ބޭރު ފައިސާގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ސަބަބުން ވިޔަފާރިތައް ބަނގުރޫޓުވެ މުދާ އެތެރެކުރުން ހުއްޓުމަކަށް އަތުވެދާނެ: ޝަމްހީދު

ހުޅުމާލޭގެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ހުޅުމާލޭގެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ބޭރު ފައިސާގެ ގާނޫނަށް ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުން ގެންނަން ފެންނަ ކަމަށް ނިންމާފައިވާ އިސްލާހުގެ ސަބަބުން ވިޔަފާރިތައް ބަނގުރޫޓުވެ މުދާ އެތެރެކުރުން އެއްކޮށް ހުއްޓުމަކަށް އަތުވެދާނެކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު، އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

އެ ނިންމުން ނިންމި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޝަމްހީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ އިސްލާހަށް ވޯޓު ނުދެއްވީ ދެ ސަބަބަކާހުރެ ކަމަށެވެ.

ފުނަދޫ ދާއިރާގެ މެންބަރު، މުހައްމަދު މަމްދޫހު ހުށަހެޅުއްވި އިސްލާހުތަކަށް ވޯޓުނުދެއްވި ފުރަތަމަ ސަބަބަކީ ހިޔާލުފާޅު ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދީފައި އޮންނަ ގާނޫނުއަސާސީގެ 27 އަދި 28 ވަނަ މާއްދާއާ އެ އިސްލާހު ތައާރަޒު ވާތީ ކަމަށް ޝަމްހީދު ވިދާޅުވި އެވެ.

Advertisement

"މި ގާނޫނުގެ ސަބަބުން ޑޮލަރު ލިބުން މިހާރަށްވުރެ ދަތިވެ، އާންމު ވިޔަފާރިއަށް ޑޮލަރު އެއްވެސް ގޮތަކަށް ނުލިބުމުގެ ބިރު އޮތަތީވެ މީގެ ނަތީޖާއެއްގެ ގޮތުން، ވިޔަފާރިތައް ބަނގުރޫޓުވެ ބައެއްކަހަލަ މުދާ އެތެރެކުރުން ހުއްޓުމަކަށްއައިސް ތަކެތީގެ އަގު ހީވެސް ނުކުރާވަރަށް ބޮޑުވެގެން ދިޔުމުގެ ބިރު އެބައޮތް،" އެ އިސްލާހާ ދެކޮޅަށް ވޯޓުދެއްވި ދެވަނަ ސަބަބުގެ ގޮތުގައި ޝަމްހީދު ވިދާޅުވި އެވެ.

ޑޮލަރު ތާށިވީ ކުރަމުންދާ ބޮޑު އިސްރާފުގެ ސަބަބުން، މައްސަލަ ހައްލުނުކޮށް ސަރުކާރުން އުޅެނީ އަނގަ ބަންދުކުރަން: ފައްޔާޒު

އޭނާ ވިދާޅުވީ ޑޮލަރުގެ އަގު އުފުލެނީ ސަރުކާރުގެ އިސްރާފާއި ނާގާބިލުކަމުން ކަމަށާއި، ހަބަރު ފެތުރުން ހުއްޓުވުމަކީ މައްސަލައަށް އޮތް ހައްލެއް ނޫން ކަމަށެވެ. މާލިއްޔަތު ކޮމިޓީން ފާސްކުރި މި އިސްލާހުގައި، ކަޅު ބާޒާރުގެ ރޭޓުތައް ޝާއިއުކުރާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރަން ވަނީ ހިމަނާފައެވެ.

އޭނާ ވިދާޅުވީ މާލިއްޔަތު ކޮމިޓީން އެ އިސްލާހު ފާސްކުރީ ފންނީ އެއްވެސް ބޭފުޅެއްގެ ލަފާ ހޯދައިގެން ނޫންކަމަށެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ފާސްކުރީ ޑޮލަރު ގަނެވިއްކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރަސްމީ ރޭޓަށް ވުރެ ވުރެ ބޮޑު އަގުގައި ޑޮލަރު ވިއްކާ ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގުގެ ހަބަަރު ޝާއިއުކުރުން މަނާކުރުމަށެވެ.

އަދި، އެ މައުލޫމާތު ހާމަކުރާ ފަރާތްތައް ޖޫރިމަނާކުރަން ވެސް ގާނޫނުގައި ހިމަނަން އެ ކޮމިޓީން ވަނީ ނިންމައިފަ އެވެ.

އެގޮތުން ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ރޭޓު އާންމުކުރީ ގާނޫނީ ޝަހުސަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއަކުން ނަމަ، 100،000ރ. އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ބިލުގައި ވަނީ ހިމަނާފަ އެވެ.

އޭގެ އިތުރުން، ބޭރު ފައިސާ ގަނެ ވިއްކުމަށް މަރުކަޒީ ބޭންކުން ކަނޑައަޅާފައިވާ ރޭޓު ނުވަތަ ބޭންޑަށް ވުރެ މަތީ ރޭޓުތަކުގައި ކުރާ ވިޔަފާރި ޕްރޮމޯޓުކުރުމާއި އިޝްތިހާރުކުރުމަކީ ވެސް ކުށެއް ކަމަށް ގާނޫނުގައި ހިމަނަން އެ ކޮމިޓީން ވަނީ ނިންމައިފަ އެވެ. މި ކުށުގެ އަދަބަކީ  25،000ރ. އާއި 500،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. 

ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގުގެ ހަބަރު ޖެހުން މަނާކުރަނީ

ރަސްމީ ރޭޓަށް ވުރެ ބޮޑު އަގުގައި ޑޮލަރު ވިއްކާ ކަޅު ބާޒާރުގެ އަގުތައް ޚަބަރުގެ ގޮތުގައި ޝާއިއުކުރުން މަނާކުރަން ބޭރު ފައިސާއާ ބެހޭ ގާނޫނުގައި ހިމެނުމަށް މާލިއްޔަތު ކޮމިޓީން ވަނީ ފާސްކޮށްފަ. މި ނިންމުމަކީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެއް.

މި ބަދަލުތަކާއެކީ، ރަސްމީ ރޭޓަށް ވުރެ ބޮޑުކޮށް ޑޮލަރު ވިއްކުން މަނާކުރެވޭ މާއްދާއެއް ވެސް ވަނީ ހިމަނާފަ އެވެ. ކޮމިޓީން ނިންމީ ބޭރު ފައިސާ ގަނެ ވިއްކުމުގައި މުއާމަލާތްތައް ކުރަންވާނީ އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑުކޮށް ބޭރު ފައިސާ ވިއްކާ ނަމަ، 25،000ރ. އާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ގޮތަށް ގާނޫނަށް ބަދަލުތަކެއް ހުށަހަޅާށެވެ.

ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގުގެ ހަބަރު ޖެހުން މަނާކުރަން ގާނޫނުގައި ހިމަނަން މާލިއްޔަތު ކޮމިޓީން ފާސްކުރިއިރު، ކަޅު ބާޒާރުގައި ޑޮލަރު އަގު މިއަދު ވަނީ 22.85ރ. އަށް އަރައިފަ އެވެ.

ރާއްޖޭގެ އިގްތިސާދަށް ދިމާވެފައިވާ ޑޮލަރުގެ ތާށިކަން ހައްލުކުރުމުގެ ގޮތުން، ރިސޯޓުތަކާއި ގެސްޓުހައުސްތަކުން ލިބޭ ޑޮލަރު ބޭންކުތަކަށް މާރުކުރަން މަޖުބޫރުވާ ގޮތަށް މުހައްމަދު މުއިއްޒު ވަނީ އާ ސިޔާސަތެއް ތައާރަފު ކުރައްވައިފަ އެވެ. އެ ސިޔާސަތު އިއުލާނު ކުރެއްވުމަށްފަހު ސަރުކާރުން ބުނެފައިވަނީ ޑޮލަރުގެ އަގު ދެން އިތުރަށް މައްޗަށް ނުދާނެ ކަމަށެވެ. ނަމަވެސް ބާޒާރުގެ ހަގީގީ ހާލަތު ފެންނަނީ ސަރުކާރުގެ އުންމީދުތަކާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox