ރަސްމާލެ މަޝްރޫއަކީ އުފެދުމުގައި ވެސް އޮޅުވާލުމެއް، ޔޫއޭއީއާ އެކު އޮތް ގުޅުން ކެނޑިދާނެ: ޝާހިދު

Oct 4, 2026, 9:03 AM
އެމްޑީޕީގެ ކޮންގްރެސް ނިންމުމަށް ރޭ ބޭއްވި ޖަލްސާގައި ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ކޮންގްރެސް ނިންމުމަށް ރޭ ބޭއްވި ޖަލްސާގައި ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އެމްޑީޕީ

ރަސްމާލޭގެ 500 ހެކްޓަރު ޔޫނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސްއަށް ދޭން އެއްބަސްވި މަޝްރޫއަކީ އުފެދުމުގައި ވެސް އޮޅުވާލުންތަކެއް އެކުލެވިގެންވާ މަޝްރޫއެއް ކަމަށާއި، މިކަމުގެ ސަބަބުން ޔޫއޭއީ ފަދަ އެކުވެރި ދައުލަތްތަކާ އޮންނަ ގުޅުން ކެނޑިދާނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޒާރު ދެއްވައިފި އެވެ.

އެމްޑީޕީގެ ފަސް ވަނަ ކޮންގްރެސް ނިންމުމަށް ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ރައީސްކަން ކުރިން ކުރެއްވި ޝާހިދު ވިދާޅުވީ ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލެ އެއްބަސްވުމަކީ "ޑިސެޕްޓަސް އަބް އިނީޝިއޯ" ނުވަތަ އުފެދުމުގައި ވެސް އޮޅުވާލުން އޮތް އެއްބަސްވުމެއް ކަމަށެވެ.

ޝާހިދު ވިދާޅުވީ މި ސަރުކާރުން ބޭރުގެ ކުންފުނިތަކާއި ދައުލަތްތަކާއެކު ވާ އެއްބަސްވުންތަކުގައި އެއްވެސް ހާމަކަންބޮޑު ސިޔާސަތެއް ނެތް ކަމަށެވެ. ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގައި އޮތް އެއްޗެއް ރައްޔިތުންނަށް ނޭނގޭއިރު، ފަޅު ހިއްކުމަށް ފައިސާ ހަރަދުކުރި ގޮތާއި، އަދި އީގަލް ހިލްސްއާއެކު އެއްބަސްވުން ގޮތުގައިވެސް އޮތީ އޮޅުވާލުން ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

"އެފަޅު ހިއްކުމުގައި ވެސް، ފައިސާ ހަރަދުކުރި ގޮތުގައި ވެސް އޮޅުވާލުން. ވެލި އެޅުމުގައި ވެސް ހުރިހާ ކަމެއްގައި ވެސް ބޮޑުތަނުން އޮޅުވާލުން،" އދ. އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ޝާހިދު ވިދާޅުވި އެވެ.

"ދިން ގޮތް ވެސް އެގްރިމެންޓް ވެސް އޮޅުވާލީ. ކުރިން ހަނދުމަފުޅު ހުންނާނެ އަޅުގަނޑުމެންގެ ތެރެއަށް ގެނެސްދެއްވި ވޮއިޑް އަބް އިނީޝިއޯ ކިޔާ ލަފުޒެއް. މިއީ އޭގެ އެއްމާބަނޑު ދެބޭން."

މިފަދަ ސިއްރު އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ބޭރުގެ ގުޅުންތަކަށް ބުރޫއަރައި، އިގުތިސާދީ ގޮތުން ނިކަމެތިކަން ލިބޭނެ ކަމަށް ޝާހިދު ފާހަގަކުރެއްވި އެވެ.  މިކަމުގެ ނަތީޖާއަކަށް ވާނީ "ޑިޕްލޮމެޓިކް ހާލަތެއްގެ ހަތަރު އަނގޮޅިއަކަށް ދިވެހިން ގެންދާ ހިނދުކޮޅަކަށް" ވުމަށް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. 

ޝާހިދު ވިދާޅުވީ ރާއްޖެއަކީ ކުޑަ ގައުމަކަށްވާއިރު، ބައިނަލްއަގުވާމީ ގުޅުންތައް ކެނޑުމަކީ އިގުތިސާދަށް ތަހައްމަލު ނުކުރެވޭނެ ވަރުގެ ބޮޑު ގެއްލުމެއް ކަމަށެވެ. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރެވޭނީ އަވަށްޓެރިންނާ ގާތް ގުޅުމެއް ބާއްވައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދުނިޔެ މިދަނީ ދުވަހެއް ދުވަހަކަށް ބަވަނަ ވަމުން. އިންޓަގްރޭޓް ވަމުން. އެކެއް އަނެކެއް ނުލައި މިދުނިޔޭގައި ނޫޅެވޭނެ. އެއް ގައުމެއް އަނެއް ގައުމެއްގެ ޑިޕްލޮމެޓިކް ގުޅުމަކީ މިއަދު ދުނިޔޭގެ އިގުތިސާދުގެ ކަންވާރު. އެކަންވާރު ބުރިވެއްޖެ ނަމަ ރާއްޖެފަދަ ކުޑަ ގައުމެއްގެ އިގުތިސާދަށް އަންނާނީ ހީވެސް ނުކުރާ ފަދަ ލޮޅުމެއް. އޭގެ ނިކަމެތިކަން ތަހައްމަލުކުރަންޖެހޭނީ ވިޔަފާރި ތަކަށާއި އާންމު ރައްޔިތުންނަށް،" 

ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކުރުމުގެ ނަމުގައި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހިއްކަމުންދާ ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ދޫކޮށްލަން ނިންމާފައި ވަނީ ނިމުމެއްނެއް 99 އަހަރަށެވެ. އެ ކުންފުންޏަށް ރަސްމާލެ ވިއްކާލުމަށް ޝަރުތުތަކަށް އެއްބަސްވުމަށް ފަހު، އެކަމާމެދު ރައްޔިތުންގެ ގިނަ ބަޔަކު ނުރުހުން ފާޅުކުރަން ފެށުމުން ސަރުކާރުން ބުނެފައި ވަނީ އަސްލު އެއްބަސްވުމުގައި ސޮއިކުރާނީ ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ފަހު އެވެ. 

މިފަދަ ގޮތަކަށް ރަސްމާލެ ދޫކޮށްލުމަކީ ދިވެހިރާއްޖޭގެ އަސްލު ގެއްލިގެން ހިނގައިދާނެ ބިރުވެރި ކަމެއް ކަމަށް ބައެއް ފަރާތްތަކުން ފާހަގަ ކުރެ އެވެ. 

މިހާރުގެ ސަރުކާރަކީ ނާގާބިލު އަދި އޮޅުވާލުންތަކެއްގެ މައްޗަށް ބިނާވެފައިވާ ސަރުކާރެއްގެ ގޮތުގައި ސިފަކުރައްވައި، ރައްޔިތުން މި އަނދިރި ހާލަތުން ސަލާމަތްކޮށްދޭނެ ކަމަށް ޝާހިދު ވިދާޅުވި އެވެ. އެމްޑީޕީގެ އަމާޒަކީ ދޮގު ނުހަދާ، އޯގާތެރި އަދި ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދޭނެ ވެރިކަމެއް ގާއިމްކުރުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ގައުމުގެ މިހާރުގެ ހާލަތަށް އަލިއަޅުވާލައްވަމުން ޝާހިދު ވިދާޅުވީ، ރާއްޖޭގެ އިގުތިސާދު މިއަދު އޮތީ ފޫގޮސްފައި ކަމަށާއި، ސިއްހީ ނިޒާމާއި ބޯހިޔާވެހިކަމުގެ ސިޔާސަތުތައް ބޮއްސުންލާފައިވާ ކަމަށެވެ. ވަޒީފާގެ ފުރުސަތުތައް ބަންދުވެ، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފުދުންތެރިކަން ދަށްވެފައިވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، އެމްޑީޕީން ރައްޔިތުންނަށް ގެނެސްދިން އުންމީދުގެ ހުޅުކޮޅު މި ސަރުކާރުން ނިއްވާލާފައިވާ ކަމަށެވެ.

ވަކިން ހާއްސަކޮށް، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ޑޮލަރު މާރުކުރުމުގެ ނަމުގައި ދަންތުރަ ޖައްސާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox