ރަސްމާލެ ޑީލު ވިއްކަން އޭނާ ގާތަށް އައީ ރާއްޖެއިން ކަމަށް އަލައްބާރު ވިދާޅުވި ވާހަކަ ސަރުކާރުން ދޮގުކޮށްފި

ރަސްމާލެ އެގްރިމެންޓުގައި ސޮއި ކުރި ދުވަސް: ސަރުކާރުން ބުނަނީ ޕްރޮޕޯސަލް ހިފައިގެން އައީ އަލައްބާރު ކަމަށް -- ފޮޓޯ: އީގަލް ހިލްސް

ރަސްމާލެ އެގްރިމެންޓުގައި ސޮއި ކުރި ދުވަސް: ސަރުކާރުން ބުނަނީ ޕްރޮޕޯސަލް ހިފައިގެން އައީ އަލައްބާރު ކަމަށް -- ފޮޓޯ: އީގަލް ހިލްސް

ރަސްމާލޭ ޑީލުގެ ޕްރޮޕޯސަލް އޭނާއަށް ހުށަހެޅީ ރާއްޖެއިން ކަމަށް އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވި ވާހަކަ ދިވެހި ސަރުކާރުން ދޮގުކޮށްފި އެވެ. 

ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމްއަށް ފޮނުވި ރަސްމީ ސިޓީއެއްގައި ބުނެފައި ވަނީ ރަސްމާލެ ޑީލުގެ ކޮމާޝަލް ޓާމްސްގައި ސެޕްޓެމްބަރު 21، ގައި ސޮއި ކުރީ އީގަލް ހިލްސް އިން ހުށަހެޅި ޕްރޮޕޯސަލެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. 

"... ކޮމާޝަލް ޓާމްސް އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.22 ވަނަ މާއްދާގެ ނ. ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އަމިއްލަ ފަރާތްތަކުން އިސް ނަގައިގެން ހުށަހަޅާ މަޝްރޫއުތަކާ ގުޅޭ އުސޫލު [ޕްރައިވެޓް ސެކްޓާ އިނީޝިއޭޓެޑް ޕްރޮޕޯސަލް އުސޫލު -ޕީއެސްއައިޕީ] ގެ ދަށުން،" ހައުސިން މިނިސްޓްރީގެ ސްޓޭޓް އަހުމަދު ނާޒިމް މުހައްމަދު ސޮއި ކުރައްވާ ފޮނުވާފައިވާ އެ ސިޓީގައި ބުނެފައިވެ އެވެ. 

Advertisement

ސިޓީގައި ހަވާލާދީފައިވާ މާއްދާގައި ބުނެފައި ވަނީ "އަންސޮލިސިޓެޑް ޕްރޮޕޯޒަލެއް ސަރުކާރަށް ހުށަހެޅޭ ހާލަތުގައި، އެ ހުށަހެޅުމަކާމެދު ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން އެ މަޝްރޫއެއް ކުރިޔަށް ގެންދިއުމަށް ނިންމިދާނެ" ކަމަށެވެ. 

ސަރުކާރުން މެންބަރު މުހައްމަދު އިބްރާހިމްއަށް އެ ސިޓީ ފޮނުވީ ސެޕްޓެމްބަރު މިދިޔަ ބުރާސްފަތި ދުވަހެވެ. ކޮމާޝަލް ޓާމްސް އެއްބަސްވުމުގައި ސޮއި ކުރިތާ ހަ ދުވަސް ފަހުން ރާއްޖޭގެ ބައެއް މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި އަލައްބާރު ވިދާޅުވީ، ރަސްމާލެ ޕްރޮޕޯސަލް ހިފައިގެން އޭނާ ގާތަށް އައީ ސަރުކާރުން ކަމަށެވެ. 

"ހަގީގަތީ، ދުނިޔޭގެ އެންމެންނަށް ވެސް ދިވެހިރާއްޖެއަކީ ހުވަފެނެއް ކަހަލަ ތަނެއް. އެމީހުން [ދިވެހި ސަރުކާރުން] އަހަރުމެންނާ ވާހަކަ ދައްކަން ބޭނުންވާ ހަބަރު ލިބުމުން އަހަންނަށް އިންތަނުން ފުންމައިގަނެވުނު. އޭގެ ސަބަބަކީ މުޅި ދުނިޔޭގައި ވެސް އޮންނާނީ އެންމެ ދިވެހިރާއްޖެއެއް،" ސެޕްޓެމްބަރު 26، ގައި އަލައްބާރު ވިދާޅުވެފައިވެ އެވެ. 

އޭގެ އިތުރުން ވެސް ރަސްމާލެ ޑީލާ ގުޅޭ ގޮތުން ވަރަށް ގިނަ ކަންކަމުގައި އީގަލް ހިލްސް އާއި ސަރުކާރުން ބުނެފައިވާ ވާހަކަ ދިމާނުވެފައި އެބަހުއްޓެވެ. އޭގެ ތެރޭގައި، ރަސްމާލެއަށް އިންވެސްޓު ކުރާނެ ކަމަށް ބުނާ އަދަދާއި އެތަނުގެ ކުލީގެ މުއްދަތު ވެސް ހިމެނެ އެވެ. 

ސަރުކާރުން ބުނަނީ އީގަލް ހިލްސްއަށް ރަސްމާލެ ވިއްކާލަނީ 99 އަހަރަށް ކަމަށެވެ. ނަމަވެސް އީގަލް ހިލްސް އިން ބުނެފައި ވަނީ ސަރުކާރުން އެ ބުނާ 99 އަހަރުގެ މުއްދަތު ހަމަވުމުގެ ކުރިން ރަސްމާލޭގެ ޕްރޮޕަޓީއެއް ވިއްކާލައިފި ނަމަ ނުވަތަ ހިބައިން ދީފި ނަމަ 99 އަހަރުގެ ކުލީގެ އާ މުއްދަތެއް ފެށޭނެ ކަމަށެވެ. 

"މިތަނުގެ ޕްރޮޕަޓީސްތައް ކުއްޔަށް ދޭނީ ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން 99 އަހަރަށް. އެތަންތަނުގެ ހައްގުތައް ވިއްކައިގެން ނުވަތަ ވާރުތައިން ވެސް އެހެން ފަރާތަކަށް ބަދަލުކޮށްފި ނަމަ 99 އަހަރުގެ އާ ކުލީގެ މުއްދަތެއް ފެށޭނެ. މީގެ ސަބަބުން އެތަން ގަންނަ ފަރާތްތަކުގެ އަތުގައި އެތައް ޖީލަކަށް އެތަންތަން ދެމިގެންދާނެ،" އީގަލް ހިލްސް އިން ބުނެފައިވެ އެވެ. 

ރަސްމާލެއިން ގަންނަ ޕްރޮޕަޓީތައް ތާއަބަދަށް ދެމިގެންދާނެ ކަމަށް ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވި ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވެސް ވިދާޅުވެފައިވެ އެވެ. 

"ރަސްމާލޭން ޕްރޮޕަޓީ ގަންނަ ފަރާތުގެ މިލްކަކީ އެ ޕްރޮޕަޓީއެކެވެ. އެ ޕްރޮޕަޓީ ހިމެނޭ ބިމަކީ ދިވެހި ދައުލަތުގެ މިލްކެއް. އެ ޕްރޮޕަޓީއެއް ވިއްކާލާ ނަމަ، ނުވަތަ އެފަރާތެއް މަރުވުމުން ވާރުތަވާ ނަމަ، ވާރުތަވާނީ ދިވެހި ސަރުކާރުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހުއްދަކުރާނަމަ،" މުއްތަލިބު ވިދާޅުވި އެވެ. 

ނަމަވެސް ސަރުކާރުން މިހާރު ބުނަނީ ރަސްމާލޭގެ ބިން ވެސް އަދި އެތަނުން ގަންނަ ޕްރޮޕަޓީއެއް ވެސް 99 އަހަރަށް ވުރެ އިތުރަށް އެއްވެސް މީހަކަށް ނުލިބޭނެ ކަމަށެވެ.

ސަރުކާރުން ބުނަނީ ރަސްމާލެއަށް އީގަލް ހިލްސް އިން 20 ބިލިއަން ޑޮލަރު އިންވެސްޓު ކުރާނެ ކަމަށެވެ. އެކަމަކު އީގަލް ހިލްސް އިން ބުނަނީ އެ ކުންފުނިން އިންވެސްޓު ކުރާނީ 12 ބިލިއަން ޑޮލަރު ކަމަށެވެ. އަލައްބާރު ފަހުން ވިދާޅުވީ 20 ބިލިއަން ޑޮލަރަކީ އެތަނުގެ މަސައްކަތް ނިމުމުން ތަނުގެ އަގު ހުންނާނެ މިންވަރު ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގައުމިއްޔަތު މާއްދާގެ ފޮތްތަކަށް ބައެއް ބަދަލު ގެންނަނީ

ސްކޫލްތަކުގައި ކިޔަވައިދޭ ގައުމިއްޔަތު މާއްދާގެ ތެރެއަށް ކާބަފައިންގެ ރިވެތި އަހުލާގާއި ސުލޫކު ހިމެނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި. މި ބަދަލުތައް ގެންނަނީ "ބިންގާ" ޕްރޮގްރާމުން ލިބުނު ތަޖުރިބާގެ އަލީގައި ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މާއްދާގެ ފޮތްތަކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެ ހިއްކަން ހަރަދު ވާނީ 330 މިލިއަން ޑޮލަރު: މުއްތަލިބު

ރަސްމާލެ މަޝްރޫއަށް ކުރިން އަންދާޒާކުރި 500-700 މިލިއަން ޑޮލަރުގެ ބަދަލުގައި، މިހާރު މުޅި މަޝްރޫއަށް ހަރަދުވާނީ 330 މިލިއަން ޑޮލަރު ކަމަށް މުއްތަލިބު ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ މި އަގު ކުޑަކުރެވުނީ ޑްރެޖަރު ޗާޓަރުކޮށްގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަސައްކަތް ކުރިއަށްގެންދާތީ ކަމަށް.

ރަސްމާލެ މަޝްރޫއަށް ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ: އަލިމަނިކު

ރަސްމާލެ މަޝްރޫއުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ކުރިމަތިވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެ މަޝްރޫއު ކުރިއަށްގެންދިއުމާ މެދު އާންމު ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދުމަށް އިޖުތިމާއީ ހިދުމަތްތެރިޔާ އަހުމަދު އަލިމަނިކު ގޮވާލައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ބޮޑު މަޝްރޫއެއް މަދު ބަޔަކު ނިންމުމުގެ ބަދަލުގައި، ގިނަ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ނިންމުމަކީ މުސްތަގުބަލަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

ޗާގޯސް ކޮމިޝަންގެ ރައީސާއި އިތުރު މެންބަރަކު ބަދަލުކޮށްފި

ޗާގޯސް މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނަށް އަށް ދުވަސް ނުވަނީސް، އޭގެ ރައީސާއި އިތުރު މެންބަރަކު ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލުކުރައްވައިފި. މިގޮތުން ކޮމިޝަނުގެ އާ ރައީސަކަށް އަބްދުލްއަޒީޒު ޔޫސުފް އައްޔަންކުރައްވާފައިވާއިރު، ތިން މަސް ދުވަހުގެ ތެރޭގައި ތަހުގީގު ނިންމުމަށް އެ ކޮމިޝަނަށް ވަނީ މުއްދަތު ދެއްވާފަ.

ދިވެހިން ހިއްސާވާ ރިސޯޓުތައް ތަރައްގީ ކުރަން ކުންފުންޏެއް

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ 10 ރިސޯޓުން ލިބޭ ފައިދާ، ގާނޫނަކުން ކަނޑައެޅޭ އުސޫލެއްގެ މަތިން ކޮންމެ ދިވެހި ރައްޔިތެއްގެ ބޭންކް އެކައުންޓަށް ބޭރު ފައިސާއިން އަހަރަކު އެއްފަހަރު ޖަމާކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ބަހުސްކުރާނެ މެންބަރަކު ނުވެގެން ބަޖެޓު ޖަލްސާ ނިންމާލައިފި

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރާނެ އިތުރު މެންބަރަކު ނެތުމުން، ދޮޅު ގަޑިއިރަށް ފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ނިންމާލާފަ. ރިޔާސަތުން ވަނީ ބަޖެޓު ބަހުސް ވަކި ތާރީޚަކަށް ނިންމަންޖެހޭތީ، ފަހު ވަގުތަށް މަޑުނުކޮށް މެންބަރުން ވާހަކަދެއްކެވުމަށް ބާރުއަޅުއްވާފަ.

Newsletter

Get the latest news delivered straight to your inbox