ސެމީ ފައިނަލުގައި، ދ. ޒޯނުގެ ޗެމްޕިއަން، ސެއިންޓް ރެޖިސް ވޮއްމުލި ބަލިކޮށް، ރިސޯޓް ސުޕަ ލީގު ފުޓްސަލް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ސައުތު މާލެ ޒޯންގެ ޗެމްޕިއަން، ސަން ސިޔާމް އޮޅުވެލިން ހޯދައިފި އެވެ.
ބުރާސްފަތި ދުވަހު ހަވީރު ކުޅޭ ފައިނަލުގައި، އޮޅުވެލިން ބައްދަލުކުރާނީ، ނ. އަތޮޅުގެ ޗެމްޕިއަން، ވެލާ ޕްރައިވެޓް އައިލެންޑް މޯލްޑިވްސްއާ އެވެ. މިއީ، ސުޕަ ލީގުގެ ފައިނަލުގައި މި ދެ ޓީމު ކުޅޭ ފުރަތަމަ ފަހަރެވެ.
މިއަދު ކުޅުނު ސެމީ ފައިނަލް މެޗުގެ ފުރިހަަމަ ވަގުތު ހަމަވިއިރު، އޮޅުވެލި އާއި ވޮއްމުލި އޮތީ 2-2 އިން އެއްވަރުވެފަ އެވެ. ވޮއްމުލިން މެޗުގައި ދެ ގޯލުގެ ލީޑެއް ނެގި އެވެ. އެ ޓީމުގެ ކެޕްޓަން، އާމިލް އަލީ އާއި ޝަފީއު ހަސަން ޖެހި ގޯލުތަކުންނެވެ. އެކަމަކު، އޮޅުވެލިން ވަނީ ފަހަތުން އަރައި އެއްވަރުކޮށްފަ އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ، މުހައްމަދު ވިގާމް އާއި އަލީ ޝިއާއު އެވެ.
ނަތީޖާ ނެރެން ޕެނަލްޓީ ޖަހަން ޖެހުނުއިރު، ވޮއްމުލީގެ ފަސް ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ، އާމިލް އަތުންނެވެ. އަނެއްކޮޅުން، އޮޅުވެލިން ވަނީ ފަސް ޕެނަލްޓީ ވެސް ކާމިޔާބުކޮށްފަ އެވެ. ޕެނަލްޓީން ވޮއްމުލީގެ މައްޗަށް އޮޅުވެލި ކުރިހޯދީ 7-6 އިންނެވެ.
ވޮއްމުލީގެ އަނެއް ހަަަތަރު ޕެނަލްޓީ ވައްދާލީ، އިބްރާހިމް ނަސާތު، އިސްމާއިލް ޒަޔާން ސުލައިމާން، އިބްރާހިމް އަލީ އަދި މުހައްމަދު އަލީ އެވެ. އޮޅުވެލީގެ ފަސް ޕެނަލްޓީ ކާމިޔާބުކުރިއިރު، އެ ޕެނަލްޓީތައް ފޮނުވާލީ، އަބްދުﷲ ސިނާން، ނާއިލް ސޮބާހު، އަހުމަދު ޒައިން، އަބްދުﷲ ހާޒިމް އަދި މުހައްމަދު ޔައިޝް ވަހީދު އެވެ.
މިދިޔަ އަހަރުގެ ރިސޯޓް ސުޕަ ލީގުގެ ފައިނަލުގައި ޖޯލި މޯލްޑިވްސްގެ މައްޗަށް ޕެނަލްޓީ ޖަހައިގެން ކުރިހޯދައި، ކޮންރެޑް މޯލްޑިވްސް ރަންގެލި އައިލެންޑުން މުބާރާތުގެ ޗެމްޕިއަންކަން ހޯދި އެވެ. ޖުމެއިރާ އޮޅަހާލި އައިލެންޑްގައި ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، މެޗުގެ ނަތީޖާ ވަނީ 1-1 އިން އެއްވަރުވެފަ އެވެ. އަދި، ނަތީޖާ ނެރެން ޕެނަލްޓީ ޖަހަން ޖެހުނުއިރު، ކޯންރެޑުން ވަނީ ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. ޖޯލި އަށް ދެ ޕެނަލްޓީ ވައްދާލެވުނުއިރު، ޕެނަލްޓީ ނިމުނީ، 4-2 އިން ކޮންރެޑް މޮޅުވެގެންނެވެ.












