މި އަހަރުގެ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ފުޓްސަލް ޓީމަށް ފަސް ބަދަލެއް ގެނައުމަށް ފަހު، އަންނަ މަހު އޮތް ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު އެކުލަވާލައިފި އެވެ.
މި ފަހަރުގެ ސްކޮޑުން ޖާގަ ހޯދި ކުޅުންތެރިންނަކީ، ސާމިން މުހައްމަދު ނަސީރު (ސާންކޮ)، ފައްޔާޒް ފަޔާޒް (ފައިއްޓެ)، ޝަނާން ރަޝާދު، ސާދު މުހައްމަދު ނިޒާރު އަދި އިސްމާއިލް ވަޖީހު (ވައްޖެ) އެވެ. މީގެ ތެރެއިން ވައްޖެ އަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ސްކޮޑުން ޖާގަ ގެއްލުނީ ޗައިނާ ކޭމްޕަަށް ފަހު އެވެ.
ސާފްގެ ތަށި ގެނައި ގައުމީ ފުޓްސަލް ސްކޮޑުން މި ފަހަރު ފުރުސަތު ނުލިބުނު ކުޅުންތެރިންނަކީ، ހުޒައިފަތު ރަޝީދު (ހުޒޭ)، ހުސެއިން ޝަރީފް (އޮންލީ)، އިބްރާހިމް ނާޖިހު (ހޭޓް)، އަބްދުﷲ ޖުނައިދު (ޖެންނޭ) އަދި އަލީ ހައިޝަމް (ޗުމްޕު) އެވެ.
ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމު ކުޅޭނީ އުޒްބެކިސްތާންގެ ކޯޗު، ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން ކަމަށް އެފްއޭއެމް އިން ވަނީ ބުނެފަ އެވެ. އަދި، މި ފަހަރު ވެސް ޓީމުގެ ކެޕްޓަނަކީ، އެފްއޭއެމް އެވޯޑްސްގައި ރާއްޖޭގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިއަކަށް ހޮވުނު މުހައްމަދު އިމްރާން (އިންމި) އެވެ.

އިންމިގެ އިތުރުން މި ފަަހަރުގެ ސްކޮޑުގައި ހިމެނޭ އަނެއް 13 ކުޅުންތެރިންނަކީ، އިޝާން އިބްރާހިމް (ސައްޓު)، އަބްދުﷲ ޝާފިއު (ޝާއްޕެ)، އަހުމަދު ހަމީދު (އައްމަޑޭ)، ޒައިދާން އަހުމަދު (އަސޫ)، އަލީ ޝިޔާހު (ޝިޔަޅޭ)، އަހުމަދު ރާހިލް ރަޝީދު (ރާއްކޮ)، އަލީ ޝަމާލް އަބްދުﷲ (ޝަންމު)، ސާމިން މުހައްމަދު ނަސީރު (ސާންކޮ)، މުހައްމަދު ސާދު ނިޒާރު، ފައްޔާޒް ފަޔާޒް (ފައިއްޓެ)، ޝަނާން ރަޝާދު، އިސްމާއިލް ވަޖީހު (ވައްޖެ) އަދި ހުސެއިން ސުހެއިލް (ސޮކޭ) އެވެ.
ޗައިނާ މުބާރާތަށް ރާއްޖޭން ޓްރެއިނިން ކުރިއަށްގެންދަނީ، ސާފް ފުޓްސަލް ޓީމުގައި ކޯޗިން ސްޓާފުންގެ ގޮތުގައި މަސައްކަތްކުރި، އެސިސްޓަންޓް ކޯޗުން ކަމަށްވާ އަހުމަދު ނިއާޒް (ނިޔާ) އާއި މުހައްމަދު ފުހެއިދު (ޓޯޑް)ގެ ބެލުމުގެ ދަށުންނެވެ. އެފްއޭއެމް އިން ވަނީ ޓްރެއިނިން ކުރިއަށްގެންދަނީ ކޯޗު ޒަކީރޯވްގެ ޕްލޭނާ އެއްގޮތަށް ކަމަށް ބުނެފަ އެވެ.
އިންޑޯގައި ޓްރެއިނިން ކުރިއަށް ހަމަޖެއްސޭތޯ އެފްއޭއެމް އިން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، މިހާތަނަށް އެކަން ކާމިޔާބުވާ ގޮތެއްނުވެ އެވެ. އެހެންކަމުން، މިހާރު މި އޮތްގޮތުން، މުބާރާތުގެ ކުރިން އިންޑޯގައި ޕްރެކްޓިސް ކޮށްލަން ލިބޭނީ މަދު ފަހަރަކު އެވެ.
ޗައިނާ އިންޓަނޭޝަނަލް މުބާާރާތުގައި، ރާއްޖޭން ފުރަތަމަ މެޗުގައި އަންނަ މަހުގެ ފަސް ވަނަ ދުވަހު ކުޅޭނީ ދެކުނު ކޮރެއާއާ އެވެ. ދެ ވަނަ މެޗުގައި އަންނަ މަހު ހަތް ވަނަ ދުވަހު ހޮންގް ކޮންގްއާ އެވެ. އަދި، ފަހު މެޗުގައި އަންނަ މަހު ނުވަ ވަނަ ދުވަހު ޗައިނާއާ ބައްދަލުކުރާނެ އެވެ.
މިދިޔަ ޖެނުއަރީ މަހު ތައިލެންޑުގައި ބޭއްވި ދެކުނު އޭޝިއާގެ ގައުމުތަކުގެ ފުރަތަމަ ފުޓްސަލް މުބާރާތް، ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ދިއުމުގެ ކުރިން، ރާއްޖޭގެ ގައުމީ ޓީމުން ވަނީ ޗައިނާގައި ކޭމްްޕްކޮށްފަ އެވެ. ރާއްޖޭން ސާފްގެ ފުރަތަމަ ފުޓްސަލް ތަށި ހޯދީ ކުޅުނު ހަ މެޗުން ވެސް މޮޅުވެގެންނެވެ.












