އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ދާދިފަހުން ވަނީ "ޒިން" (ZYN) ބްރޭންޑުގެ ނިކޮޓިން ޕައުޗްގެ 20 އުފެއްދުމެއްގައި، ސިއްހީ ހާއްސަ މެސެޖެއް ހިމެނުމުގެ ހުއްދަ ދީފަ އެވެ. އެ މެސެޖަކީ ސިނގިރޭޓު ބުއިން ހުއްޓާލައި، މި ޕައުޗްތަކަށް ބަދަލުވުމުން އަނގައިގެ ކެންސަރާއި، ހިތުގެ ބަލިތަކާއި، ފުއްޕާމޭގެ ކެންސަރާއި، ސްޓްރޯކް އަދި އެމްފިސީމާ ފަދަ ނުރައްކާތެރި ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމަށް ބުނާ މެސެޖެވެ.
ދުނިޔޭގެ އެންމެ ހަރުކަށި ރެގިއުލޭޓަރީ އިދާރާތަކުގެ ތެރޭގައި ހިމެނޭ އެފްޑީއޭ އިން މިފަދަ ނިންމުމެއް ނިންމުމަކީ ވަރަށް މުހިންމު ކަމެކެވެ. އެ އިދާރާއަކީ ސިއްހީ ދައުވާތަކަށް ފަސޭހައިން ހުއްދަދޭ ތަނެއް ނޫނެވެ. މި ވަކި އުފެއްދުންތަކަކަށް އެ ހުއްދަ ދިނުމުގެ ކުރިން އެ އިދާރާއިން ވަނީ ސައިންޓިފިކް ހެކިތަކާއި، ކަސްޓަމަރުންނަށް އެކަން ދޭހަވާ މިންވަރާއި، ޒުވާނުންނަށް އޮތް ނުރައްކަލުގެ ތަފާސްހިސާބުތަކުގެ އިތުރުން އާންމުންގެ ހިޔާލު ހޯދައި، އެތައް މަހެއް ވަންދެން ދިރާސާކޮށްފަ އެވެ.
އެފްޑީއޭ އިން މި ހުއްދަ ދިނުމުގެ ސަބަބު ވަރަށް ސާފެވެ. އެ އިދާރާއިން ބުނި ގޮތުގައި ސިނގިރޭޓު ބޯ މީހުންނަށް، އެކި އުފެއްދުންތަކުން ސިއްހަތަށް ކުރާ އަސަރުތަކުގެ ތަފާތާ ގުޅޭ ސައިންޓިފިކް މައުލޫމާތު ލިބެންޖެހެ އެވެ. އެއީ އެ މީހުންނަށް އެނގި ތިބެ ގޮތްތައް ނިންމުމުގެ ފުރުސަތު ދިނުމަށެވެ. މި ނިންމުން ބިނާކޮށްފައިވަނީ، ދުންނާރާ ނިކޮޓިން އުފެއްދުންތަކުގެ ސަބަބުން، ސިނގިރޭޓާ އަޅާބަލާއިރު ހަށިގަނޑަށް ލިބޭ ގެއްލުންދެނިވި ކެމިކަލްތައް މަދުވާކަން ހާމަވާ ހެކިތަކުގެ މައްޗަށެވެ.
ނަމަވެސް، އެފްޑީއޭ އިން ވަނީ ވަރަށް މުހިންމު އިންޒާރެއް ވެސް ދީފަ އެވެ. އެއީ މިއީ ރައްކާތެރި އެއްޗެއް ނޫން ކަމެވެ. ދުންފަތުގެ ނުވަތަ ނިކޮޓިންގެ އެއްވެސް އުފެއްދުމަކީ ރައްކާތެރި އެއްޗެއް ނޫނެވެ. ނިކޮޓިން ބޭނުންނުކުރާ މީހުން އެ ބޭނުންކުރަން ފަށައިގެން ނުވާނެ އެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރުން މުޅިން ހުއްޓާލުމަކީ އަބަދުވެސް ސިއްހަތަށް އެންމެ ފައިދާހުރި ގޮތެވެ.
މި ނިންމުމާއެކު ދުނިޔޭގެ ދުންފަތުގެ ސިޔާސަތުތަކާ މެދު ސުވާލެއް އުފެދެ އެވެ. އެފްޑީއޭ ފަދަ ހަރުކަށި ރެގިއުލޭޓަރަކުން، އެކި އުފެއްދުންތަކުން ކުރާ ސިއްހީ އަސަރުތަކުގައި ތަފާތުތަކެއް ހުރިކަން ގަބޫލުކުރާ ނަމަ، އެހެން ގައުމުތަކުން ވެސް ގަވާއިދުތައް އެކުލަވާލުމުގައި އެ ތަފާތުތަކަށް ރިއާޔަތްކުރަން ނުޖެހޭ ހެއްޔެވެ؟
ރާއްޖެއިން ވެސް ދާދި ފަހުން ވަނީ ދުންފަތް ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފަ އެވެ. އޭގެ ތެރޭގައި ވަކި އުމުރަކުން ދަށުގެ މީހުންނަށް ދުންފަތް މަނާކުރުމާއި، ވޭޕް މަނާކުރުމާއި، ދުންފަތް ހުއްޓާލުމަށް އެހީތެރިވާ ހިދުމަތްތައް ފުޅާކުރުމުގެ އިތުރުން، ދުންފަތުން ސަލާމަތްވެފައިވާ މުޖުތަމައެއް ބިނާކުރުމަށް ފަސް އަހަރުގެ ކެމްޕޭނެއް ފެށުން ހިމެނެ އެވެ. މިއީ އަންނަން އޮތް ޖީލުތައް ރައްކާތެރިކުރުމަށް އެޅޭ ފިޔަވަޅުތަކެވެ. ދުންފަތުގެ އިސްތިއުމާލުކުރާ ބޮޑެތި މީހުންނާ ގުޅޭގޮތުން ވެސް ރާއްޖެއިން ވަނީ ސިޔާސީ ނިންމުންތަކެއް ނިންމާފަ އެވެ. އޭގެ ތެރޭގައި ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުމާއި، ނިކޮޓިން ގަމާއި ޕެޗް ފަދަ ދުންފަތް ހުއްޓާލުމަށް އެހީތެރިވާ ތަކެތިން ޑިއުޓީ ކަނޑާލުން ހިމެނެ އެވެ.
މި ނިންމުންތަކަކީ ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށް ހަގީގަތުގައި އެހީތެރިވެދޭނެ ކަމުގެ ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ނިންމުންތަކެއް ހެއްޔެވެ؟
ސައިންޓިފިކް ދިރާސާތަކަށް ބިނާކޮށް އެފްޑީއޭ އިން މިފަދަ ހުއްދައެއް ދިނުމުން ދޭހަވަނީ، ސިޔާސަތުތައް އެކުލަވާލުމުގައި ހެކިތަކަށް ބަލަންޖެހޭ މިންވަރެވެ. އެފްޑީއޭ އިން އެ ކުރި ކަމަކީ ނިކޮޓިން ޕައުޗް އިސްތިހާރު ކުރުމެއް ނޫނެވެ.
އެ އިދާރާއިން ބުނެދިނީ، އުފެއްދުންތަކުގެ ސިއްހީ ނުރައްކަލުގައި ތަފާތުތަކެއް ހުރިކަން ހެކިތަކުން ފެންނަން އޮތް ނަމަ، ގަވާއިދުތައް ހަދާ ފަރާތްތަކުން އެ ތަފާތުތައް ގަބޫލުކުރަން ޖެހޭނެ ކަމެވެ. އަޅުގަނޑުމެންގެ ދުންފަތުގެ ސިޔާސަތުތައް ބިނާވެފައިވަނީ ހަގީގަތުގައި ނަތީޖާ ނެރެދޭނެ ކަމުގެ ހެކިތަކުގެ މައްޗަށް ހެއްޔެވެ؟ ސިނގިރޭޓާއި، އޭގެ ބަދަލުގައި ބޭނުންކުރާ ތަކެއްޗާއި، ދުންފަތް ހުއްޓާލުމަށް ދޭ އެހީތެރިކަމާ މެދު ގޮތްތައް ނިންމާއިރު، މީހުން ދުންފަތާ ދުރުވުމަށް އެންމެ ބޮޑަށް އެހީތެރިވެދެނީ ކޮން ކަންތައްތަކެއްކަން ހާމަވާ ހެކިތަކަށް އަޅުގަނޑުމެން ރިއާޔަތްކުރަން ހެއްޔެވެ؟











