ރިޕޯޓުއިންޑިއާގައި ހަކުރުގެ އަގު ކުއްލިއަކަށް ބޮޑުވީ ކީއްވެ؟

އިންޑިއާގައި ހަކުރުގެ އަގު ކުއްލިއަކަށް ބޮޑުވީ ކީއްވެ؟

އިންޑިއާގައި ހަކުރުގެ އަގު ކުއްލިއަކަށް ބޮޑުވުމާ ގުޅިގެން އާންމުންނާއި ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ކާބޯތަކެތީގެ އަގުތައް ވަނީ އުފުލިފަ. މި ބަދަލު އައީ ތެލަށް އެތަނޯލް އެއްކުރުމަށް އުއްދަނޑި ބޭނުންކުރުމާއި، ދަނޑުވެރިކަމަށް ދިމާވި ބަލިމަޑުކަމުގެ ސަބަބުން ހަކުރު އުފައްދާ މިންވަރު ދަށްވުމުން ކަމަށް ރިޕޯޓުތައް ބުނޭ

އިންޑީއާގައި ހަކުރުގެ އަގު ވަނީ ބޮޑުވެފައި
އިންޑީއާގައި ހަކުރުގެ އަގު ވަނީ ބޮޑުވެފައި

އިންޑިއާގައި ހަކުރުގެ އަގު ކުއްލިއަކަށް އުފުލި، އެ ގައުމުގެ އާންމުންނާއި ވިޔަފާރިވެރިންނަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިވެއްޖެ އެވެ.

ހަކުރުގެ އަގު ބޮޑުވުމުގެ ސަބަބުން، ސައި ހޮޓާތަކުން ފެށިގެން ކާބޯތަކެތި އުފައްދާ ބޮޑެތި ކާރުހާނާތަކަށްވެސް އޭގެ ނޭދެވޭ އަސަރު ވަނީ ކުރަން ފަށާފައެވެ.

މި އޮގަސްޓް މަހު އިންޑިއާގެ ރީޓެއިލް އަދި ހޯލްސޭލްކޮށް ހަކުރު ވިއްކާ އަގަށް ވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ. ޖުލައި މަހު ރީޓެއިލްކޮށް ހަކުރު ކިލޯއެއް 48.18 ރުޕީސްއަށް ހުރި ނަމަވެސް، މި މަހު 23 ގެ ނިޔަލަށް މުޅި އިންޑިއާގެ އެވްރެޖް އަގު ވަނީ ކިލޯއެއް 62.47 ރުޕީސް އަށް އުފުލިފަ އެވެ. ކުރީ އަހަރުގެ މި މުއްދަތުގައި ހަކުރު ކިލޯއެއްގެ އަގު އުޅުނީ 46.3 ރުޕީސްގަ އެވެ.

ގުޖުރާތާއި ތެލަންގާނާ ހިމެނޭ ގޮތަށް ބައެއް ސަރަހައްދުތަކުގައި ހަކުރު ކިލޯއެއްގެ އަގު ވަނީ 70 އާއި 80 ރުޕީސްއާ ދެމެދުގެ މިންވަރަކަށް އުފުލިފަ އެވެ.

ސަތޭކަ ކިލޯގެ ބަސްތާއެއްގެ އަގު ކުރީ މަހު 4,510 ރުޕީސްގައި ހުރުމަށްފަހު، މިމަހުގެ 23 ގައި ވަނީ 5,801 ރުޕީސް އަށް އުފުލިފަ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން ސައި ގާޑިއާތަކާއި ހޮޓާ ރެސްޓޯރެންޓުތަކުގައި ވިއްކާ ސަޔާއި ކޮފީގެ އަގުތައް ވެސް ވަނީ ބޮޑުކޮށްފަ އެވެ.

އިންޑިއާގެ ހޮޓަލެއްގައި ސައި ހަދަނީ
އިންޑިއާގެ ހޮޓަލެއްގައި ސައި ހަދަނީ

އެތަނޯލް އުފެއްދުމާއި އިދިކޮޅުގެ ތުހުމަތުތައް

ހަކުރުގެ އަގުތައް އުފުލެން ފެށުމާއެކު، އިންޑިއާގެ އިދިކޮޅު ސިޔާސީ ޕާޓީތަކުން ވަނީ މިއީ ސަރުކާރުގެ ސިޔާސަތުތަކުގެ ނަތީޖާއެއް ކަމަށް ތުހުމަތުކޮށްފަ އެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ތެލަށް، އެތަނޯލް އެއްކުރުމުގެ ސިޔާސަތުގެ ދަށުން އުއްދަނޑި، އެތަނޯލް ހެދުމަށް ބޭނުންކުރުމަކީ ހަކުރުގެ އުފެއްދާ މިންވަރު ދަށްވެ، އަގު ބޮޑުވާން މެދުވެރިވި މައިގަނޑު ސަބަބެވެ.

ނަމަވެސް ސަރުކާރުން މި ތުހުމަތުތައް ދޮގުކުރެ އެވެ. ސަރުކާރުން ހާމަކުރި މައުލޫމާތަ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޮޓްކޮށްފައި ވަނީ އެތަނޯލް އުފެއްދުމަށް ބޭނުންކުރި އުއްދަނޑީގެ މިންވަރު ކުރިން 12 ޕަސެންޓުގައި ހުރުމަށް ފަހު، މިހާރު 9 ޕަސެންޓަށް ދަށްކުރެވި ފައިވާ ކަމަށެވެ.

އިންޑިއާގައި އުއްދަނޑި އުފައްދާ މިންވަރު އިތުރުވިޔަސް، އޭގެން ހަކުރު ލިބޭ މިންވަރު ވަނީ ދަށ
އިންޑިއާގައި އުއްދަނޑި އުފައްދާ މިންވަރު އިތުރުވިޔަސް، އޭގެން ހަކުރު ލިބޭ މިންވަރު ވަނީ ދަށ

އަގު ބޮޑުވާން މެދުވެރިވި އަސްލު ސަބަބުތައް

އިންޑިއާ ސަރުކާރުން ބުނި ވާހަކަތަކުގެ އިތުރުން މާހިރުން ބުނާ ގޮތުގައި ހަކުރުގެ އަގު އެ ގައުމުގައި ބޮޑުވީ ތަފާތު އެކި ސަބަބުތައް އެކުވެގެންނެވެ.

އޭގެ ތެރޭގައި "އުއްދަނޑި ކެންސަރު" ގެ ގޮތުގައި ސިފަކުރެވޭ ރެޑް ޑޮޓް ފަންގަހުގެ ސަބަބުން އުއްދަނޑިން ހަކުރު ލިބޭ މިންވަރު މަދުވުން ހިމެނެ އެވެ. މިއަހަރު އިންޑިއާގައި އުއްދަނޑި ހެއްދި މިންވަރު އިތުރުވި ނަމަވެސް، މި ބަލީގެ ސަބަބުން އުއްދަނޑިން ހަކުރު އުފެއްދޭ މިންވަރު ވަނީ 9.7 ޕަސެންޓުން 8.91 ޕަސެންޓަށް ދަށްވެފަ އެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ވާރޭވެހުން މަދުވެ، ހޫނުގަދަވުމުގެ ސަބަބުން ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން ދަށްވުމާއި އިރާން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލި، ކާދު އާއި ދަނޑުވެރިކަމަށް ބޭނުންކުރާ ބާވަތްތަކުގެ ހަރަދުތައް ބޮޑުވުމަކީ ވެސް ހަކުރުގެ އަގު ބޮޑުވުމުގެ ސަބަބެކެވެ. 

އިންޑިއާ ސަރުކާރުން އެޅި ފިޔަވަޅުތައް

ކުރިއަށް އޮތް ގަނޭޝް ޗަތުރުތީ، އޯނަމް، ދުއްސެހެރާ އަދި ދިވާލީ ފެސްޓިވަލްތަކާ ދިމާކޮށް އަގުތައް ކޮންޓްރޯލް ކުރުމަށްޓަކައި އިންޑިއާ ސަރުކާރުން ވަނީ އަވަސް ފިޔަވަޅުތަކެއް އަޅާފަ އެވެ.

އެގޮތުން އަންނަ މަހުގެ 30 އާ ހަމައަށް އިންޑިއާއިން ބޭރަށް ހަކުރު އެކްސްޕޯޓްކުރުން މުޅިން މަނާކޮށްފައިވެ އެވެ. އަދި ފާއިތުވި 10 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް، ޑިއުޓީއާ ނުލައި އެއް މިލިއަން މެޓްރިކް ޓަނުގެ ރޯ-ސުގަރ އެތެރެކުރުމުގެ ހުއްދަ ދީފައިވެ އެވެ.

މީގެ އިތުރުން ހަކުރު ގުދަންކޮށްފައި ބެހެއްޓޭނެ އެންމެ މަތީ މިންވަރަކީ 400 ޓަން ކަމަށް ކަނޑައަޅައި، 30 ދުވަހަށްވުރެ ގިނަ ދުވަހު ސްޓޮކް ނުބެހެއްޓޭ ގޮތަށް ގަވާއިދު ވަނީ ބަދަލުކޮށްފަ އެވެ.

އިންޑިއާ ސަރުކާރުގެ އަމާޒަކީ މި ފިޔަވަޅުތަކުގެ މެދުވެރިކޮށް ބާޒާރުގައި ހަކުރު ލިބެން ހުންނަ މިންވަރު އިތުރުކޮށް، ކުރިއަށް އޮތް ދުވަސްތަކުގައި އަގުތައް އެއްވަރެއްގައި ހިފެހެއްޓުމެވެ.

އިންޑިއާގައި ހަކުރުގެ އަގު ބޮޑުވުމުން އޭގެ އަސަރު ރާއްޖެއަށް ވެސް ކުރާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެކުރާ އެސްޓީއޯއިން ނުވަތަ ދިވެހި ސަރުކާރުން އަދި ބަހެއް ނުބުނެ އެވެ. 

ލީވާން އަލީ ނާސިރު

ޖާނަލިސްޓް

ލީވާން އަލީ ނަސީރު ނޫސްވެރިއެއްގެ ގޮތުގައި ފުރަތަމަ ފެނިގެން ދިޔައީ ރާއްޖެ ޓީވީންނެވެ. އޭނާގެ ގަލަން، ނޫސްވެރިކަމުގެ ގިނަ ދާއިރާތަކުގައި ހިންގާފައިވެ އެވެ. އެގޮތުން، ލޯކަލް ދާއިރާ، އަދި ކުޅިވަރުގެ ދާއިރާ ފާހަގަކޮށްލެވެ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox