ރަސްމާލެ މަޝްރޫއާ ދެކޮޅަށް ފާޅުކުރާ ހިޔާލުތަކާއި ހަރަކާތްތައް ހުއްޓުވޭ ގޮތަށް، ރާއްޖޭގެ އިގުތިސޯދަށް ގެއްލުން ދިނުމަކީ 10 އަހަރާ ހަމައަށް ޖަލަށް ލެވޭނެ ބޮޑު ކުށެއްގެ ގޮތުގައި ހަދަން ސަރުކާރުން ގާނޫނުލްއުގޫބާތު ބަދަލުކުރަން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ފޮނުވި ބިލުގައި ބުނަނީ، ދައުލަތުގެ އިގުތިސޯދަށް ބޮޑު ގެއްލުމެއް ވެދާނެ ކަމަށް ބަލައި ގަސްދުގައި ކުރާ އަމަލުތަކަކީ ޖިނާއީ ބޮޑު ކުށެއް ކަމަށެވެ. މި ގޮތުން ފެނާއި، ކަރަންޓާއި، ދަތުރުފަތުރާއި، މުވާސަލާތީ ހިދުމަތްތައް ފަދަ އަސާސީ ހިދުމަތްތަކަށާއި އުމްރާނީ ވަސީލަތްތަކަށް ހުރަސްއެޅުމާއި، ދައުލަތަށް އާމްދަނީ ލިބޭ މައިގަނޑު ދާއިރާތައް ހުއްޓުވަން އުޅުމަކީ މަނާ ކަންކަމެވެ.
މި މާއްދާގެ ސަބަބުން، ރަސްމާލެއިން ބޭރު ބަޔަކަށް ބިން ދޫކުރުމާ ދެކޮޅަށް އިދިކޮޅުން ހިންގާ "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތް ފަދަ ސިޔާސީ ހަރަކާތްތަކަކީ އިގުތިސޯދަށް ގެއްލުންދޭ އަމަލެއްގެ ގޮތުގައި މާނަކޮށް ފިޔަވަޅު އެޅުމުގެ ޖާގަ ލިބެ އެވެ. އަދި ދައުލަތުގެ އިސް މަގާމެއްގައި ހުރި މީހަކު މިފަދަ ކުށެއް ކޮށްފިނަމަ އެއީ ޖިނާޔަތުގެ 2 ވަނަ ދަރަޖައިގެ ކުށެއް ކަމަށް ވުމުން، މި ހަރަކާތުގައި ބައިވެރިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވެސް 10 އަހަރުގެ ޖަލު ހުކުމެއް އައުމުގެ ބިރު އެބައޮތެވެ.
މީގެ އިތުރުން ރަސްމާލެ ފަދަ ސަރުކާރުގެ ބޮޑެތި މަޝްރޫއުތަކަށް އަމާޒުވާ ފާޑުކިޔުންތަކާއި އިހުތިޖާޖުތައް، އިގުތިސޯދަށް ގެއްލުންދޭ އަމަލުތަކެއްގެ ގޮތުގައި މާނަކޮށް އަޑުއަހާ މީހުން ހައްޔަރުކުރުމުގެ ބާރު ސަރުކާރަށް ލިބިގެންދާނެ ކަމުގެ ކަންބޮޑުވުން އެބައޮތެވެ.
މި ބަދަލުގެ ދަށުން، މިފަދަ އަމަލެއް އާންމު ފަރުދަކު ހިންގައިފިނަމަ އެއް އަހަރާއި ހަތަރު އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އަދި ދައުލަތުގެ ނުވަތަ ސަރުކާރުގެ އިސް މަގާމެއްގައި ހުރި މީހަކު މި ކުށް ކޮށްފި ނަމަ، އެ މީހަކަށް ހަ އަހަރާއި 10 އަހަރާ ދެމެދުގެ ޖަލު އަދަބެއް ކަނޑައެޅޭނެ އެވެ.

ފާޑުކިޔާ ފަރާތްތަކުގެ އަޑު ކަނޑުވާލަން ސަރުކާރުން ފިޔަވަޅުތައް އަޅަމުން އަންނައިރު، ނޫސްވެރިން ކޮންޓްރޯލްކޮށް ބޮޑެތި ފިޔަވަޅު އެޅޭ ގޮތަށް އާ ގާނޫނަކުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން ވެސް މި ސަރުކާރުން ވަނީ އުފައްދައިފަ އެވެ.
މީގެ އިތުރުން ކަޅު ބާޒާރުގެ ޑޮލަރު އަގު ޖެހުން ވެސް ބޮޑެތި ޖޫރިމަނާތަކެއް އަންނަ ކުށަކަށް ވަނީ ހަދައި، މިނިވަން ހިޔާލު ފާޅުކުރުމުގެ ޖާގަ ވަނީ ހަނިކޮށްފަ އެވެ.











