ގަސްގަހާގެހިން ލިބޭ ކާނާ އާއި، ސަރުބީ އަދި ފާމެންޓް ކޮށްފައިވާ ކާނާ ބޭނުންކުރުމުން ހަންގަނޑުގައި ރޫޖެހުން ކުޑަކޮށްދީ، ކޮލަޖަން އިތުރުކޮށްދީ، ހަންގަނޑުގެ އޮމާންކަން ރަނގަޅުކޮށްދެ އެވެ.
ހަންގަނޑަކީ އިންސާނާގެ ހަށިގަނޑުގައިވާ އެންމެ ބޮޑު ގުނަވަނަށް ވާއިރު، މުޅި އުމުރަށް އެ ރައްކާތެރިކަމާއެކު ބަލަހައްޓަން ޖެހެ އެވެ. ހަންގަނޑު ރީތިކޮށް ބެލެހެއްޓުމަކީ ހަމައެކަނި ޒުވާންކަން ދަމަހައްޓައިދޭ ކަމެއް ނޫނެވެ. އެއީ މުޅި ހަށިގަނޑުގެ ދުޅަހެޔޮކަމަށް ވެސް އޭގެ ފައިދާ ކުރާ ކަމެކެވެ.
ނަމަވެސް، ހަށިގަނޑާއި ބޭރުގެ މާހައުލާ ދެމެދު އޮންނަ ހުރަހަކީ ހަންގަނޑު ކަމަށްވުމުން، ތަފާތު އެކި ގޮންޖެހުންތަކާ ހަންގަނޑަށް ކުރިމަތިލާން ޖެހެ އެވެ. ލައިބްނިޒް ރިސާޗް އިންސްޓިޓިއުޓް ފޯ އެންވަޔަރަންމަންޓަލް މެޑިސިންގެ ޑާމަޓޮލޮޖީ ޕްރޮފެސަރު ޖީން ކްރުޓްމަން ވިދާޅުވާ ގޮތުގައި، ވައި ނުސާފުވުމާއި، އޯޒޯން ފަށަލައަށް އަންނަ ބަދަލުތަކާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ހަންގަނޑު މުސްކުޅިވުމަށް މަގުފަހިވެ އެވެ.
ޕްރޮފެސަރު ކްރުޓްމަން ވިދާޅުވީ، ވޭތުވެދިޔަ އެތައް އަހަރެއް ވަންދެން ގަބޫލުކުރެވިފައި އޮތީ ހަންގަނޑު މުސްކުޅިވާ މައިގަނޑު ސަބަބަކީ އިރުގެ އަލްޓްރާވައިލެޓް (ޔޫވީ) ދޯދިތައް ކަމަށެވެ. ނަމަވެސް އެއީ މުޅިން ރަނގަޅު ވިސްނުމެއް ނޫންކަން މިހާރު އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ. އިރުގެ އަލީގައި ހިމެނޭ ފެންނަ އަލި (ވިޒިބަލް ލައިޓް) އާއި އިންފްރާރެޑް ދޯދިތަކުގެ ސަބަބުން ވެސް ހަންގަނޑު މުސްކުޅިވާ ކަމަށާއި، ހޫނުމިން މަތިވުމަކީ ވެސް މިކަމަށް ބާރުފޯރުވާ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، އުމުރުން ދުވަސްވުމަކީ ވެސް ގުދުރަތީ ގޮތުން ހަންގަނޑަށް ބަދަލު އަންނަ ކަމެކެވެ. އުމުރުން ދުވަސްވާ ވަރަކަށް، ހަންގަނޑުގެ އޮނިގަނޑު ހިފަހައްޓައިދޭ ޕްރޮޓީން އެއް ކަމަށްވާ ކޮލަޖަން ހަށިގަނޑުން މަދުވާން ފަށަ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން ހަންގަނޑުގައި ރޫޖެހެން މެދުވެރިވެ އެވެ.

ހަންގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށްޓަކައި ގިނަ ފަހަރަށް އަޅާނުލެވި އޮންނަ އެއް ކަމަކީ އަޅުގަނޑުމެން ކާބޯތަކެތީގެ ގޮތުގައި ބޭނުންކުރާ ތަކެއްޗެވެ. ސިއްހަތަށް ފައިދާހުރި ސަރުބީން ފެށިގެން ގޮހޮރުގެ ދުޅަހެޔޮކަމަށް އެހީތެރިވެދޭ ކާނާއާ ހަމައަށް، ކެއުމުގައި ހިމަނަންވީ ބައެއް ބާވަތްތައް ތިރީގައި އެވަނީ އެވެ.
ގަސްގަހާގެހިން ލިބޭ ކާނާ ގިނައިން ބޭނުންކުރުމަކީ ހަންގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށް މުހިންމު ކަމެއްކަން ގިނަ ދިރާސާތަކުން ދައްކަ އެވެ.
ތަފާތު ކުލަކުލައިގެ މޭވާ އާއި ތަރުކާރީ ކެއުމަށް އާދަކުރުން މުހިންމެވެ. ސަބަބަކީ އޭގައި ހިމެނޭ ބާރުގަދަ އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން، ވައި ނުސާފުވުމާއި އިރުގެ އަލީގެ ސަބަބުން ހަންގަނޑަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދޭތީ އެވެ. ކެރެޓް، މިރުސް އަދި ޓޮމާޓޯ ފަދަ ތަކެއްޗަކީ ލޫޓީން، ލައިކޯޕީން އަދި ބީޓާ-ކެރޮޓީން ހިމެނޭ ކެރޮޓިނޮއިޑްސް އިން މުއްސަނދި ތަކެއްޗެވެ. ފްރީޑްރިކް ޝިލާ ޔުނިވާސިޓީ ޖޭނާގެ ފުޑް ކެމިސްޓްރީ ޕްރޮފެސަރު ވޮލްކާ ބޯމް ވިދާޅުވާ ގޮތުގައި، މި މާއްދާތައް ހަށިގަނޑުގެ ސަރުބީ ހުންނަ ސެލްތަކުގައި ރައްކާކުރެވި، ޔޫވީ ދޯދިތަކުން ހަންގަނޑު ސަލާމަތްކޮށްދެ އެވެ.
އަވިން ރައްކާތެރިވުމަށް ބޭނުންކުރާ ސަންސްކްރީން ބޭނުންކުރުން މުހިންމު ނަމަވެސް، ގިނަ މީހުން އެ ބޭނުންކުރަނީ ހަމައެކަނި ގިނަ ވަގުތު އަވީގައި އުޅޭއިރު ކަމަށް ޕްރޮފެސަރު ބޯމް ފާހަގަކުރެއްވި އެވެ. ނަމަވެސް، ކެރޮޓިނޮއިޑްސް ގިނައިން ހުންނަ ކާނާ ގަވާއިދުން ބޭނުންކުރުމުން، މުޅި އަހަރު ދުވަހު ހަންގަނޑަށް ބޭނުންވާ ޔޫވީ ރައްކާތެރިކަން ގުދުރަތީ ގޮތުން ލިބިދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓޮމާޓޯ ނުވަތަ ކެރެޓް ފަދަ ތަކެއްޗާއެކު ޒައިތޫނި ތެޔޮ ފަދަ ސިއްހަތަށް ފައިދާހުރި ސަރުބީގެ ބާވަތެއް ކުޑަކޮށް ހިމެނުމުން، މި އެންޓިއޮކްސިޑެންޓްތައް ހަށިގަނޑަށް ދަމައިގަތުމަށް ފަސޭހަވެގެންދެ އެވެ.
ބީޓާ-ކެރޮޓީން އަކީ ހަށިގަނޑުގައި ވިޓަމިން އޭ އަށް ބަދަލުވާ މާއްދާއެކެވެ. މިއީ ހަންގަނޑުގެ ސެލްތައް އާވުމަށާއި އިންފެކްޝަންތަކުން ހަންގަނޑު ރައްކާތެރިކުރުމަށް މުހިންމު މާއްދާއެކެވެ.
ކެރޮޓިނޮއިޑްސްގެ އެހީގައި ހަންގަނޑުގެ ސެލްތަކުން ހަޔަލޫރޯނިކް އެސިޑް އުފައްދައިދެ އެވެ. މިއީ ހަންގަނޑު ދެމޭ ގޮތަށް އަދި ވަރުގަދަކޮށް ބެހެއްޓުމަށް އެހީތެރިވެދޭ މާއްދާއެކެވެ. ބާޒާރުގައި ލިބެން ހުންނަ ގިނަ މޮއިސްޗަރައިޒާ ތަކާއި "އެންޓި-އޭޖިން" ކްރީމްތަކުގައި މި މާއްދާ ހިމެނެ އެވެ.
މީގެ އިތުރުން، މި މާއްދާތަކުގެ ސަބަބުން ކޮލަޖަން އިތުރުވުމަށް ވެސް ބާރުފޯރުވަ އެވެ. ކުޑަ ދިރާސާއަކުން ދައްކާ ގޮތުގައި، 10 މަސް ދުވަސް ވަންދެން ކޮންމެ ދުވަހަކު ކެރޮޓިނޮއިޑް ސަޕްލިމެންޓް ބޭނުންކުރި އަންހެނުންގެ ހަންގަނޑުގެ ކޮލަޖަން އާއި އިލާސްޓިންގެ މިންވަރު ރަނގަޅުވެފައިވެ އެވެ. މިއީ ކޮލަޖަން ހަލާކުވުން ހުއްޓުވައިދޭ ކަމެއްކަން މި ދިރާސާއިން އެނގެ އެވެ.
އަދި ކުލަގަދަ މޭވާ އާއި ތަރުކާރީ ގިނައިން ކެއުމުން ހަންގަނޑު އިތުރަށް ތާޒާވެ، އުޖާލާކަން ގެނެސްދޭކަން ވެސް ވަނީ ހޯދިފަ އެވެ.
ޕްރޮފެސަރު ކްރުޓްމަން ވިދާޅުވާ ގޮތުގައި، މި ފައިދާތައް ލިބިގަތުމަށްޓަކައި މިފަދަ ކާނާ ގަވާއިދުން ބޭނުންކުރަން ޖެހެ އެވެ. ބޭނުންކުރާ އެންޓިއޮކްސިޑެންޓަކުން ތިމާވެށީގެ ނޭދެވޭ އަސަރުތަކުން ހަންގަނޑު ރައްކާތެރިކޮށްދޭން ފަށަނީ ގާތްގަނޑަކަށް އަށް ހަފުތާ އާއި 10 ހަފުތާއާ ދެމެދުގެ މުއްދަތެއް ވަންދެން ބޭނުންކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
އަންނާރާއި އަނބަކީ ވެސް އުމުރުން ދުވަސްވާ ވަރަކަށް ހަންގަނޑު ޒުވާންކޮށް ބެހެއްޓުމަށް އެހީތެރިވެދޭ އެއްޗެއްކަން ވަނީ އެނގިފަ އެވެ.
ޔުނިވާސިޓީ އޮފް ކެލިފޯނިއާ ޑޭވިސްގެ ވިވިއަން ފޭމް އިސްވެ ހުންނަވައި، އުމުރުން ދުވަސްވީ އަންހެނުން ބައިވެރިކޮށްގެން ކުރި ދިރާސާއެއްގައި، 16 ހަފުތާ ވަންދެން ހަފުތާއަކު ހަތަރު ފަހަރު 85 ގްރާމްގެ އަނބު ކެއުމަށް ދެވުނެވެ. މި ދިރާސާއިން އެނގުނު ގޮތުގައި، މީގެ ސަބަބުން ހަންގަނޑުގައި ހުރި ރޫތައް ކުޑަވެ، އަލަށް ރޫޖެހޭ މިންވަރު ވެސް މަދުވި އެވެ.
މިކަމާ ގުޅޭ އިތުރު ދިރާސާތައް ބޭނުންވި ނަމަވެސް، ސައިންސްވެރިން ލަފާކުރާ ގޮތުގައި މި ފައިދާ ލިބެނީ އަނބުގައި ހިމެނޭ ކެރޮޓިނޮއިޑްސް އާއި، ފްލޭވޮނޮއިޑްސް އަދި މެންގިފެރިން ފަދަ އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުންނެވެ.
ހައިރާންވާންޖެހޭ ކަމަކީ، ދުވާލަކު 250 ގްރާމަށް ވުރެ ގިނައިން އަނބު ކެއުމުން ހަންގަނޑުގައި ރޫޖެހުން އިތުރުވާކަން މި ދިރާސާއިން ދެއްކުމެވެ. މި ދިރާސާގައި ބައިވެރިވި ޕްރޮފެސަރު ރޮބަޓް ހެކްމަން ވިދާޅުވީ، މިހެން ދިމާވާ ސަބަބު އަދި ސާފުނުވި ނަމަވެސް، އެއީ އަނބުގައި ހަކުރު ހުންނަ މިންވަރު މަތިވުމުން ދިމާވާ ކަމަކަށް ވެދާނެ ކަމަށެވެ.
ޕްރޮފެސަރު ހެކްމަން ވިދާޅުވި ގޮތުގައި، ބޮޑަށް ބެލެވެނީ ހަކުރުގެ ސަބަބުން ހަންގަނޑުގެ މޮލިކިއުލްތަކަށް ގެއްލުން ލިބެނީ ކަމަށެވެ. އަދި މިއީ ކުޑަ ދިރާސާއެއް ނަމަވެސް، މީގެ ފަހުން ކުރެވުނު ދިރާސާތަކުން ވެސް މިފަދަ ނަތީޖާތަކެއް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަނބާއި އޮރެންޖު ފަދަ މޭވާތަކަކީ ވިޓަމިން ސީ އިން މުއްސަނދި ތަކެއްޗެވެ. މި ވިޓަމިންގެ ސަބަބުން ކޮލަޖަން އުފެއްދުމަށް އެހީތެރިވެދޭއިރު، މިއީ އަވިން ލިބޭ ގެއްލުންތަކުން ހަންގަނޑު ރައްކާތެރިކޮށްދޭ އެންޓިއޮކްސިޑެންޓެއް ވެސް މެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ވިޓަމިން ސީގެ ސަބަބުން ހަންގަނޑު ތާޒާކޮށްދީ، ހަންގަނޑުގެ ކުލަ ބަދަލުވުން (ޕިގްމެންޓޭޝަން) ކުޑަކޮށްދެ އެވެ. މި ސަބަބަށްޓަކައި، ސްކިންކެއާ އުފެއްދުންތަކާއި ސަޕްލިމެންޓްތަކުގައި ވިޓަމިން ސީ ވަރަށް ގިނައިން ބޭނުންކުރެ އެވެ.
މައުލޫމާތު: ބީބީސީ




