މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް (އެމްޓީއެޗްޖީ) ގެ ގަވަނިން ބޯޑުން ބަލަހައްތަމުންދާ ތަންތަން ހިންގުމުގެ އެންމެ އިސް ބޭފުޅަކަށް މިނިސްޓަރު ފެންވަރުގައި ދަރުމަވަންތަ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް އައްޔަންކުރައްވައިފި އެވެ.
އެމްޓީއެޗްޖީގެ ގަވަނިން ބޯޑުން ބަލަހައްޓަމުންދާ ތަންތަން ހިންގުމުގެ އެންމެ އިސް ބޭފުޅަކަށް މިނިސްޓަރު ފެންވަރުގައި ހަލީމް އައްޔަންކުރެއްވިކަން އޭނާ ވަނީ އައަދު ނޫހަށް ކަށަވަރުކޮށްދެއްވާފަ އެވެ.
އެމްޓީއެޗްޖީ ހައިބްރިޑް ސެންޓްރަލައިޒްޑް މޮޑެލަކަށް ހިންގުމުގައި، މަރުކަޒީކޮށް ކުރަންޖެހޭ މަސައްކަތްތައް ގަވަނިން ބޯޑުން ބަލަހައްޓަމުންދާ ތަންތަނާ ގުޅިގެން ކުރިއަށްގެންދާނެ މައި އިދާރާއަކީ ދަރުމަވަންތަ ހޮސްޕިޓަލް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.
އެމްޓީއެޗްޖީގެ ގަވަނިން ބޯޑަށް 18 މެންބަރުން އައްޔަން ކުރައްވާފައިވާއިރު، ޗެއާޕާސަނަކަށް ހަމަޖެއްސީ ސިއްހީ ދާއިރާގެ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ ޑރ. އަބްދުލްއަޒީޒު ޔޫސުފް އެވެ.
އެމްޓީއެޗްޖީ އިން ބަލަހައްޓަމުން ގެންދާނެ ތަންތަން:
- ދަރުމަވަންތަ ހޮސްޕިޓަލް
- އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް
- ހުޅުމާލެ ހޮސްޕިޓަލް
- ވިލިމާލެ ހޮސްޕިޓަލް
- މޯލްޑިވިއަން ބްލަޑް ސާވިސަސް
- ތެލަސީމިއާ އެންޑް އަދާ ހީމޮގްލޮބިނޯޕަތީސް ސެންޓާ
- ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
- އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް
- އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
- ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް
- ގަން ރީޖަނަލް ހޮސްޕިޓަލް
- ފުވައްމުލަކު ހޮސްޕިޓަލު
މާލެ ސަރަހައްދުގެ ހޮސްޕިޓަލްތައް ކުރިން ހިންގަމުންދިޔައީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ ބޯޑުން، ހަލީމްގެ ބެލުމުގެ ދަށުންނެވެ. ނަމަވެސް އެމްޓީއެޗްޖީ އެ ބޯޑު މިހާރު ވަނީ އުވާލައިފަ އެވެ. އޭގެއިތުރުން ރަށްރަށުގައި ހުރި ސަރުކާރުގެ ޓާޝަރީ ހޮސްޕިޓަލުތަކުގެ ގަވަނިން ބޯޑުތައް ވެސް ވަނީ އުވާލައިފަ އެވެ.
އިބްރާހިމް އަބްދުއްރައްޒާގު ހަލީމް މީގެ މީގެކުރިން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަގާމުތައް ފުރުއްވާފަ އެވެ. އޭގެ ތެރޭގައި އެމްޓީސީސީ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ހިމެނެ އެވެ.


