި، މީޑިއާއެއްގެ ހިއްސާދާރަކަށް ނުވަތަ މީޑިއާއެއްގައި ވަޒީފާ އަދާކުރާ މީހަކަށް ނުވުން ހިމެނެ އެވެ.
މީގެ އިތުރުން ސަރުކާރުގެ ނުވަތަ އަމިއްލަ ކުންފުންޏެއްގެ ބޯޑު މެންބަރަކަށް ނުވުމާއި ގާނޫނުގެ ދަށުން އިންތިހާބީ މަގާމެއްގައި ހުރި މީހަކަށް ވެގެން ނުވާނެ އެވެ.
މީޑިއާ ކޮމިޝަނުގެ ރައީސް ކަމުގެ މަގާމުން މުހައްމަދު ފަރުޝަތު ވަނީ ނިމިދިޔަ އޮގަސްޓް މަހު އެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
ފަރުޝަތު އިސްތިއުފާ ދެއްވަމުން ވިދާޅުވީ، ކޮމިޝަނުގެ މަސައްކަތްތައް ފުރިހަމަކަމާއެކު، ހުރިހާ މީޑިއާތަކަށް ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ހިންގުމަށް ހައްލު ނުކުރެވޭ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.
"މީޑިއާ ކޮމިޝަނުގެ މަސައްކަތްތައް ފުރިހަމަކަމާ އެކު، އަދި ހުރިހާ މީޑިއާތަކަށް ހަމަހަމަކާއި އިންސާފުވެރިކަމާ އެކު ކަންކަން ރާވާއި ހިންގުމަށް ހައްލު ނުކުރެވޭ ގޮންޖެހުންތަކެއް ހުރުމުގެ ސަބަބުން އެ ކޮމިޝަނުގެ ރައީސް ކަމާއި މެމްބަރު ކަމުގެ މަގާމުން އިސްތިއުފާދޭން ނިންމައިފިން،" ފަރުޝަތުގެ އިސްތިއުފާގެ ސިޓީގައި ބަޔާންކުރައްވާފައިވެ އެވެ.
ފަރުޝަތު މަގާމުން ވަކިވެވަޑައިގަތީ، ސަރުކާރުން މީޑިއާތަކަށް ދޭ މާލީ އެހީގެ އުސޫލަށް ބަދަލު ގެނެސް، ރަޖިސްޓްރީކޮށްގެން ހިންގާތާ އެއް އަހަރު ވެފައިވާ މީޑިއާތަކަށް އެހީ ލިބޭ ގޮތަށް ބަދަލުކޮށް ހިޔާލަށް ހުޅުވާލާފައިވަނިކޮށެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަކީ ކުރިން އޮތް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަދި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އެއްކޮށްލުމަށް ފަހު، މީޑިއާ އެންޑް ބްރޯޑްކާސްޓިން ގާނޫނުގެ ދަށުން އުފެއްދި މުއައްސަސާއެކެވެ. ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޝަންގެ ރައީސް ކަނޑައަޅަނީ ރައްޔިތުންގެ މަޖިލީހުންނެވެ.
މި ގާނޫނުގެ ދަށުން ނޫސް މަޖައްލާތަކާއި ނޫސްވެރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމުގެ ބާރު ކޮމިޝަނަށް އޮވެ އެވެ. ސަރުކާރުގެ ނުފޫޒު ފޯރުވޭ ގޮތަށް އެކުލަވާލާފައިވާ މި ގާނޫނުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަން ގެއްލޭ ކަމަށް ބުނެ، ނޫސްވެރިންނާއި އިދިކޮޅުން މި ކޮމިޝަނަށް ކިޔަނީ "މީޑިއާ ކޮންޓްރޯލް ކޮމިޝަން" އެވެ.








