ރައްޔިތުންގެ މަޖިލީހުގައި ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން އާންމުންނަށް ހިޔާލު ހުށަހެޅޭ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.
ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ތައާރަފުކުރުމުގެ މަސައްކަތް ކުރަމުންދާ އެ ނިޒާމާ ގުޅޭގޮތުން މައުލޫމާތު ސެޝަނެއް ބާއްވަން ވެސް ވަނީ ނިންމައިފަ އެވެ. އެ ސެޝަން ބާއްވާނީ ނޮވެމްބަރު 5، ގެ ހަވީރު 3:30 ގަ އެވެ.
"އެ ނިޒާމު މިހައިތަނަށް ރޭވިފައިވާ ގޮތާއި އެ ނިޒާމުގެ ތެރެއިން މަސައްކަތް ކުރެވޭނެ ގޮތާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށް ހިޔާލު ހޯދުމުގެ ބައްދަލުވުމެއް ނޮވެމްބަރު 5، 2026 ވާ ބުރާސްފަތި ދުވަހުގެ 3:30 ގައި ބޭއްވުމަށް ހަމަޖެހިފައި ވާތީ އެ ބައްދަލުވުމުގައި އާންމު ރައްޔިތުންނާއި މަދަނީ ޖަމިއްޔާތަކާއި ޖަމާއަތްތަކުން ބައިވެރިވެވަޑައިގަތުމަށް ދައުވަތު އަރުވަން،" މަޖިލިސް އިދާރާއިން ކުރި އިއުލާނެއްގައި ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބައެއް ބިލުތަކަށް އާންމުންގެ ހިޔާލު ހޯދަން މިހާރު ވެސް ހުޅުވައިލަ އެވެ. ނަމަވެސް، އެކަން ކުރަން އޮންނަނީ އީމެއިލް މެދުވެރިކޮށެވެ. އަދި، އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފިނަމަ، އެކަން ހާމަކުރަނީ އެ އިދާރާގެ ރަސްމީ ސޯޝަލްމީޑިއާ އެކައުންޓުތަކާއި ރަސްމީ ވެބްސައިޓު މެދުވެރިކޮށެވެ.
އެހެންކަމުން، ރައްޔިތުންގެ ހިޔާލު ހޯދަން ހުޅުވައިލާ ފުރުސަތުތަކުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފެންނަނީ ގިނަ ފަހަރު ވަރަށް ދަށްކޮށެވެ. ނަމަވެސް، އިލެކްޓްރޯނިކް ނިޒާމެއް މެދުވެރިކޮށް ހިޔާލު ހުށަހެޅޭ ގޮތް ހެދުމުން އާންމުންގެ ހިޔާލު ހުށަހަޅާ މިންވަރު އިތުރުވާނެ ކަމަށް ބެލެވެ އެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީހުން ވަނީ އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަން ހުށަހެޅޭ ގޮތް ވެސް ހަދައިފަ އެވެ. އެ ބަދަލާއެކު ރައްޔިތުންގެ މަޖިލީހަށް ވަރަށް ގިނަ ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައްޔިތުން ދަނީ ޕެޓިޝަން ހުށަހަޅަމުންނެވެ.













