ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މި މަހުގެ 15 އިން 18 އަށް ސޯޝަލް ސެންޓަރުގައި ބާއްވާ ކޮންގްރެސްގައި ރައީސް މުހައްމަދު މުއިއްޒު ބޭނުންވާ ގޮތަށް ވޯޓު ދިނުމަށްޓަކައި 300 އަށްވުރެ ގިނަ މީހުން ގެންނަކަން އެނގިއްޖެ އެވެ.
ޕީއެންސީގެ އަސާސީ ގަވާއިދުގެ 21 ވަނަ މާއްދާގައި ބުނާ ގޮތުން ކޮންމެ ފަސް އަހަރަކުން އެއް ފަހަރު އެ ޕާޓީގެ މަތީ މަޖިލިސް ނުވަތަ ކޮންގްރެސް ބާއްވަން ޖެހެ އެވެ. މަތީ މަޖިލިސް އެކުލެވިގެންވަނީ ޕީއެންސީގެ މެންބަރުންގެ މަޖިލީހާއި، ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުންނާއި، ވަޒީރުންނާއި ވަޒީރުން ފެންވަރުގައި އައްޔަނުކޮށްފައިވާ މީހުންނާއި، ރަށްރަށުގައި ތިބި އެ ޕާޓީގެ ޒުވާނުން އަދި އަންހެނުން ހަރަކާތުގެ ރައީސުންނާއި ސްޓިއަރިން ކޮމިޓީތަކުގެ ރައީސުން ނުވަތަ ކޮމިޓީން ކަނޑައަޅާ މެންބަރުންގެ މައްޗަށެވެ.
އޭގެ އިތުރުން، އެ މާއްްދާގެ ހަވަނަ ނަންބަރުގައި ބުނެފައިވާ ގޮތުގައި ޕާޓީގެ މެންބަރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ޕާޓީގެ ރައީސް ކަނޑައަޅާ އިތުރު މެންބަރުންނަށް މަތީ މަޖިލީހުގައި ބައިވެރިވެވެ އެވެ. އެއީ އިންތިހާބީ މަގާމުތަކެއް ނޫނެވެ.
އަދަދު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މާއްދާގެ ދަށުން ކޮންގްރެސްގައި ބައިވެރިވުމަށް 300 އަށްވުރެ ގިނަ މީހުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ގެނައުމަށް ވަނީ ނިންމާފަ އެވެ. އެ މީހުން ގެންނަނީ ކޮންގްރެސްގައި ވޯޓަށް އަހާ ކަންކަމަށްމުއިއްްޒު ބޭނުންވާ ގޮތަށް ވޯޓު ދިނުމަށް ކަމަށް އިތުބާރު ހުރި މަސްދަރަކުން ވަނީ މައުލޫމާތު ދީފަ އެވެ.
ޕީއެންސީގެ މަތީ މަޖިލީހުގެ 49 މަގާމަކަށް މީހުން އައްޔަނުކުރާނެ އެވެ. އެ ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން، އެ ޕާޓީގެ ވެރިކަމެއްގައި ނަމަ، ވެރިކަމުގައި ހުންނަވާ ބޭފުޅަކު މަތީމަޖިލީހަށް އިންތިހާބު ކުރާކަށް ނުޖެހޭނެ އެވެ. ވެރިކަމުގައި ހުރެއްޖެނަމަ، ރައީސުލްޖުމްހޫރިއްޔާއަކީ މަތީ މަޖިލީހުގެ މެންބަރެކެވެ.

އެ މަޖިލީހަށް އިންތިހާބުކުރާ މެންބަރުންގެ ތެރެއިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައި އޮތީ އެ ޕާޓީގެ ނައިބުރައީސުންގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންނަށެވެ.
އެ މަގާމަށް ޖުމުލަ އަށް ބޭފުޅަކު ކުރިމަތިލައްވާނެކަން ވަނީ މިހައިތަނަށް އިއުލާނުކުރައްވައިފަ އެވެ. ނަމަވެސް، އެ މަގާމަށް އިންތިހާބުކުރަން ޖެހޭ އަދަދަކީ ހައެކެވެ.












