އަމިއްލަ ވިޔަފާރިތަކާއި، ވަޒީފާގެ ފުރުސަތުތައް އަދި އެހެނިހެން ހިދުމަތްތައް އެއްތަނަކުން ފަސޭހަކަމާއެކު ބަލާލެވޭނެ ހާއްސަ ޑިޖިޓަލް ޕްލެޓްފޯމް އަދި ޑައިރެކްޓަރީ ކަމަށްވާ "ވިއުގަ" އަދަދު ނޫހުން މިއަދު އިފްތިތާހުކޮށްފި އެވެ.
މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްލެޓްފޯމް ލޯންޗުކޮށްދެއްވީ ކުރީގެ ރައީސް އަދި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން މުހައްމަދު ނަޝީދު އެވެ. މިހާރު "ވިއުގަ" ވެބްސައިޓަށް އާންމުންނަށް ވަދެވޭނެ އެވެ.
އެ ޕްލެޓްފޯމުގެ މައިގަނޑު އެއް ބައި ހާއްސަކޮށްފައިވަނީ ކެފޭ އަދި ރެސްޓޯރަންޓަށެވެ. މިއީ ގްރޭޓާ މާލެ ސަރަހައްދާއި އެހެނިހެން ރަށްރަށުގައި ކުރިއަރަމުން އަންނަ ކެއިންބުއިމާއި ކެފޭ ސަގާފަތުގެ މައުލޫމާތު އެއްތަނަކުން ބަލާލެވޭނެ ބައެކެވެ.
އޭގެ ތެރޭގައި ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނާއި، މެނޫތައް، ކެއިންބުއިމުގެ އާ އޮއިވަރުތަކުގެ އިތުރުން ކަލިނަރީ ހަބަރާއި ފީޗާ އާޓިކަލްތައް ހިމެނެ އެވެ.
ހަމައެހެންމެ، ޖޮބް، ނޯޓިސް އަދި ޓެންޑަރު ސެގްމެންޓު މެދުވެރިކޮށް އަމިއްލަ ވިޔަފާރިތަކަށާއި ސަރުކާރުގެ އަދި އަމިއްލަ އޮފީސްތަކަށް ފަސޭހަކަމާއެކު ރަޖިސްޓްރީކޮށްގެން ވަޒީފާތަކާއި، ނޯޓިސް އަދި ބީލަންތައް ޕޯސްޓުކުރެވޭނެ އެވެ.
ވަޒީފާ ހޯދާ ފަރާތްތަކަށް ރަޖިސްޓްރީކޮށްގެން، އެ މީހަކާ ގުޅޭ ވަޒީފާތައް ފަސޭހައިން ދެނެގަނެ، ހުސްވާ ވަޒީފާތަކުގެ ނޮޓިފިކޭޝަން ލިބޭގޮތް ހެދޭނެ އެވެ.
ހަމައެއާއެކު، ފިހާރަތަކުގެ ޑައިރެކްޓަރީ މެދުވެރިކޮށް އެކި ފިހާރަތަކާއި އެ ތަންތަނުން ލިބެން ހުންނަ މުދަލުގެ މައުލޫމާތު ވެސް ފަސޭހަކަމާއެކު ބަލާލެވޭނެ އެވެ.
"ވިއުގަ" ހާއްސަކޮށްފައިވަނީ އަމިއްލަ ވިޔަފާރިތަކާއި ކެފޭ ރެސްޓޯރަންޓުތައް ލިސްޓުކުރުމަށާއި ވަޒީފާ އާއި ނޯޓިސް އަދި ޓެންޑަރުތައް ޕޯސްޓުކުރުމަށެވެ.

