ހުލާސާކޮށް އިއްޔެ: އެޗްޑީސީން މުވައްޒަފުން މަދުކުރުން

Jun 20, 2026, 6:00 AM
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ޒުހައިރު

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ޒުހައިރު

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން މުވައްޒަފުން މަދުކުރުމަށްޓަކައި "ރިޑަންޑަންސީ ޕެކޭޖުތަކެއް" އެ ކުންފުނިން ވަނީ ތައާރަފުކޮށްފައެވެ. މިއީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތައަށް މަދުކުރުމަށް ޕީސީބީން ދީފައިވާ އިރުޝާދާ އެއްގޮތަށް އެޅި ފިޔަވަޅެކެވެ.  މި ހަބަރުގެ އިތުރުން އިއްޔެގެ ސުރުހީތަކުން ފާހަގަކޮށްލެވޭ ހަބަތަރުތައް ތިރީގައި އެ ވަނީ އެވެ.

މުވައްޒަފުން މަދުކުރަން އެޗްޑީސީން ރިޑަންޑަންސީ ޕެކޭޖުތަކެއް ހުޅުވާލައިފި

މި ފިޔަވަޅު އަޅާފައިވަނީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން 33 އިންސައްތަ މަދުކުރުމަށް ޕީސީބީން އަންގާފައިވާ އެންގުމާ ގުޅިގެން. އެޗްޑީސީ 2024 ގައި ފުރަތަމަ ފަހަރަށް ދަރަނި ވެފައިވާއިރު، އިންތިހާބުތަކާ ދިމާކޮށް ގިނަ އަދަދެއްގެ މުވައްޒަފުން އެ ކުންފުންޏަށް ވައްދާ ކަމަށް ތުހުމަތު ކުރެވޭ

މި ނިންމުމާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ސިޔާސީ ސަބަބުތަކަށްޓަކައި މުވައްޒަފުން ވަޒީފާއިން ވަކިކުރާނަމަ ގައުމުގައި އިންގިލާބެއް އުފެދިދާނެ ކަމުގެ އިންޒާރު ދެއްވައި، އެމްޑީޕީ އަބަދުވެސް އޮންނާނީ ރައްޔިތުންނާއެކު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މުއިއްޒު އެ އުފައްދަވަނީ އިންގިލާބެއް، އެމްޑީޕީ އޮންނާނީ ރައްޔިތުންނާއެކު: ނަޝީދު

"ރައީސް ޑރ. މުއިއްޒަށް އެނގިވަޑައިގަންނަވަންވީ އެ ބޭފުޅާ އެ އުފައްދަވަމުން ގެންދަވަނީ އިންގިލާބެއްގެ މަސައްކަތް. ރާއްޖޭގެ ރައްޔިތުން އިންގިލާބަށް ނިކުންނާނެ. އެ ރައްޔިތުން، އެ މީހުންގެ ހައްގުގައި އަދާކުރަން ޖެހޭ ހުރިހާ ވާޖިބެއް އަދާކުރަމުންދާނެ. އެމްޑީޕީ އެމީހުންނާ އެކީގައި، ރާއްޖޭގެ ރައްޔިތުންނާ އެކުގައި ތިބޭނެ،" ނަޝީދު ވިދާޅުވި އެވެ.

ރިސޯޓުތައް ދައުލަތަށް ނެގުމުގެ އައު އުސޫލު

ޓޫރިސްޓު ރިސޯޓު ތަރައްގީކުރަން ދޫކޮށްފައިވާ ރަށްތަކުގެ އެއްބަސްވުން ބާތިލުވުމުން ނުވަތަ މުއްދަތު ހަމަވުމުން އެ ރަށްތައް ސަރުކާރާ ހަވާލުކުރާއިރު، އެ ރަށްރަށުގައި ހުރި މުދަލާއި ތަކެއްޗަށް ބަދަލުދޭނެ ގޮތުގެ އުސޫލެއް އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ އާންމުކޮށްފައެވެ. މި އުސޫލަކީ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ މުހިންމު އުސޫލެކެވެ.

Advertisement

މުދަލާއި ތަކެއްޗަށް ބަދަލު ދީފައި ރިސޯޓު ރަށްތައް ނަގާނެ އުސޫލު އާންމުކޮށްފި

ޓޫރިސްޓު ރިސޯޓުތަކުގެ ކުލީގެ މުއްދަތު ހަމަވުމުން ނުވަތަ ދައުލަތަށް ބޭނުންވެގެން ރަށް ނަގާއިރު އިންވެސްޓުމަންޓަށް ބަދަލުދޭނެ އުސޫލު އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކޮށްފި. މި އުސޫލުގެ ދަށުން ބަދަލު ދެވޭނީ މުދަލުގެ ޑިޕްރިސިއޭޝަން ކެނޑުމަށްފަހު ކަމަށާއި، އެއްބަސްވުމާ ހިލާފުވެގެން ނަގާ ރަށްތަކަށް ބަދަލު ދޭން ނުޖެހޭނެ ކަމަށް ބަޔާންކޮށްފައިވޭ.

ބައިނަލްއަގުވާމީ ޚަބަރުތައް

އޮބާމާ ޕްރެޒިޑެންޝަލް ސެންޓަރު ހުޅުވުން

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ޕްރެޒިޑެންޝަލް ސެންޓަރު ޗިކާގޯގައި ރަސްމީކޮށް ހުޅުވައިފިއެވެ. މި ރަސްމިއްޔާތުގައި އެމެރިކާގެ ކުރީގެ ރައީސުން ކަމަށްވާ ބިލް ކްލިންޓަން، ޖޯޖް ޑަބްލިއު ބުޝް އަދި ޖޯ ބައިޑެން ބައިވެރިވެވަޑައިގެންނެވި ނަމަވެސް، މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފެނިފައެއް ނުވެއެވެ.

އެމެރިކާގެ ކުރީގެ ރައީސުންނާއެކު އޮބާމާގެ ޕްރިޑެންޝަލް ސެންޓަރު ހުޅުވައިފި

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ރިޔާސީ މަރުކަޒު ޗިކާގޯގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، އެމެރިކާގެ ކުރީގެ ރައީސުންނާއި މަޝްހޫރު ފަންނާނުން ބައިވެރިވެވަޑައިގެންފިއެވެ. މި ރަސްމިއްޔާތުގައި އޮބާމާ ދެއްވި ތަގުރީރުގައި ގައުމީ އެއްބައިވަންތަކަމާއި ޑިމޮކްރަސީގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. 850 މިލިއަން ޑޮލަރުގެ މި މަޝްރޫއަކީ އޮބާމާގެ ސިޔާސީ ހަޔާތާ ގުޅޭ ލިޔެކިޔުންތައް ޑިޖިޓަލްކޮށް ފެންނަން ހުންނާނެ ތަނެކެވެ.

އިޖުތިމާއީ ތަފާތު ނަޒަރިއްޔާ: ޖުވެނޯއިއާ

މުޖުތަމައުގެ ދޮށީ އުމުރުގެ މީހުން މިހާރުގެ ޒުވާން ޖީލާ މެދު ދެކޭ ނަޒަރިއްޔާތަކާ ގުޅޭގޮތުން ލިޔެފައިވާ ކޮލަމެއްގައި، ޖީލުތަކުގެ މެދުގައި ހުންނަ ތަފާތުތަކާއި މާޒީގެ ހަނދާންތަކަށް ބިނާކޮށް ކުރެވޭ މަލާމާތާއި ފާޑުކިޔުންތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.

ޖުވެނޯއިއާ؛ 'މިހާރު މިއުޅޭ ކުދިން' އަދި 'މާޒީގެ ފޮނިހަނދާން' ތަކުގެ ނަޒަރިއްޔާ

'ޖުވެނޯއިއާ' އަކީ އާ ޖީލުތަކުގެ އަހުލާގު ދަށަށްދާ ކަމަށް ބުނެ، މާޒީގެ ހަނދާންތަކަށް ބިނާކޮށް ދޮށީ އުމުރުގެ މީހުން ކުރާ ޝަކުވާތަކަށް އިލްމީ ގޮތުން ދެވިފައިވާ ނަމެކެވެ. މިއީ ވަކި ޒަމާނަކަށް ނުވަތަ މުޖުތަމައަކަށް ހާއްސަ ކަމެއް ނޫންކަމާއި، މިއީ ޒަމާނުއްސުރެ އިންސާނީ މުޖުތަމައުތަކުގައި ތަކުރާރުވަމުން އަންނަ އިޖުތިމާއީ ކަމެއްކަން މި ލިޔުމުން ހާމަވެއެވެ.

ކުޅިވަރުގެ ދުނިޔެ

ފީފާ ވޯލްޑް ކަޕް 2026

މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގައި މެކްސިކޯއިން ވަނީ ދެކުނު ކޮރެއާ ބަލިކޮށް، ބާކީ މެޗެއް އޮއްވައި ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އަނެއްކޮޅުން، ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް ވަނީ ކޭޕް ވާޑްއާ އެއްވަރުވި ނަމަވެސް، ސްޕެއިނާ މެދު އަވަހަށް ގޮތް ނުނިންމުމަށް އެދިފައެވެ.

ދެކުނު ކޮރެއާ ބަލިކޮށް މެކްސިކޯ އިން ވޯލްޑް ކަޕް ދެ ވަނަ ބުރަށް

ފީފާ ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވެ، މެކްސިކޯ އިން މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފި. އެޓީމު ދެވަނަ ބުރަށް ދަތުރުކުރީ ދެކުނު ކޮރެއާގެ މައްޗަށް 1-0 އިން ކުރިހޯދައިގެން

ޔަމާލް އެދުނީ ސްޕެއިނާ މެދު އަވަހަށް ގޮތް ނުނިންމަން

ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ކޭޕް ވާޑްއާ އެއްވަރުވި ނަމަވެސް، ސްޕެއިނާ މެދު އަވަހަށް ގޮތް ނުނިންމުމަށް އެ ޓީމުގެ ޒުވާން ތަރި ލަމީން ޔަމާލް އެދިއްޖެއެވެ. އޭނާ ބުނިގޮތުގައި މިއީ ދިގު މުބާރާތެއް ކަމަށާއި، ޓީމުގެ އުންމީދުތަކާ ހަމައަށް ދިއުމަށް ބުރަކޮށް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

މުބާރާތުގެ ތެރެއިން ތިއަރީ އޮންރީ އިޝްތިހާރު ކުރަމުންދާ "49 ވަނަ ޓީމާ" ބެހޭގޮތުން ސުވާލު އުފެދިފައިވާއިރު، ދެކުނު އެފްރިކާ އާއި ޗެކް ރިޕަބްލިކް ބައްދަލުކުރި މެޗުގައި އަންހެން ތިން ރެފްރީން އިންސާފުކުރުމަކީ ތާރީޚީ ކަމެއްގެ ގޮތުގައި ފާހަގަވެގެން ގޮސްފައިވެއެވެ.

ވޯލްޑް ކަޕްގައި އޮންރީ މި ގެންގުޅެނީ ކޮން 49 ވަނަ ޓީމެއް؟

މިފަހަރުގެ ވޯލްޑް ކަޕްގައި ތިއަރީ އޮންރީ އިޝްތިހާރުކުރާ "49 ވަނަ ޓީމަކީ" މެޗުތަކުގެ ބޯޅަ އުފުލުމަށް ހޮވާފައިވާ "އޮފިޝަލް މެޗް ބޯލް ކެރިއާސް (އޯއެމްބީސީ)" ޓީމެވެ. ކިއާ އާއި ފުޓްބޯލް ކޯ ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތުގެ މަގްސަދަކީ ފުޓްބޯޅައަށް ޝައުގުވެރިވާ ކުދިންނަށް މި ދާއިރާއިން ކުރިއަށްދިއުމުގެ ފުރުސަތު ހޯދައިދީ، އެކުދިންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ހިތްވަރު ދިނުމެވެ.

ފީފާ ވޯލްޑް ކަޕްގައި އަންހެން ރެފްރީން ފެނުނު މެޗަށް ހާއްސަ ސަމާލުކަމެއް

ފީފާ ވޯލްޑް ކަޕްގައި ދެކުނު އެފްރިކާ އާއި ޗެކް ރިޕަބްލިކް ބައްދަލުކުރި މެޗު، ތިން އަންހެން ރެފްރީން އިންސާފުކުރުމުން ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައި. މިއީ، ވޯލްޑް ކަޕް މެޗެއްގައި ދަނޑުމަތީގެ ހުރިހާ އޮފިޝަލުންގެ ގޮތުގައި އަންހެން ރެފްރީން ހަރަކާތްތެރިވި ފުރަތަމަ ފަހަރެވެ. މި މެޗުގެ މައި ރެފްރީއަކީ އެމެރިކާގެ ޓޯރީ ޕެންސޯ.

ރިސޯޓް ލީގު ފުޓްސަލް

ރާއްޖޭގެ ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ އަރި ޒޯނުގެ އެންމެ ކާމިޔާބު ޓީމު، ކޮންރަޑް މޯލްޑިވްސް ވަނީ ލީގު ބުރުގެ އެއްވަނަ ހޯދައި ސީދާ ފައިނަލުން ޖާގަ ހޯދާފައެވެ. މި ޒޯނުގެ ސެމީ ފައިނަލުގައި ބައްދަލުކުރާނީ ލިލީ ބީޗާއި މެލިއާ އެވެ.

ރެކޯޑް ޗެމްޕިއަން ކޮންރަޑް ފައިނަލަށް، ލިލީ ބީޗާއި މެލިއާ ސެމީގައި

ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ އަރި ޒޯނުގެ ލީގު ބުރުގެ އެއްވަނަ ހޯދައި، ރެކޯޑް ޗެމްޕިއަން ކޮންރަޑް މޯލްޑިވްސް މުބާރާތުގެ ފައިނަލުން ސީދާ ޖާގައެއް ކަށަވަރުކޮށްފިއެވެ. ފައިނަލުގެ ދެވަނަ ޖާގަ ހޯދުމަށް ކުޅޭ ސެމީ ފައިނަލް މެޗުގައި ބައްދަލުކުރާނީ ލީގު ތާވަލުގެ ދެވަނަ ހޯދި މެލިއާ އާއި ތިންވަނަ ހޯދި ލިލީ ބީޗެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ އަންނަ ހޯމަ ދުވަހުގެ ހަވީރުއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox