ޖުވެނޯއިއާ؛ 'މިހާރު މިއުޅޭ ކުދިން' އަދި 'މާޒީގެ ފޮނިހަނދާން' ތަކުގެ ނަޒަރިއްޔާ

'މާޒީގެ ފޮނި ހަނދާން' ސިފަކޮށްދިނުމަށް އޭ.އައި. ބޭނުންކޮށްގެން އުފައްދާފައިވާ މަންޒަރެއް

'މާޒީގެ ފޮނި ހަނދާން' ސިފަކޮށްދިނުމަށް އޭ.އައި. ބޭނުންކޮށްގެން އުފައްދާފައިވާ މަންޒަރެއް

"މިހާރު މިއުޅޭ ކުދިން ބޮޑެތި މީހުންނަކަށް އިހުތިރާމެއް ނުކުރެ އެވެ." "މިހާރު މިއުޅޭ ކުދިންގެ ކިބައިގައި ރަނގަޅު ތަރުބިއްޔަތެއް ނެތެވެ." މިހާރުގެ ޖީލުތައް ކަންނެތް ވެއްޖެ އެވެ." "އަހަރުމެން ކުޑައިރާ މިހާރާ ހާދަހާ ތަފާތެވެ."

މިއީ މުޖުތަމައުގެ ދޮށީ އުމުރުގެ މީހުންނާއި ހަރު މީހުން އާންމުކޮށް ދައްކާތީ އަޑުއިވޭ ވާހަކަތަކެކެވެ. އެންމެ ދޮށީ ޖީލާއި، އަށްޑިހަ އަދި ނުވަދިހައިގެ ކުޑަކުދިން ކަމުގައިވި، މިހާރުގެ ހަރުވަމުންދާ ޖީލުގެ މީހުން ވެސް މި ކަހަލަ ވާހަކަ ދައްކަ އެވެ. ހެއްވާ ކަމަކީ، މިއީ އެމީހުން ކުޑައިރު، އެމީހުންނާ ބެހޭގޮތުން އޭރުގެ ހަރު މީހުން ވެސް ހަމަ ދެއްކި ވާހަކަތަކެވެ. އެހެންނަމަވެސް، އެމީހުންގެ 'މާޒީގެ ފޮނިހަނދާނުގައި' އެބައި ހަރުލާފައެއް ނެތެވެ. ހަނދާނުގެ ސަފުހާތައް އުކައި ބަލާއިރު އެ މީހުންނަށް ފެންނަނީ ދެ ނަމާދު ދޭތެރޭގައި ގުރުއާން ކިޔަވަން ތިބި މަންޒަރާއި ހުކުރު ދުވަހުގެ މެންދުކުރިން ބޯކޮށަން ދިއުމާއި ބޯކޮށައި ނިންމައި މޫދަށް ދިއުމާއި، ވަގުތުގެ މާ ކުރިން ހުކުރަށް ދިއުމާއި އޭގެ ފަހުން އާއިލާއާއެކު މެންދުރުގެ ކެއުމަށް އިންސާފުކުރި ހަނދާނެވެ. މައިންފަބައިންނާއި އެދުރުން ދެކެ ޖެހިލުންވިކަމާއި، އަމިއްލަ ބަނިޔާދަންކަމުގެ 'ފޮނިމާޒީ' ހަނދާންކުރާއިރު، ހަނދާނުގެ ސަފުހާތަކުގެ މަތީ ފަށަލަތަކުން އެ ފެންނަނީ އޭނާގެ ދިރިއުޅުމުގެ ވަކިވަކި މަންޒަރުތަކެއްކަމާއި، އެއީ މުޅި ދިރިއުޅުން ކިޔައިދޭ ފޮތް ނޫންކަން އެ މީހުންގެ ހިތަކަށް ނުވަދެ އެވެ. މިއީ ކިހިނެއްވާ ކަމެއްބާ އެވެ؟

ޖުވެނޯއިއާ ދެނެގަތުން

Advertisement

ދޮށީ ޖީލުތަކުން "މިހާރު މިއުޅޭ ކުދިން" ނާމެދު ކަންބޮޑުވެގެން އުޅޭ އުޅުމަށާއި، އެކަމުގެ އަސަރުތަކަށް އިޖުތިމާއީ އިލްމުގެ މާހިރުން ދީފައިވާ ނަމަކީ 'ޖުވެނޯއިއާ'(juvenoia)  އެވެ. މިއީ ޒުވާން ޖީލުގެ އަހުލާގާއި ސުލޫކު ދަށަށްދާ ކަމަށް ބުނެ ދޮށީ އުމުރުގެ ޖީލުތަކުގެ މީހުން އެކަން އޮތް މިންވަރަށް ވުރެ ބޮޑުކޮށް ސިފަކުރުމާއި، މުޖުތަމައަށް އަންނަ ޒަމާނީ ބަދަލުތަކަކީ ހަމައެކަނި ޒުވާނުންނަށް އޮތް ނުރައްކަލެއް ކަމަށް ގަބޫލުކުރާ ކުރުމަށް ދީފައިވާ ނަމެކެވެ.

'ޖުވެނޯއިއާ' އަކީ ވަކި ޒަމާނަކަށް ނުވަތަ ވަކި މުޖުތަމައު އަކަށް ހާއްސަ ކަމެއް ނޫނެވެ. ޒުވާން ޖީލާ މެދު ކުރެވޭ މިފަދަ ޝަކުވާތަކަކީ ގަދީމީ ޔޫނާނާއި ގަދީމީ ރޯމާއި، މެދުޒަމާނުގެ ވިލާތުގެ އިތުރުން، މިހާރުގެ ގާތްގަނޑަކަށް ކޮންމެ މުޖުތަމައަކުން ވެސް ފެންނަން ހުރި ކަންކަމެވެ. ޒަމާނަށް އަންނަ ބަދަލުތަކާއެކު ބަދަލުވަނީ މި ޝަކުވާތައް ނިސްބަތް ކުރެވޭ ކަންތައްތަކެވެ. ޝަކުވާތަކުގެ އަސްލަށް ނުވަތަ އަސާސަށް އެއްވެސް ބަދަލެއް ނާދެ އެވެ. ކޮންމެ ޖީލަކުން ވެސް ދެކޭގޮތުގައި އޭގެ ފަހަށް އެ އަންނަ ޖީލުތައް އެދަނީ ހަލާކުވަމުންނެވެ. އަހުލާގާއި ސުލޫކާއި އުފާވެރިކަމާއި ހަމަޖެހުން އޮތީ އެމީހުންގެ ޒަމާނުގައި، އެމީހުންގެ ދިރިއުޅުމުގައި އެކަންޏެވެ.

'މިހާރު މިއުޅޭ ކުދިން' ގެ ސިކުނޑިތައް ފަސާދަކޮށް އަހުލާގު ހަލާކުކުރާ ކަމުގެ ތުހުމަތު އެކި ޒަމާންތަކުގެ ދޮށީ މީހުން އަމާޒުކުރީ އެކި ކަންކަމަށެވެ. އެއްދުވަސްވަރެއްގައި އެއީ ވަކި ވަގުތެއް ނެތި ކުޅިވަރު ކުޅުމެވެ. ދެން ލިޔެކިޔުން އާންމުވީ ފަހުން އެ ތުހުމަތު އަމާޒުވީ ވާހަކަ ފޮތްތަކަށެވެ. އޭގެ ފަހުން ރޭޑިއޯ، ސިނަމާ، ކޮމިކް ފޮތްތައް، ޓީވީ، ރޮކް މިއުޒިކް، މޮބައިލް ފޯނު، އަދި ވީޑިއޯ ގޭމް އެވެ. މި ޒަމާނުގައި އެންމެ ބޮޑު ކުށްވެރިޔަކީ ސޯޝަލް މީޑިއާ އަދި އާޓިފިޝަލް އިންޓެލިޖެންސެވެ. ނަމަވެސް، އަޖައިބުކަމަކީ، އެންމެ އިހުއްސުރެ އޮތް ކަންބޮޑުވުންތަކާއެކު ވެސް އިންސާނީ ތަމައްދުނާއި ތަހުޒީބު މިއަދާ ހަމައަށްވެސް ދެމިއޮވެ، ކުރިއަށް ދާ ކަމެވެ. މިއިން އެއްވެސް ކަމަކީ 'މިހާރު މިއުޅޭ ކުދިން' ގެ ޖީލު ހަލާކުވެގެންދާ ކަމަކަށް ނުވި އެވެ. އޭގެ ބަދަލުގައި ޖީލަކަށްފަހު ޖީލަކާއެކު ދުނިޔޭގެ ދިރިއުޅުން ވަނީ ފަސޭހަ އެވެ.

މިހެން މިކަން އޮތްނަމަވެސް، ޒުވާން ޖީލާމެދު އޮންނަ ނުތަނަވަސްކަން ދެމިއޮތުމަކީ ޝައުގުވެރި ސުވާލެއް އުފެދޭ ކަމެކެވެ. ކޮންމެ ޖީލަކުންވެސް އެމީހުންގެ ފަހަތުން އަންނަ ޖީލަކީ މުޖުތަމައު ހަލާކުކުރާ ބައެއް ކަމަށް ގަބޫލުކުރާ ކުރުން ތަކުރާރުވަމުން މިދަނީ ކީއްވެގެން ހެއްޔެވެ؟

'މާޒީގެ ފޮނި ހަނދާންތައް' ނުވަތަ ނޮސްޓަލްޖިއާ

މީގެ ޖަވާބު އެއްގޮތަކުން ގުޅިފައިވަނީ 'މާޒީގެ ފޮނި ހަނދާންތައް' ނުވަތަ Nostalgia ގެ ނަޒަރިއްޔާއާ އެވެ. މި ނަޒަރިއްޔާގައި ބުނާ ގޮތުން ވަރަށް ގިނަ ފަހަރު އިންސާނުން މާޒީ ހަނދާންކުރަނީ ހަގީގަތުގައި ކަން ހިނގި ގޮތަކަށް ނޫނެވެ. އޭގެ ބަދަލުގައި، އަޅުގަނޑުމެން ހަނދާން ކުރަނީ ތަޖުރިބާތަކާއި އިހުސާސްތަކުން ފުރޭނިގެން އަންނަ، ހޮވައިލެވޭ ވަގުތުކޮޅުތަކެކެވެ. 'މާޒީގެ ފޮނި ހަނދާންތަކާމެދު' ވިސްނާއިރު، އޭނާއަށް ކުރިމަތިވި ދަތިތަކަކީ މަޖާ ކަންތައްތަކެއްގެ ގޮތުގައި ސިފަކޮށް، އުނދަގޫ ހާލަތުތަކަކީ އޭނާގެ ޝަހުސިއްޔަތު ބިނާކޮށްދިން ތަޖުރިބާތަކުގެ ގޮތުގައި މީހުން ވިސްނަ އެވެ. އަދި ދިރިއުޅުމުގެ އުނދަގޫތަކަކީ، މާ އާދައިގެ އަދި މާ އުފާވެރި ޒަމާނެއްގެ ރަމްޒުތަކެއްގެ ގޮތުގައި ބެލެވެން ފަށަ އެވެ. ދަރު އުނދުނުން ކެއްކުމާއި، އަތުން އަންނައުނު ދޮވެ، އަލިފާން އިސްތިރިން އިސްތިރި ކުރުމާއި، ރޭގަނޑު ހަނދުގެ އަލިކަން ނޫން އަލިކަމެއް ނެތި އުޅުމަކީ، މިހާރު ސިކުނޑިން ވިސްނާއިރު 'ފޮނި މާޒީ' އެވެ. ހަށްޓަށް ފަސޭހަވެފައި، އިންސާނާގެ ވަގުތުތަކުގެ އެކަށީގެންވާ ބޭނުންކުރެވުނީ އެޒަމާނުގައިތޯ ނުވަތަ މިހާރުތޯ އެއީ 'ފޮނި މާޒީ' އާ މެދު ވިސްނާއިރު ހިތަށް ވަންނަ ސުވާލެއް ނޫނެވެ.

'ފޮނި މާޒީ' ހަނދާންކުރުމުގައި އެކި މީހުންގެ ހިތަށް ވަންނަނީ އެކި ކަންކަމެވެ. ގޭގޭގެ ދޮރުތައް ތަޅުނުލާ ދޫކޮށްލައިގެން އުޅުނު، މާޒީގެ އަމާން ދުވަސްތަކުގެ ހަނދާންތައް އެއްބަޔަކު އާކުރާއިރު އަނެއްބަޔަކު ހަނދާންކުރަނީ މުދައްރިސުންނަށް ނުހަނު ބޮޑަށް އިހުތިރާމުކުރި މަދަރުސީ ދައުރުގެ މަތިންނެވެ. ސިޔާސީ ވެރިންނަކީ މާ ތެދުވެރި ބައެއް ކަމަށް ބެލެވުނު ޒަމާނަކަށް ނުވަތަ އާއިލާތަކުން އެކުގައި ގިނަ ވަގުތު ހޭދަކުރި ދުވަސްވަރަކަށް ވެސް ބައެއް މީހުންގެ ހަނދާންތައް ދަތުރުކުރެ އެވެ. މިފަދަ ހަނދާންތަކުގައި ކޮންމެވެސް މިންވަރަކަށް ހަގީގަތް އެކުލެވުނު ނަމަވެސް، މިއީ އޭގެ ޒާތުގައި އޭނާގެ ހަނދާންތަކުގެ ތެރެއިން ވަރަށް ބޮޑަށް ހޮވާލެވިފައިވާ ބައެކެވެ. ހަނދާނުން ސަފުހާ ތަކެކެވެ.

ދިވެހި 'ފޮނިމާޒީގެ' މިސާލެއް

ދިވެހި ޝާއިރަކު ހައްދަވާފައިވާ، ތިރީގައިވާ ޅެމަށް ބައްލަވާށެވެ. މިއީ 'ފޮނި މާޒީ' ގެ ނަޒަރިއްޔާއަށް ރީތިކޮށް ފެތި ހިމުންވާ މިސާލެކެވެ. ޅެމުގައި ފުރަތަމަ ގެނެސްދީފައިވާ ބައިތުތަކުގައި ހުރީ އޭރު މީހުން އުޅުނު ހާލުގެ ވާހަކަ އެވެ. ޅެންވެރިޔާގެ އަމާޒަކީ، އެ ދަތި ހާލުގައި އުޅުނުއިރު ވެސް ދިވެހިންގެ އަހުލާގާއި އަމާންކަމާއި އެކުވެރިކަމާއި މި ނޫނަސް މި ރާގުގައި އަމުނާލެވޭނޭ ހުރިހައި ހެޔޮ ރަނގަޅު ސިފަތައް ދިވެހިންގެ ކިބައިގައި ހުރިކަން ދައްކުވައި ދިނުމެވެ. ޅެންވެރިޔާ ވިދާޅުވެ އެވެ.

ކުދީންނޭ ކާފަމެން ބޮޑުވީ ގޮބޮޅިއާ ގިތި ފަޅޯ ކައިގެން

ރޮދިން ރޮނދިހިލި ކިލާވެ ހަފުސްވެފައިވާ ސޯޓުބުރި ލައިގެން

މަދިރި، ތަންމަކުނު، ސެއްޅި ހަފާވަރުން ރޭނިދި ނުނިދި ތިބެގެން

މިޅެން ފުރަތަމަ ކިޔަންވާނީ މަގޭ މުނިމުނި ދަރީންގެ ދަރީން

--

ދިމާވެލި ފެންނަ ފަށުގައި އޮންނަ ރަށަކަށް ދާން ވިޔަސް ލެފިލާ

ދަމާ ދަންމާނު ހަންޖާ ފަލިޖަހައި މުޅި ދެއަތުގައި ފޮޅުލާ

ހަމާ ލޯ ބޯ އަވިން ފިއްސާ، ލޮނާ ފަސް ހަގަޑިއިރު މެކިލާ

މިޅެން ފުރަތަމަ ކިޔަންވާނީ މަގޭ މުނިމުނި ދަރީންގެ ދަރީން

ފުރަތަމަ ބައިތުތަކުގައި އަންނަނީ މިކަހަލަ ވާހަކަތަކެވެ. އޭރުގެ ދަތި ހާލަތެވެ. އަސްލު މައުލޫއަށް އަނބުރާލަނީ ތިރީގައި އެވާ ބައިތުންނެވެ.

މިހާ ދަތިހާލުގައި ހިތިވޭނުގައި ހައިހޫނުގައި ތިބިއިރު

ޖިހާދުގައޭ ތިބީ ދީނާއި ގައުމައިގެން މެ އަށްޑަންއިރު

ނިހާޔަތުގައި ވެޔޭ އަމްނާ ސަލާމަތްތެރިކަމުގެ ވިދުވަރު

މިޅެން ފުރަތަމަ ކިޔަންވާނީ މަގޭ މުނިމުނި ދަރީންގެ ދަރީން

އެ ބައިތަށް ފަހުގައި އަންނަނީ އެ ޒަމާނުގައި އޮތް އަމާންކަމާއި، މީހުންގެ ބަނިޔާދަންކަމާއި، އުޅުނު އުފާވެރިކަމުގެ ވާހަކަތަކެވެ.

ތަޅެއް ހުރި އެންމެ ދޮރުއަށްޓެއް ދޮރެއް ގޭގައި ނުހުންނާނޭ

ފަޅެއްގައި އޮންނަ އޮޑިވެސް އޭގެ މުދަލާއެކު އެ އޮންނާނޭ

މޮޅެއް ބުނެ މޮޅުވުމެއް ނޫންމީ، ހަގީގަތް ހާމަވާންވާނޭ

މިޅެން ފުރަތަމަ ކިޔަންވާނީ މަގޭ މުނިމުނި ދަރީންގެ ދަރީން

--

ސިފައިންނާ ފުލުހުނާ ގާޒީން، މިއީ ކުޑަކޮށް އަހާ ނަންނަން

ހިފައިގެންފިތަ؟ ބަލާއިރު އޭ ސަމާސާ ކުޅިވަރުގެ ކަންކަން

ދިފާއީ ބާރަކީ ހަމައެކަނި އީމާނާ އަދަބުވެރިކަން

މިޅެން ފުރަތަމަ ކިޔަންވާނީ މަގޭ މުނިމުނި ދަރީންގެ ދަރީން

--

ވަރަށް ގިނަ ވާނެ ކަތިވަޅިވެސް، އެއިން ކަނޑަނީ މަހާ ކުރުނބާ

ދުރަށް އުފުލާނެ އަލިފާންވެސް، ފަހުން ބެހެނީ ކަނދީގެ ރުނބާ

ނުރައްކާތެރި މި ނަންވެސް ނުދަނެޔޭ މި ހިތާ ދުލާއި ތުނބާ

މިޅެން ފުރަތަމަ ކިޔަންވާނީ މަގޭ މުނިމުނި ދަރީންގެ ދަރީން

މި ޅެމުގެ ޅެންވެރިޔާއަށް ސިފަވާ ގޮތުން ރާއްޖޭގެ މި އަމާންކަމާއި އުފާވެރިކަމުގެ ހަލާކު ފެށުނީ ދެހާހުގެ އަހަރުތަކުގެ ކުރީކޮޅުގަ އެވެ.

ދެހާހުގެ އަހަރުތައް ގެނައީ، އެހެން ޒާތެއްގެ ތޫފާނެއް

ބަހާރުގެ މާތަކާއި އޮށާ އެކީ އަންދާލި އަލިފާނެއް

ފަހާ ދުވެ މަރުގެ ސަހަރާއެއް ލޮލަށް ދައްކާލި ދުއްޕާނެއް

މިޅެން ފުރަތަމަ ކިޔަންވާނީ މަގޭ މުނިމުނި ދަރީންގެ ދަރީން

--

މިހާރު ކޮބާ މިތާ ދީނެއް؟ މިހާރު ކޮބާ އަމާން ގައުމެއް؟

މިހާރު ކޮބާ ނަމެއް ގަދަރެއް؟ މިހާރު ކޮބާހެ ތާރީހެއް؟

މިހާރު ކޮބާ އަމިއްލަ ކަމެއް؟ މިހާރު ކޮބާ؟ މިވީ ކިހިނެއް؟

މިޅެން ފުރަތަމަ ކިޔަންވާނީ މަގޭ މުނިމުނި ދަރީންގެ ދަރީން

މި ޅެމަކީ ދިވެހިރާއްޖޭގެ ފުރަތަމަ ގައުމިއްޔަތު މިނިސްޓަރު އާދަމް ނަސީރު ހައްދަވާފައިވާ ޅެމެކެވެ. ޖުމުލައެކު ސާޅީހަކަށް ބައިތު ހިމެނޭ މި ޅެމުގައި އެވަނީ އޭނާގެ ޖީލު ތަޖުރިބާކުރިކަމަށް އޭނާއަށް ފެންނަ 'ފޮނިމާޒީ' އާއި، މިހާރުގެ ޖީލުތަކާމެދު އޮތް ކަންބޮޑުވުމެވެ. ރާއްޖޭގައި ޅެންވެރިކަމުގެ ފޭރާން ހެޔޮ 10 ޅެމެއްގެ ލިސްޓެއް އެކުލަވާލާނަމަ މިޅެން އެ ލިސްޓުގައި ހިމެނޭނެކަމާމެދު ޝައްކެއް ނެތެވެ. މިއީ އެ ޝާއިރުގެ ހިތުގެ އެންމެ ފުނުން ނުކުމެފައިވާ ހަގީގީ އިހުސާސުތައްކަން ޅެން ކިޔާލީމާ ހާމަވެ އެވެ. އަޅުގަނޑު ހަމައެކަނި ކިޔުންތެރިންގެ ސަމާލުކަން ގެންދާން ބޭނުންވީ މި ޅެމުގައި ހިމެނޭ 'މާޒީގެ ފޮނި ހަނދާން' އަދި ' ޖުވެނޯއިއާ' ގެ އަސަރުތަކަށެވެ.

މާޒީ ހަނދާންކުރާއިރު ހަމައެކަނި ފޮނިހަނދާންތަކަށް އެކަނި ސިކުނޑި ހިންގުމަކީ އިންސާނީ ފިތުރަތެވެ. އެދުވަސްވަރުގެ ނޭދެވޭ ކަންކަމާ ހިތާމަކޮށް، އެ ހަނދާންތައް އިއާދަކުރުމަކީ ހިތަށް ލިބޭނޭ އިތުރު ތުރާލެކެވެ. އެހެންކަމުން، އެފަދަ ހަނދާންތައް ފަރުދާކުރެވެނީ 'ފޮނިމާޒީ' ގެ ހަނދާންތަކުންނެވެ. ސިއްހީ ހިދުމަތްތަކާއި ދިރިއުޅުމުގެ ފެންވަރު ދަށް، މުވާސަލާތީ ނިޒާމު ލަސް، ނުވަތަ ފުރުސަތުތައް މަދު އެ ދުވަސްވަރަށް ހަގީގަތުގައި އެނބުރި ދާން ބޭނުންވާނީ ވަރަށް މަދު މީހެކެވެ. ގިނަ ބަޔަކު އެ އެދެނީ އެ ދުވަސްވަރު އިހުސާސްކުރެވުނު ހަމަޖެހުމާއި އަމާންކަން އަލުން ހޯދުމަށެވެ. އެ މާޒީގެ މަތިން ހަނދާން އާކުރުމަކީ ހަމައެކަނި ފާއިތުވެދިޔަ ދުވަސްތަކާމެދު ކުރެވޭ އިހުސާސެއް ނޫނެވެ. އެއީ މިހާރުގެ ހާލަތާ މެދު އުފެދޭ ބިރުވެރިކަމާއި ނުތަނަވަސްކަމުގެ ނަތީޖާއެއް ކަމަށް ވެސް ބެލިދާނެ އެވެ.

'ޖުވެނޯއިއާ' އާއި 'ފޮނިމާޒީ' ގުޅެނީ މި ހިސާބުންނެވެ. ކުރިމަގާ މެދު މާޔޫސްވާ ހިނދު، ހިތްހަމަޖެހުން ހޯދުމަށްޓަކައި މީހުން ބަލަނީ މާޒީއަށެވެ. މި ޒަމާނުގައި ޓެކްނޮލޮޖީއަށް މި އަންނަ ހަލުވި ބަދަލުތަކާއި، ވަށައިގެން ފެންނަ ސިޔާސީ ހަލަބޮލިކަމާއި، އިގުތިސާދީ ނުތަނަވަސްކަމާއި ސަގާފީ ބަދަލުތަކުގެ ސަބަބުން ހިތަށް ނުތަނަވަސްކަން ވެރިވުމަކީ ތަބީއީ ކަމެކެވެ. އެފަދަ ބަދަލުތަކާ ކުރިމަތިލާންޖެހުމުން، އެމީހެއްގެ ޅަ ދުވަސްވަރުގެ މުޖުތަމައު މާ ރަނގަޅަށް ހިނގި ކަމަށް ސިފަކުރެވުމަކީ ވަރަށް ވެސް ތަބީއީ އިހުސާސެވެ. ދެން އެއާ ވިދިގެން އުފެދޭނޭ އިހުސާސަކީ، ވަމުން މިދާ ފަސާދައިގެ ޒިންމާ އުފުލާން ޖެހޭނީ މިހާރުގެ ޖީލުތައް ކަމުގެ އިހުސާސެވެ. ހިތަށް އަރާނެ އެވެ. ނާ! އަހަރުމެން ޅައިރު މުޖުތަމައު އޮތީ އަމާންކޮށެވެ. ކުރިނަމަ ކުރި ފަސާދައެއް ކުރި ބަޔަކު އައީ މިކަލަކަށް އައިހެވެ.

މި ވިސްނުމުގައި އޮތް މައްސަލައަކީ، ތާރީހުގެ ތެރޭގައި ކޮންމެ ޖީލަކުން ވެސް މިފަދަ ޝަކުވާތައް ތަކުރާރުކޮށްފައިވާ ކަމެވެ. މިހާރު ޝަކުވާކުރާ ޖީލަކީ ވެސް، އެމީހުންގެ ޒުވާން ދުވަސްވަރު ހަމަ މިފަދަ ފާޑުކިޔުންތަކާ ކުރިމަތިލާންޖެހުނު ބައެކެވެ. ރޮކް މިއުޒިކް އަޑުއަހަމުން ބޮޑުވި މީހުން ފަހުގެ ރެޕް މިއުޒިކަށް ފާޑުކިޔެވެ. ޓީވީ ބަލަމުން ޒުވާންކަން ހޭދަކުރި މީހުން ފަހުން ވީޑިއޯ ގޭމްތަކަށް ފާޑުކިޔެވެ. އިންޓަނެޓް ބަލައިގަތް މީހުން ފަހުން ސޯޝަލް މީޑިއާއަށް އެބަ ފާޑުކިޔަ އެވެ. ކޮންމެ ޖީލަކުން ވެސް ހަނދާން ނައްތައިލަނީ އެމީހުންނަކީ ވެސް އެއްދުވަސްވަރެއްގައި މުޖުތަމައުގެ ނިޒާމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ބެލެވުނު ބައެއް ކަމެވެ.

މިކަމުގައި އެންމެ މަޖާ ކަމަކީ، ކޮންމެ ޖީލަކުން ވެސް އެމީހުންނަކީ ތާރީހުގައި ވެސް ހާއްސަ އިސްތިސްނާ ބައެއް ކަމަށް ޔަގީންކަމާއެކު ދެކޭ ދެކުމެވެ. ޒުވާނުންނާ މެދު ކުރެވޭ ޝަކުވާތަކަކީ ޒަމާނުއްސުރެ އޮތް ކަމެއްކަން ދޮށީ އުމުރުގެ މީހުން ގަބޫލު ކުރެ އެވެ. ނަމަވެސް، އެމީހުންގެ ނަޒަރުގައި މިފަހަރު ކުރިމަތިވެގެން މިއުޅެނީ ދުނިޔެ ހަލާކުވާނެ ވަރުގެ ކަމެކެވެ. ކުރީގެ ޖީލުތަކުން އެމީހުންނާމެދު ކުރި ޝަކުވާތަކަކީ ކުށްހީއަކަށް ވެދާނެ ކަމަށާއި، އެކަމަކު މިއަދުގެ ކަންބޮޑުވުންތަކަކީ ހަމަ ހަގީގީ ކަންތައްތަކެއް ކަމަށް އެމީހުން ވަކާލާތުކުރެ އެވެ.

ނިންމުން

މާޒީގެ ހަނދާންތައް އާކުރުމަކީ (nostalgia) އޭގެ ޒާތުގައި ގެއްލުމެއް ނެތް، އުފާވެރި އިހުސާސެކެވެ. އެ ހަނދާންތަކުން ހިތްހަމަޖެހުން ލިބި، އިޖުތިމާއީ ގުޅުންތައް ވަރުގަދަވެ، ސަގާފީ އަގުހުރި އާދަކާދަތައް ދެމެހެއްޓުމަށް ބާރުލިބެ އެވެ. މައްސަލައަކަށް ވަނީ، މާޒީގެ ހަނދާންތަކުގެ ސަބަބުން ހަގީގަތް އޮޅޭ ހިސާބަށް ދެވުން، ނުވަތަ މާޒީއަކީ އެންމެ ފުރިހަމަ ގޮތް ކަމަށް ދެކި، ބަދަލުވަމުންދާ ސަގާފަތަށް ބަލައި، މިހާރުގެ ޒުވާން ޖީލުތަކާމެދު ގޮތް ނިންމަން ފަށާ ހިސާބުންނެވެ.

ޒުވާނުން މުޖުތަމައު ހަލާކުކުރަނީއޭ ބުނާ އަޑު އިވޭ ކޮންމެ ފަހަރަކު ހިތަށް އަރުވާށެވެ. މިއީ ތާރީހުގައި ކޮންމެ ޖީލަކަށްމެ އަމާޒުވެފައިވާ ތުހުމަތެކެވެ. މިއަދު ފާޑުކިޔުން އަމާޒުވާ، ފުރާވަރުގެ ކުދިންނަކީ، މާދަމާގެ ޒުވާން ޖީލަށް ފާޑުކިޔާނެ ބޮޑެތި މީހުންނެވެ. އެމީހުން ވެސް އޭރުގެ އާދައިގެ ދިރިއުޅުމުގެ ވާހަކަ ދައްކައި، އޭރުގެ އާ އީޖާދުތަކާ މެދު ޝަކުވާކޮށް، ކުރީގެ ޒުވާނުންނާ ހިލާފަށް މިހާރުގެ ކުދިންގެ އުޅުން ހުންނަ ގޮތާ މެދު ހައިރާންވެގެން އެ ވާހަކަ ދައްކާނެ އެވެ.

'މިހާރުގެ ޖީލުތަކާމެދު' އޮންނަ މި ބިރުވެރިކަމަކީ އިންސާނީ ތާރީހުގައި އެންމެ ދިގުދެމިގެންވާ އެއް އާދަ އެވެ. މިއަދުގެ ސޯޝަލް މީޑިއާގެ ވަސީލަތްތަކާއި ސިޔާސީ މައްސަލަތައް ފަނޑުވެގެންދާ ފަހުން ވެސް، އަންނަން އޮތް ޖީލުތަކުގެ މީހުން އެމީހުންގެ ފަހުން އަންނަ މީހުންނާ މެދު ޝަކުވާ ކުރާނެކަން ކަށަވަރެވެ. އެމީހުން ވެސް އެ ޝަކުވާތައް ކުރާނީ، މުޖުތަމައުގެ ކަންކަން ވަރަށް ރަނގަޅަށް އޮތް "އެ މުސްކުޅި ރީތި ދުވަސްތައް" ހަނދާން ކުރަމުންނެވެ.

 

---

މި ލިޔުމަށް މައުލޫމާތު ހޯދުމަށް ބެލީ؛

ޑެން ހެންކޮކްސް، 'ހޫ ރިމެމްބަރސް ދަ ޕްރޮޕަރ ބިންމެން؟ ދަ ނޮސްޓަލްޖިއާ މީމްސް ދެޓް ހެލްޕް އެކްސްޕްލެއިން ބްރިޓަން ޓްޑޭ'، ދަ ގާޑިއަން، 15 ނޮވެމްބަރ 2022

ސޭމް ފްރިޑްމަން، 'ދަ ބިގް އައިޑިއާ؛ އިޒް ނޮސްޓަލްޖިއާ ކިލިންގ ޕޮލިޓިކްސް'، ދަ ގާޑިއަން، 21 އޮކްޓޯބަރ 2024

އާދަމް ނަސީރު އިބްރާހީމް، 'ކާއިނާތުގެ ހިލަން' 4 ޖޫން 2020

 

ކޮމެންޓް

ފަހުގެ ޚަބަރު

ސިޓީބިޓީ: ގައުމުގެ އިސް ރަށްވެހީންނަށް އިލްތިމާސެއް

ގައުމީ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށްޓަކައި، ދައުލަތުގެ މަތީ އިއްޒަތް ލިބިވަޑައިގެންފައިވާ 12 ތަޖުރިބާކާރު ބޭފުޅުންގެ މައްޗަށް އެކުލެވޭ ހާއްސަ މަޖިލީހެއް ރައީސް އޮފީހުން އެކުލަވައިލައިފިއެވެ. މި މަޖިލީހުގެ މައިގަނޑު މަގުސަދަކީ ގައުމުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ އިހުލާސްތެރި މަޝްވަރާ ހޯދުން ކަމަށްވާއިރު، މިއީ ގައުމުގެ މުސްތަގުބަލާ މެދު ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރި ނާޒުކު ދަނޑިވަޅެއްގައި އެޅުނު މުހިންމު ފިޔަވަޅެކެވެ.

ރަސްމާލެ ވިއްކުމުގެ ރިފަރެންޑަމެއް ނަގަން ބިރުގަންނަނީ ކީއްވެ؟

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމަކީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވި ވައުދާ ހިލާފުވުމެއް ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. ބޭރުގެ ފަރާތްތަކަށް ބިން ނުދޭނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް، މިހާރު މި މަޝްރޫއުގެ ދެބައިކުޅަ އެއްބައި ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށްވެސް މި ޚަބަރުގައި ބަޔާންކޮށްފައިވެއެވެ.

ކުށުގެ ވާހަކަ: ދަރިފުޅަށް ގޯނާކުރަން ވާގިވެރިވި މަންމަގެ ހިޔާނާތް

އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމަށް އެ ކުއްޖާގެ މަންމަ މަގުފަހިކޮށްދިން. އަދި މި ލާއިންސާނީ އަމަލުގައި، ދަރިފުޅު ރައްކާތެރިކުރުމުގެ ބަދަލުގައި މަންމަ ވަނީ ގަސްދުގައި އެހެން ފިރިހެނަކަށް އެ ކުއްޖާ ޖިންސީ ގޮތުން ބޭނުންކުރުމަށް އެހީތެރިވެ، އެންމެ އަސާސީ އިތުބާރުގެ ގުޅުމަށް ހިޔާނާތްތެރިވެފަ.

އެމްއޭސީއެލްގެ ރެކޯޑު ފައިދާގެ ފަރުދާގައި ބޮޑު ދަރަނި

އެމްއޭސީއެލްއަށް ބޮޑު ފައިދާއެއް ލިބުނު ނަމަވެސް، ނަގުދު ފައިސާ މަދުވެ އެ ކުންފުނީގެ މާލީ ހާލަތަށް ވަނީ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފަ. މިދިޔަ އަހަރު ނިމުނުއިރު ކުންފުނީގެ ތިޖޫރީގައި ހުރި ފައިސާ ދެބައިކުޅަ އެއްބަޔަށް މަދުވެފައިވާއިރު، ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ހަމަޖެއްސުމުގައި ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ.

އަހަރެމެން މި ތަކުރާރުކުރަނީ މާޒީ ހެއްޔެވެ؟

އިންސާނީ ދަހިވެތިކަމާއި، ހަމަ އެ ފޮނި ވާހަކައާއި، މުސްތަޤްބަލުގެ ޖީލުތަކުން ބަލަން ބޭނުންނުވާ ހަމަ އެ ނުރައްކާ މިއަދުވެސް މިވަނީ އަޅުގަނޑުމެންގެ ކުރިމަތީގައި. 2026 ގެ ރާއްޖެއަކީ 1887 ގެ ރާއްޖެއެއް ނޫނެވެ. އެކަމަކު، ސަރުކާރެއްގެ މިހާރުގެ ވަގުތީ ސަލާމަތަށްޓަކައި ޤައުމުގެ މުސްތަޤްބަލު ސޮއިކޮށް ދޫކޮށްލައިފިނަމަ، ނަތީޖާ ނުކުންނާނީ ހަމަ ކުރީގެ ގޮތަށް.

ތިޔަ އެއްޗެއްގައި ސޮއިކުރުމަށްވުރެ ޝަހީދުވުންވެސް ރަނގަޅޭ

ޔަހޫދީންގެ މިތުރަކާ ގުޅިގެން ވާނެ ހެވެއް ނޯންނާނެ އެވެ. އިނގިރޭސިންގެ މުށުތެރެއަށް ވެއްޓިގަތުމާ ނައިބުތުއްތު ދެކޮޅުހެއްދެވިހިނދު، ދިވެހި ދައުލަތުގައި ތިބި ވެރިން އޭރުކީ ލަވަޔަކީ ހަމަ މިހާރުވެސް މި އިވޭ ލަވަޔެވެ. މިއީ އިގުތިސާދީ ކަމެކެވެ. ސިޔާސީ ކަމެކެވެ. ލައްކަ މަންފާވީނަމަ، އަހަރުތަކެއް ފަހުން އިނގިރޭސިންގެ އަތުން މިނިވަންވާކަށް ނުޖެހުނީސްތާ އެވެ!

ރަސްމާލެ މައްސަލައިގެ ނުރައްކާތައް ދިރާސާކުރުމުގެ އިލްތިމާސް

ނޮވެމްބަރު 3 ގައި ގައުމު ދިފާއުކުރި ސިފައިން، ފުރާނަ ގުރުބާންކުރީ ވަކި ތަރައްގީގެ މޮޑެލްއަކަށް ނުވަތަ އިގުތިސާދީ ސިޔާސަތަކަށް ނޫނެވެ. އެމީހުން ދިފާއުކުރީ ދިވެހިންގެ މުސްތަގުބަލުގެ ސާހިބުންނަކީ ދިވެހިން ކަމުގައިވުމުގެ ހައްގެވެ. އެ ހައްގަކީ މިއަދު ވެސް ހަމަ އެ ދަރަޖައިގައި ދިފާއުކުރަންޖެހޭ ހައްގެކެވެ.

Newsletter

Get the latest news delivered straight to your inbox