"ނިޝާނުން ވެސް އެނގޭނެ ނިފާގު ބަލި ހުރިނަމަ ވަމުންދާގޮތް"

ސިނގިރޭޓުން ނަގާ ޓެކްސް ބޮޑުކުރަން ވެސް، އަދި ކުޑަ ކުރަން ވެސް ނިންމީ މި ސަރުކާރުން -- އާޓްވޯކް: އިސްމާއިލް އިމްދާދު

ސިނގިރޭޓުން ނަގާ ޓެކްސް ބޮޑުކުރަން ވެސް، އަދި ކުޑަ ކުރަން ވެސް ނިންމީ މި ސަރުކާރުން -- އާޓްވޯކް: އިސްމާއިލް އިމްދާދު

އެކި މީހުންގެ ކިބައިގައި، ހާއްސަކޮށް ސިޔާސީންގެ ކިބައިގައި ހުންނަ ބޮޑެތި ބަލިތަކުގެ ތެރެއިން ދެނެގަންނާން އެންމެ ފަސޭހަ ބައްޔަކީ ނިފާގުކަމުގެ ބައްޔެވެ. އެބަލި ހުރި މީހާގެ އިގުރާރެއް އެކަމުގައި ބޭނުން ނުވެ އެވެ. އޭނާގެ ކިބައިން ފެންނަ ނިޝާންތަކުން އެ ބަލީގެ އަސަރު މާ ދުރަށް ފާޅުވާނެ އެވެ. މި ވާހަކަ ދޮހޮއްކޮބެގެ އަޑުން އިވިއިވި އަޅުގަނޑުމެން އެންމެން ވެސް މިތިބީ އެ ވާހަކަ ގަބޫލުކޮށްގެންނެވެ. ނުވަނީ ތަހުލީލެއް ކޮށްލާނޭ އަވައްޖެކެވެ.

މީގެ ދެ އަހަރު ކުރިން، ދިވެހިރާއްޖޭގެ ސަރުކާރުން ސިނގިރޭޓުގެ ޑިއުޓީ ބޮޑުކޮށް، ސިނގިރޭޓު އަގުބޮޑު ކޮށްލި އެވެ. އެއަށް ދެވިހިފައިފައި ތިބި މީހުން ރުޅި ގަދަވެގެން ގޮވިހައި އެއްޗަކަށް ސަރުކާރުން ދިނީ ބީރު ކަންފަތެކެވެ. ދުންފަތާއި ސިނގިރޭޓުގެ އެކި ބާވަތްތަކުގެ އަގުބޮޑުކޮށް، ވޭޕް ވެސް މަނާކޮށްލީ އެވެ. އެކަމުގައި އެކަށީގެންވާ ދިރާސާއެއް ހެދިތޯ، ގައުމުތަކުގެ ތަޖުރިބާއަށް ބެލިތޯ، ވަގުފާރީގެ ސަބަބުން ކަޅު ބާޒާރެއް އުފަންވެދާނޭ ކަމުގެ މައްޗަށް ވިސްނިތޯ ކުރި ސުވާލުތަކަށް ސަރުކާރުން ދިނީ ބީރު ކަންފަތެކެވެ. އެ ސުވާލުތަކުގެ ޖަވާބުގައި ރައީސް ވިދާޅުވީ، ސަރުކާރުން މިކަން މިކުރަނީ ރައްޔިތުން މި ވަބާއިން ސަލާމަތްވުމަށް އެހީތެރިވުމަށް ކަމަށެވެ. -- އެމެރިކާގެ ކުރީގެ ރައީސް، ރޭގަން ވިދާޅުވެފައި އޮތް މަޝްހޫރު ވާހަކައެއް އޮވެ އެވެ. އިނގިރޭސި ބަހުން ބުނެވޭނޭ އެންމެ އެންމެ ބިރުވެރި ނުވަ ލަފުޒަކީ 'އަހަރެން މިއައީ ސަރުކާރުގެ ފަރާތުންނެވެ. އަދި އަހަރެން މިއައީ ކަލޭމެންނަށް އެހީތެރިވެދޭށެވެ."

ސިނގިރޭޓުގެ އަގުބޮޑު ކުރުމަށް ރައީސް މުއިއްޒު ކުރެއްވީ ވަރަށް ވަރުދަގަ ޖިހާދެކެވެ. އެކަމުގައި މޫނަކަށް ކަނދުރާއަކަށް ނުބައްލަވަ އެވެ. އެ މަނިކުފާނުގެ އަރިހުގައި ތިބީ ވެސް އެ ވަބާގައި ޖެހިފައި ތިބި ބަޔަކަށް ވިޔަސް، އެމީހުން ހިތްމަރާލީ، އެމީހުންނަށް ފަހިވެފައި އޮތް އެއަށް ވުރެ ބޮޑު ވަބާއަކަށް ތަން ދެމުންނެވެ. ބާރުގެ ވަބާ އެވެ.

Advertisement

ރައްޔިތުންގެ ނުރުހުމުގައި ރައީސް އެ ގެންނެވި 'ހެޔޮ ބަދަލަށް' ރައްޔިތުން މިހާރު ހޭނިއްޖެ އެވެ. އެ ބަދަލު ގެންނެވިއިރު، ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރަނީ ކިހައި ބައެއްތޯ ބަލަން ދިރާސާއެއް ނުހަދަ އެވެ. ސިނގިރޭޓު ބޯ މީހުން އެއަށް ދެވިހިފައިފައިވާ މިންވަރު ދެނެގަނެ، ގިންތި ކުރުމުގެ މަސައްކަތެއް ވެސް ނުހިނގަ އެވެ. ބޭނުންފުޅުވީ ރައީސް އަމީންދީދީއަށް ފަހުގައި އެއްވެސް ވެރިޔަކަށް ކުރާން ނުކުރެނު ވަރުގެ ބޮޑު ކަމެއް ކޮށްލާށެވެ. އެކަމާ ކިތަންމެ ނުރުހުނު ނަމަވެސް، މިއީ ކެރޭ ރައީސެއްކަމަށް ލައްކަ ބަޔަކު ހީކުޅަ އެވެ. އެއްކޮޅު މީހުން އެކަމަށް ތައުރީފު ކުރަމުން ދިޔައިރު، ދެކޮޅު މީހުންނަށް އެކަމުގައި އިދިކީލި ހަދާކަށް ނުކެރުނެވެ. ރާއްޖޭގެ ރައްޔިތުންގެ އަގުލަބިއްޔަތާ ދެކޮޅަށް އެވަރުގެ ނިންމުމެއް ނިންމާން ކެރޭނީ ގައިމު ފިސާރި އަޒުމެއް ހުރި މީހަކަށްވީތީތާއޭ ހީކޮށްގެން އަޅުގަނޑުމެން ތިބީމެވެ.

އޭގެ އެންމެ ދެ އަހަރު ފަހުން، މިހާރު އެ ޖެއްސެވީ އުނބަށެވެ. ސިނގިރޭޓު އަގުބޮޑު ކުރި ރައީސް، އޭނާގެ ބަސްއަހާ މެންބަރުން ތިބި މަޖިލީހަށް ހުށަހަޅައިގެން، ހަމަ އެ މެންބަރުން ލައްވައި ސިނގިރޭޓުގެ އަގު ހެޔޮ ކުރުވަނީ އެވެ. ބަދަލުވީ ކޮންކަމެއް ހެއްޔެވެ؟ ސިނގިރެޓަކީ އޭރު ހީކުރެވުނު ވަރަށް ގެއްލުން ނުވާ އެއްޗެއް ކަމަށް ދިރާސާއަކުން ދެއްކީތޯ އެވެ؟ ނިކޮޓިންއަކީ ދެވި ހިފާ މާއްދާއެއް ނޫންކަމަށް ސައިންސްވެރިންގެ ބަޔަކު ބުނީހެއްޔެވެ؟ ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ކެންސަރާއި، ހިތުގެ ބަލިތަކާއި، ނޭވާލާ ނިޒާމުގެ ބަލިތަކަށް މަގުފަހިވާ ކަމެއް ނޫން ކަމަށް މެޑިކަލް ސައިންސުން ހޯދީ ހެއްޔެވެ؟ ޖަވާބަކީ މިއިން އެއްވެސް ކަމަކަށް ބަދަލެއް ނާދެ އެވެ. މީގެ ދެ އަހަރު ކުރިން އެއިން ސިނގިރޭޓަކުން ލިބުނު ގެއްލުން ހަމަ މިހާރު ވެސް ލިބޭނެ އެވެ. މި އައި ބަދަލެއްގެ ސަބަބެއް ހިލާ ސާފުވާ ގޮތެއް ނުވި އެވެ.

ޓެކްސް ބޮޑުކުރީ ކީއްވެގެންކަން ސަރުކާރުން ވަރަށް ސާފުކޮށް ކިޔައިދިނެވެ. ބޮޑުކުރި ޓެކްސްގެ ސަބަބުން ސިނގިރޭޓުގެ އަގު އެތައް ތަނަކުން ބޮޑު ކުރުމަކީ ސަރުކާރުގެ އަމާޒެވެ. ބޭނުމަކީ، ސިނގިރޭޓު ބުއިމަކީ އާދައިގެ މުސާރައެއް ލިބޭ މީހަކަށް ކުރުން ދަތި ކަމަކަށް ހެދުމެވެ. ކުރިން ހާހެއްހައި ރުފިޔާ ސިނގިރޭޓަށް ހަރަދު ކުރާ މީހާއަށް، ހަމަ އެވަރަށް ސިނގިރޭޓު ބޯން ހަތަރުހާސް ރުފިޔާ ހަރަދުކުރާންވީމާ އޭނާ އެކަމާ ދުރުވާނެ އެވެ. މިއީ ސަރުކާރުގެ ބޭނުންކަމަށް ރައީސާއި، ސަރުކާރުގެ ވެރިންނާއި މަޖިލިސް މެންބަރުން ވެސް ކިތަންމެ ފަހަރަކު ވިދާޅުވި އެވެ. އެއީ ހަމަ ހެޔޮ ވާހަކަ އެކެވެ. ކިތަންމެ ދެވި ހިފާފައި ހުރި މީހާ ވެސް އެހައި ބައިވަރު ފައިސާ އަތުން ހަރަދު ކުރަންޖެހޭނަމަ އެކަމާމެދަށް ވިސްނާނެ އެވެ. ހުއްޓާލާނެ އެވެ. ނުވަތަ އެ ނޫން ގޮތެއް ހޯދާނެ އެވެ.

ދިވެހިރާއްޖޭގެ ރައްޔިތުން ހޯދީ އެ ނޫން ގޮތެކެވެ. 'ނޫން ގޮތެއް' ހޯދުމަކީ ދިވެހިން ނިކަން ފަރިތަ ވެސް ކަމެކެވެ. ވަކިން ވިއްކާ ދުންފަތާއި އެއަށް ބޭނުންވާ އާލާތްތައް ހޯދައިގެން އޮޅައިގެން ބޯން ފެށީ މި ބޮވެނީ ކޮން އެއްޗެއްކަން ވެސް ނޭނގޭ އެތައް ބާވަތްތަކެކެވެ. އޭގެ ސަބަބުން ދެން ކުރިމަތިވާން ފެށި ސިއްހީ އަދި އިޖުތިމާއީ މައްސަލަތަކުގެ އަސަރުތަކާމެދަށް ވެސް އެއްވެސް ދިރާސާއެއް ކުރެވުނީއެއް ނޫނެވެ.

ސަރުކާރުގެ މި ނިންމުމުގެ ފަހަތުގައި އޮތް ހަގީގީ ސަބަބުތައް ރައްޔިތުންނަށް ކިޔައިދޭންޖެހެ އެވެ. ސިނގިރޭޓު އަގުބޮޑު ކުރި ސަބަބުތައް ކިޔައިދިން ފަދައިންނެވެ. މިއީ ކޮންކަހަލަ ދިރާސާއެއްގެ މައްޗަށް، ކިހިނެއް ވިސްނައި، ކޮން ބަޔަކު ބުނެގެން ނިންމާ ނިންމުމެއްތޯ ވެސް ސަރުކާރުން ސާފުކޮށްދޭންޖެހެ އެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމަކީ އާންމު ސިއްހަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް އިހުލާސްތެރިކަމާއެކު ގަބޫލުކުރާ ސަރުކާރަކުން، އެކަށީގެންވާ ސަބަބެއް ބަޔާންކުރުމެއްނެތި ސިނގިރޭޓުގެ އަގު ހެޔޮނުކުރާނެ އެވެ. ކުރީގައި ނެގި ބޮޑު ޓެކުހަކީ ގޯހެއް ކަމަށް މިހާރު ސަރުކާރަށް ފެންނަ ނަމަ، އެކަމަށް އިއުތިރާފުވާންޖެހޭނެ އެވެ. އަދި މިހާރު ސިނގިރޭޓު އަގު ހެޔޮކުރަންޖެހުނީ އިގްތިސާދީ ސަބަބުތަކަށްޓަކައި ނަމަ، އެކަންވެސް ސާފުކޮށް ހާމަކުރަންވާނެ އެވެ.

އާދައިގެ ފަރުދަކަށް ވިޔަސް، ސަރުކާރަކަށް ވިޔަސް ހިޔާލު ބަދަލުވުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫނެވެ. ކުރިން ބުނި އެތި ކެންސަލްކޮށްލުމަކީ ވެސް މައްސަލައެއް ނޫނެވެ. މައްސަލައަކީ ކުރިން ބުނި އެތި ކެންސަލްކުރަންޖެހުނު ސަބަބު ހާމަކުރަން ނުކެރުމެވެ. ދައްކާ ސަބަބުތައް ދެކޮޅު ނުޖެހުމެވެ. އެހިނދަކަށް ބޭނުންޖެހިފައި އޮތް ކަމެއް ކޮށްލާންވީމާ، އުސޫލުތަކާއި ހަމަތަކުގެ ވާހަކަދެއްކުމަށްފަހު، އެ އުސޫލުތަކުގެ ސަބަބުން ތިމާއަށް ދަތިވާ ހާލަތްތަކުގައި އެކަންކަން ދޫކޮށްލުމަކީ ފާޅުކަން ބޮޑު ނިފާގުކަމެވެ.  

 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކުމުގެ ރިފަރެންޑަމެއް ނަގަން ބިރުގަންނަނީ ކީއްވެ؟

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމަކީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވި ވައުދާ ހިލާފުވުމެއް ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. ބޭރުގެ ފަރާތްތަކަށް ބިން ނުދޭނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް، މިހާރު މި މަޝްރޫއުގެ ދެބައިކުޅަ އެއްބައި ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށްވެސް މި ޚަބަރުގައި ބަޔާންކޮށްފައިވެއެވެ.

ކުށުގެ ވާހަކަ: ދަރިފުޅަށް ގޯނާކުރަން ވާގިވެރިވި މަންމަގެ ހިޔާނާތް

އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމަށް އެ ކުއްޖާގެ މަންމަ މަގުފަހިކޮށްދިން. އަދި މި ލާއިންސާނީ އަމަލުގައި، ދަރިފުޅު ރައްކާތެރިކުރުމުގެ ބަދަލުގައި މަންމަ ވަނީ ގަސްދުގައި އެހެން ފިރިހެނަކަށް އެ ކުއްޖާ ޖިންސީ ގޮތުން ބޭނުންކުރުމަށް އެހީތެރިވެ، އެންމެ އަސާސީ އިތުބާރުގެ ގުޅުމަށް ހިޔާނާތްތެރިވެފަ.

އެމްއޭސީއެލްގެ ރެކޯޑު ފައިދާގެ ފަރުދާގައި ބޮޑު ދަރަނި

އެމްއޭސީއެލްއަށް ބޮޑު ފައިދާއެއް ލިބުނު ނަމަވެސް، ނަގުދު ފައިސާ މަދުވެ އެ ކުންފުނީގެ މާލީ ހާލަތަށް ވަނީ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފަ. މިދިޔަ އަހަރު ނިމުނުއިރު ކުންފުނީގެ ތިޖޫރީގައި ހުރި ފައިސާ ދެބައިކުޅަ އެއްބަޔަށް މަދުވެފައިވާއިރު، ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ހަމަޖެއްސުމުގައި ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ.

އަހަރެމެން މި ތަކުރާރުކުރަނީ މާޒީ ހެއްޔެވެ؟

އިންސާނީ ދަހިވެތިކަމާއި، ހަމަ އެ ފޮނި ވާހަކައާއި، މުސްތަޤްބަލުގެ ޖީލުތަކުން ބަލަން ބޭނުންނުވާ ހަމަ އެ ނުރައްކާ މިއަދުވެސް މިވަނީ އަޅުގަނޑުމެންގެ ކުރިމަތީގައި. 2026 ގެ ރާއްޖެއަކީ 1887 ގެ ރާއްޖެއެއް ނޫނެވެ. އެކަމަކު، ސަރުކާރެއްގެ މިހާރުގެ ވަގުތީ ސަލާމަތަށްޓަކައި ޤައުމުގެ މުސްތަޤްބަލު ސޮއިކޮށް ދޫކޮށްލައިފިނަމަ، ނަތީޖާ ނުކުންނާނީ ހަމަ ކުރީގެ ގޮތަށް.

ތިޔަ އެއްޗެއްގައި ސޮއިކުރުމަށްވުރެ ޝަހީދުވުންވެސް ރަނގަޅޭ

ޔަހޫދީންގެ މިތުރަކާ ގުޅިގެން ވާނެ ހެވެއް ނޯންނާނެ އެވެ. އިނގިރޭސިންގެ މުށުތެރެއަށް ވެއްޓިގަތުމާ ނައިބުތުއްތު ދެކޮޅުހެއްދެވިހިނދު، ދިވެހި ދައުލަތުގައި ތިބި ވެރިން އޭރުކީ ލަވަޔަކީ ހަމަ މިހާރުވެސް މި އިވޭ ލަވަޔެވެ. މިއީ އިގުތިސާދީ ކަމެކެވެ. ސިޔާސީ ކަމެކެވެ. ލައްކަ މަންފާވީނަމަ، އަހަރުތަކެއް ފަހުން އިނގިރޭސިންގެ އަތުން މިނިވަންވާކަށް ނުޖެހުނީސްތާ އެވެ!

ރަސްމާލެ މައްސަލައިގެ ނުރައްކާތައް ދިރާސާކުރުމުގެ އިލްތިމާސް

ނޮވެމްބަރު 3 ގައި ގައުމު ދިފާއުކުރި ސިފައިން، ފުރާނަ ގުރުބާންކުރީ ވަކި ތަރައްގީގެ މޮޑެލްއަކަށް ނުވަތަ އިގުތިސާދީ ސިޔާސަތަކަށް ނޫނެވެ. އެމީހުން ދިފާއުކުރީ ދިވެހިންގެ މުސްތަގުބަލުގެ ސާހިބުންނަކީ ދިވެހިން ކަމުގައިވުމުގެ ހައްގެވެ. އެ ހައްގަކީ މިއަދު ވެސް ހަމަ އެ ދަރަޖައިގައި ދިފާއުކުރަންޖެހޭ ހައްގެކެވެ.

ރަސްމާލެ: ވަތަން ވިއްކާލުން އަދި ޑިޖިޓަލް އިސްތިއުމާރު

ރަސްމާލެ މަޝްރޫއާއި ބިދޭސީންނަށް ރެސިޑެންސީ ވިއްކުމަކީ ގައުމުގެ އަމިއްލަވަންތަކަމާއި ބިމުގެ މުގައްދަސްކަން ގެއްލި، ބޭރުގެ ނުފޫޒުގަދަ ފަރާތްތަކުގެ އިސްތިއުމާރީ ބާރުގެ ދަށަށް ރާއްޖެ ހިނގައިދާނެ ކަމެކެވެ. ކުރު މުއްދަތުގެ މާލީ މަންފާއަށްޓަކައި ގައުމުގެ ވަސީލަތްތައް ދިގު މުއްދަތަށް ދޫކޮށްލުމަކީ އަމިއްލަ ވަތަނަށް ވެވޭ ހިޔާނާތެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox