ބަރުދަން ލުއިކުރުމަށް ބޭނުންކުރާ ބޭސްތަކުގެ ސަބަބުން ނިޔަފަތި ނެއްޓުމުގެ ފުރުސަތު ބޮޑުވެދާނެ ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.
ގާތްގަނޑަކަށް 2،000 މީހުން ބައިވެރިކޮށްގެން ހެދި މި ދިރާސާގެ ނަތީޖާ އަދި އެހެން ސައިންސްވެރިން މުރާޖައާކޮށްފައި ނުވި ނަމަވެސް، ދިރާސާ ކުރި ފަރާތްތަކުން ބުނާ ގޮތުގައި "ޖީއެލްޕީ-1" ބޭސްތައް ބޭނުންކުރާ މީހުންގެ ނިޔަފަތި ނެއްޓުމުގެ ފުރުސަތު، އެ ބޭސް ބޭނުން ނުކުރާ މީހުންނަށްވުރެ ހަތަރު ގުނަ އިތުރެވެ.
މީހާގެ އުމުރާއި، ޖިންސާއި، ދިރިއުޅޭ ގައުމުގެ އިތުރުން ސިއްހީ ހާލަތަށް ބަލައި ދިރާސާގެ ނަތީޖާ އަލުން ވަޒަންކުރި ނަމަވެސް، ޖީއެލްޕީ-1 ބޭސް ބޭނުންކުރާ މީހުންގެ މެދުގައި ނިޔަފަތި ނެއްޓުމުގެ މައްސަލަ މަދުވެގެން ދެ ގުނަ އިތުރުކަން ވަނީ ފާހަގަކުރެވިފަ އެވެ.
ޖުމްލަ ގޮތެއްގައި ބަލާއިރު، ޖީއެލްޕީ-1 ބޭސް ބޭނުންކުރާ މީހުންގެ ތެރެއިން 66 އިންސައްތަ މީހުން ނިޔަފަތީގެ ކޮންމެވެސް މައްސަލައެއް ތަހައްމަލުކުރާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ. މިއާ ހިލާފަށް، އެ ބޭސް ބޭނުން ނުކުރާ މީހުންގެ ތެރެއިން މިފަދަ މައްސަލަތައް ދިމާވަނީ 53 އިންސައްތަ މީހުންނަށެވެ.
މީގެ އިތުރުން، ނިޔަފަތީގެ ކުލަ ބަދަލުވުމުގެ މައްސަލައަކީ ވެސް މި ބޭސް ބޭނުންކުރާ މީހުންގެ މެދުގައި އާންމު ކަމެކެވެ. އެގޮތުން ބޭސް ބޭނުންކުރާ މީހުންގެ 46 އިންސައްތަ މީހުންނަށް މި މައްސަލަ ދިމާވާއިރު، ބޭސް ބޭނުން ނުކުރާ މީހުންގެ ތެރެއިން މި މައްސަލަ ދިމާވަނީ އެންމެ 17 އިންސައްތަ މީހުންނަށެވެ.

"މިހާތަނަށް ޖީއެލްޕީ-1 ބޭސްތަކާ ގުޅިގެން ނިޔަފަތިތަކަށް އަންނަ ބަދަލުތަކަކީ ހަމައެކަނި ދެކެވޭ ވާހަކަތަކެއްގެ ގޮތުގައި އޮތް ކަމެއް،" މި ދިރާސާގައި ބައިވެރިވި އަދި 2026 ވަނަ އަހަރުގެ ޔޫރަޕިއަން އެކަޑަމީ އޮފް ޑާމަޓޮލޮޖީ އެންޑް ވެނެރިއޮލޮޖީ ކޮންގްރެސްގައި މި ހޯދުންތައް ހުށަހެޅުއްވި ޑރ. ޗާލްސް ޓައިބް ވިދާޅުވި އެވެ.
ޑރ. ޓައިބް އިތުރަށް ވިދާޅުވީ، މި ހޯދުންތަކުން ބޭހާއި ނިޔަފަތީގެ މައްސަލަތަކާ ސީދާ ގުޅުމެއް ހުރިކަން ހާމަވާ ކަމަށެވެ. ނަމަވެސް، ޖީއެލްޕީ-1 ބޭސް ބޭނުންކުރާ މުއްދަތުގައި ދިމާވާ ހުރިހާ ކަމަކީ ސީދާ އެ ބޭހުގެ ސަބަބުން ދިމާވާ ކަންކަން ނޫންކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ދިރާސާ ކުރި ފަރާތްތަކުން އިންޒާރު ދޭ ގޮތުގައި، ނިޔަފަތިތަކަށް އަންނަ މި ބަދަލުތަކަކީ ސީދާ ޖީއެލްޕީ-1 ބޭހުގެ ސަބަބުން ދިމާވާ ކަމަކަށް ނުވެދާނެ އެވެ. އޭގެ ބަދަލުގައި، މިއީ ބޭސް ބޭނުންކުރުމުން ކާހިތްވުން ކުޑަވެ، ބަރުދަން ވަރަށް އަވަހަށް ލުއިވުމުގެ ސަބަބުން ދިމާވާ ނުސީދާ އަސަރަކަށް ވުން އެކަށީގެންވެ އެވެ.
ލަންޑަނުގެ ގާއިސް އެންޑް ސެއިންޓް ތޯމަސް ހޮސްޕިޓަލްގެ ކޮންސަލްޓަންޓް ޑާމަޓޮލޮޖިސްޓް ޑރ. ކްރިސްޓޯސް ޓްޒިއޮޓްޒިއޯސް ވިދާޅުވީ، ބަރުދަން ވަރަށް އަވަހަށް ލުއިވުމާއި، ކާ މިންވަރު މަދުވުމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ޕްރޮޓީން، ދަގަނޑު އަދި ޒިންކް ފަދަ މާއްދާތައް މަދުވެ، ނިޔަފަތި ހެދިބޮޑުވުމަށް ހުރަސްއެޅޭ ކަމަށެވެ.
އޭނާ ތަފްސީލުކޮށްދެއްވި ގޮތުގައި، ބައެއް ހާލަތްތަކުގައި މިކަމުގެ ސަބަބުން ނިޔަފަތި ދޫވެ، ނިޔަފަތީގެ ދަށުގައިވާ ހަންގަނޑާ ވަކިވާގޮތް ދިމާވެ އެވެ.
މި ދިރާސާގައި ފްރާންސް، އެމެރިކާ، ބްރެޒިލް އަދި މެކްސިކޯގެ 1،900 އަށްވުރެ ގިނަ މީހުން ބައިވެރިކޮށްފައިވެ އެވެ. މީގެ ތެރެއިން 575 މީހުންނަކީ ޖީއެލްޕީ-1 ބޭސް ބޭނުންކުރާ މީހުންނެވެ. ބާކީ ތިބި މީހުންނަކީ މާބޮޑަށް ފަލަވުމުގެ މައްސަލަ ނުވަތަ ޓައިޕް 2 ހަކުރުބަލި ހުރި ނަމަވެސް، ދުވަހަކުވެސް އެ ބޭސް ބޭނުންކޮށްފައި ނުވާ މީހުންނެވެ.
ހަމަ މި މީހުން ބައިވެރިކޮށްގެން ހެދި އެހެން ދިރާސާއަކުން ދެއްކި ގޮތުގައި، ޖީއެލްޕީ-1 ބޭސް ބޭނުންކުރާ މީހުންގެ އިސްތަށި ފޭބުމުގެ ފުރުސަތު ވެސް ދެ ގުނައަށް ވުރެ އިތުރެވެ.
"މިކަމުން އެނގެނީ ބޮލުގެ ހަންގަނޑަށް ދިމާވާ މި މައްސަލަތަކަކީ ހަމައެކަނި ބަރުދަން ލުއިވުމުން އާންމުކޮށް އިސްތަށި ފައިބާ ގޮތަށްވުރެ ފުން، ހަށިގަނޑުގެ ދިފާއީ ނިޒާމާ ގުޅުންހުރި ކަމެއްގެ ސަބަބުން ދިމާވާ ކަމެއް ކަން،" ދިރާސާގައި ބައިވެރިވި ޑރ. ބްރޫނޯ ހަލިއޯއާ ވިދާޅުވި އެވެ.
އެހެންނަމަވެސް، ޑރ. ޓްޒިއޮޓްޒިއޯސް ފާހަގަކުރެއްވި ގޮތުގައި ޖީއެލްޕީ-1 ބޭހުގެ ސަބަބުން ސީދާ އިސްތަށިގަނޑަށާއި ނިޔަފަތިތަކަށް ބަދަލު އަންނަކަން އަދި ސާބިތެއް ނުވެ އެވެ. އޭނާ ވިދާޅުވީ މި ދިރާސާތަކުން ދައްކަނީ ގުޅުމެއް ހުރިކަން ކަމަށާއި، އެއީ ސީދާ އެ ބޭހުގެ ސަބަބުން ވާކަމެއް ކަމަށް ނިންމޭކަށް ނެތް ކަމަށެވެ.
ޑރ. ޓްޒިއޮޓްޒިއޯސް ވިދާޅުވާ ގޮތުގައި، އިސްތަށި ފޭބުމަކީ 'ޓެލޯޖެން އެފްލޫވިއަމް' ކަމަށް ވެދާނެ އެވެ. މިއީ ބަރުދަން ވަރަށް އަވަހަށް ލުއިވުން ފަދަ ކަންކަމުގެ ސަބަބުން ހަށިގަނޑަށް ކުރިމަތިވާ ސްޓްރެސްއާ ގުޅިގެން ވަގުތީ ގޮތުން އިސްތަށި ފައިބާ ހާލަތެކެވެ.
އޭނާ އިތުރަށް ވިދާޅުވީ، ބަރުދަން ލުއިވުމަށްފަހު އިސްތަށިގަނޑަށާއި ނިޔަފަތިތަކަށް އަންނަ ބަދަލުތަކަކީ އާންމުކޮށް ރަނގަޅުވާ ކަންކަން ކަމަށެވެ. ނަމަވެސް، އަތުގެ ނިޔަފަތި އަލުން ފަޅައި ފުރިހަމަވުމަށް ހަ މަސް ދުވަސް ނަގާއިރު، ފައިގެ ނިޔަފަތި ފަޅަން އެއަށްވުރެ ގިނަ ދުވަސް ނަގާނެ އެވެ.
ހަކުރުބައްޔަށާއި، ބަރުދަން ކޮންޓްރޯލް ކުރުމަށް ނުވަތަ ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަކުރުމަށް ޖީއެލްޕީ-1 ބޭސް ބޭނުންކުރާ މީހުންނަށް ޑރ. ޓްޒިއޮޓްޒިއޯސް ލަފާދެއްވަނީ، މި ބޭހުން ލިބޭ ފައިދާ މިފަދަ ކުދި ސައިޑް އިފެކްޓްތަކަށް ވުރެ މާ ބޮޑު ކަމަށެވެ. އެހެންކަމުން، މި ދިރާސާގެ ސަބަބުން އެއްވެސް މީހަކު ބޭސް ބޭނުންކުރުން ހުއްޓާލައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މައުލޫމާތު: ބީބީސީ ސައިންސް ފޯކަސް




