ދޫނުކޮށް ހުރި ފަހި ފްލެޓުތައް ސިއްރިޔާތުގައި ސަރުކާރުން ދޫކުރަމުންދާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތުހުމަތު ކުރައްވައިފި އެވެ.
އެފްޑީސީގެ ފްލެޓަކަށް އިއްޔެ ހަވީރު ވަޑައިގަތުމަށް ފަހު ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުގައި ސޯލިހު ވިދާޅުވީ، އެއްބަސްވުންތަކުގައި އެމަނިކުފާނުގެ ސަރުކާރު ނިމުނުއިރު ދޫކޮށް ހުރި ފްލެޓުތައް މި ސަރުކާރުން ސިއްރިޔާތުގައި ސަރުކާރާ ގުޅުން ހުރި ފަރާތްތަކަށް ދޫކުރަމުންދާ ކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
"އަޅުގަނޑަށް އިހަށް ދުވަހު މީހަކު ގުޅާފައި ބުނި، ތިމަންނައަށް މިހާރު ލިބިއްޖެއޭ ފްލެޓް. އެއީ ތިމަންނަ މި އުޅެނީ ސަރުކާރުގައޭ، ތިމަންނަގެ ބޭބެއަށް ހޯދައިދީފީމޭ މިހާރު ފްލެޓެއް. އެއީ އެހެން ބާކީ ބަހައްޓާ ހުރި ފްލެޓްތަކެއް ތެރެއިން،" ސޯލިހު ވިދާޅުވި އެވެ.
މި ސަރުކާރުން މީހުންނަށް ނުދީ ސަތޭކަ ފަސްދޮޅަހަކަށް ފްލެޓު ހިފެހެއްޓި ކަމަށާއި އޭގެ ތެރެއިން ބޭނުންވާ ބަޔަކަށް ދޫކުރަމުން ގޮސް، އަދިވެސް ހަތްދިހަ ވަރަކަށް ފްލެޓު އެބަހުރި ކަމަށް ސޯލިހު ވިދާޅުވި އެވެ.
އެމްޑީޕީގެ ވެރިކަމުގައި 4000 ގެ ތެރެއިން ފެލްޓު ލިބޭނެ ކަމުގެ ލިޔުންދިން 300 ވަރަކަށް މީހުންނަށް މި ސަރުކާރުން ފްލެޓު ނުދީ އެބަ ހުރި ކަމަށާއި ދެން އުފެދޭނީ އެމްޑީޕީ ސަރުކާރެއް ކަމަށާއި އެ ސަރުކާރުގައި އެ ފަރާތްތަކަށް ފްލެޓު ދޭނެ ކަމަށާއި އަދި އެމްޑީޕީން ކަނޑައެޅި އަގުތަކަށް ފްލެޓުތަކުގެ އަގު ވެސް ތިރި ކުރާނެ ކަމަށް ސޯލިހު ވިދާޅުވި އެވެ.












