ހުޅުމާލެ ފޭސް 2، ގައި ތިން މީހުން އަރުވައިގެން ދުއްވި ސައިކަލެއް ފުލުހުންނަށް ފިލަން އުޅެނިކޮށް ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހުންނަށް އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދޭކަން އެނގިއްޖެ އެވެ.
އައިޖީއެމްއެޗް ހޮސްޕިޓަލުން އަދަދު އަށް ބުނީ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންނަށް ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުންދާއިރު، ދެން ތިބި ތިން މީހުންނަށް ފަރުވާ ދެމުންދަނީ ވޯޑުގައި ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުންދާ ދެ މީހުންގެ ތެރެއިން އެކަކުގެ ސިކުނޑިއަށް ވަނީ ލޭ އެޅިފަ އެވެ. އޭގެއިތުރުން ވޯޑުގައި ފަރުވާ ދެމުންދާ ތިން މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށްވެސް މައުލޫމާތު ލިބެ އެވެ.
ގަވާއިދާ އެއްގޮތަށް ދުއްވި ސައިކަލުގައި ތިބި މީހުންގެ އާއިލާއިން ބުނީ އެކްސިޑެންޓުގެ މައްސަލަ ރަނގަޅަށް ތަހުގީގުކޮށް، ވީގޮތް ހާމަކުރަން އެދޭ ކަމަށެވެ. އޭގެއިތުރުން މިއީ އާދައިގެ އެކްސިޑެންޓެއް ގޮތުގައި ނުދެކުމަށްވެސް އާއިލާއިން ވަނީ އެދިފަ އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގަން މެދުވެރިވި އެއް ސައިކަލުގައި ތިން މީހުން އަރައިގެން ދަތުރުކޮށްފައިވަނީ ވަންވޭއާ ހިލާފަށް ކަމަށާއި އެއީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށްވެސް ބެލެވޭ ކަމަށެވެ. އޭގެއިތުރުން އެ ސައިކަލު ދުއްވަން އިން މީހާ އަތުގައި ލައިސަންސް ނެތް ކަމަށްވެސް ފުލުހުން ބުންޏެވެ.











