އިންޓަނެޓްގެ ބޮޑު ބައެއް ހިންގުމަށް ބޭނުންކުރާ ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖްގައި ހުރި ސައިބާ ސެކިއުރިޓީގެ މައްސަލަތަކާ ގުޅިގެން މޯލްޑިވްސް ޑިޖިޓަލް ސާވިސް (އެމްޑީއެސް) އާއި ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ (އެންސީއެސްއޭ) ގުޅިގެން، ސަރުކާރުގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މުހިންމު ސެކިއުރިޓީ ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ.
އެމްޑީއެސް އިން ބުނީ ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި މައްސަލަތަކާ ގުޅިގެން ސަރުކާރުގެ ޑިޖިޓަލް ނިޒާމުތަކަށް ހުއްދަނެތި ވަނުމުގެ ފުރުސަތު އޮތުމާއެކު، ސިސްޓަމްތަކަށް ބޭނުންވާ ސެކިއުރިޓީ ޕެޗްތައް އެޅުމާއި، ނިޒާމުތައް އިތުރަށް ވަރުގަދަކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ޕީއެޗްޕީ ޑިވެލޮޕްމަންޓް ޓީމުން މިހާރު ވަނީ މި މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުން ޕީއެޗްޕީގެ އައު ވާޝަންތައް ނެރެފައި ކަމަށާއި އޭގެ ތެރޭގައި ޕީއެޗްޕީ 8.2.35، 8.3.36، 8.4.27 އަދި 8.5.12 ހިމެނެ އެވެ.
މި ވާޝަންތައް ބޭނުންކުރާ ހުރިހާ ސިސްޓަމްތަކެއް ވީ އެންމެ އަވަހަކަށް އަޕްޑޭޓްކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ހަރުކަށި އިރުޝާދު ދީފަ އެވެ. މި އަޕްޑޭޓްތަކަކީ ސިސްޓަމްތަކުގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި އެމްޑީއެސް އިން ފާހަގަކުރެ އެވެ.
މި ސެކިއުރިޓީ މަސައްކަތްތައް ކުރިއަށްދާއިރު، ސަރުކާރުގެ ބައެއް ޑިޖިޓަލް ހިދުމަތްތަކަށް ވަގުތީ ގޮތުން ބުރޫއެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމްޑީއެސްއިން ބުންޏެވެ ނަމަވެސް އެ ސާވިސް އިން ބުނެފައިވަނީ ހިދުމަތްތަކަށް މެދުވެރިވާ މެދުކެނޑުންތައް ވީހާވެސް ކުޑަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މަސައްކަތް ނިމުނުހާ އަވަހަކަށް ހުރިހާ ހިދުމަތްތަކެއް އާންމު ހާލަތަށް ރުޖޫއަކުރެވޭނެ ކަމަށެވެ.

ސައިބާ ސެކިއުރިޓީއާ ބެހޭ ގިނަ އިދާރާތަކަކުން ވަނީ، ވަގުތުން ވަގުތަށް މި މައްސަލަ ހައްލުކުރެވެން ނެތް އިދާރާތަކުން އެ ފަރާތްތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން ނިއްވާލުމަށް (އޮފްލައިން ކުރުމަށް) ބާރުއަޅާފަ އެވެ.
މި މައްސަލަތައް ފުރަތަމަ ފާހަގަކުރީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެންނެވެ. ސައިބާ ސެކިއުރިޓީ ކުންފުންޏެއް ކަމަށްވާ "ވިޒް" އިން ބުނި ގޮތުގައި، މިއީ ސައިބާ ދާއިރާ ބަދަލުކުރަމުންދާ އޭއައި ޓެކްނޮލޮޖީން މިހާތަނަށް ހޯދި އެންމެ ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކެއް.







