ލޯކަލް ކައުންސިލުގެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓު އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އިން ކާމިޔާބު ކުރިތާ 24 ގަޑިއިރު ވެސް ނުވަނީސް، ޕާޓީ މެދުވެރިކޮށް ގައުމަށް ބޮޑު ބަދަލެއް ގެނައުމުގެ ވާހަކަ ދެކެވެން ފަށައިފި އެވެ.
މިކަމުގައި އިސް ނެންގެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އޭޕްރީލް 5، ނަޝީދުގެ ފޯނުން ޕާޓީގެ ލީޑާޝިޕަށް އަދި ބައެއް އެހެން އިސްވެރިންނަށް ފޮނުއްވި މެސެޖެއްގައި ހިޔާލު ދެއްވީ ރައީސް މުހައްމަދު މުއިއްޒު ވެރިކަމުން ދުރުކޮށް އިންތިގާލީ ސަރުކާރެއް އުފެއްދުމަށެވެ.
"ސަރުކާރަށް ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ. އަދި މި ދަނޑިވަޅު ހަނގުރާމައިގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގުތިސާދަށް ބޮޑުކޮށް ކުރަން ފަށައިފި. ވީމާ ބޭނުން ޖެހިފައިވާ އަސާސީ، އޮނިގަނޑުގެ އިސްލާހުތައް ގެނައުމަށާއި މިނިވަން އިންސާފުވެރި އިންތިހާބެއް ރާވައި ހިންގަން ރައީސް މުއިއްޒު ވެރިކަމުން ދުރަށް ޖެހިވަޑައިގެން، ހުރިހާ ޕާޓީއެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލެވުމަށް ގޮވާލަން ފެނޭ."
އިންތިހާބާއި ވޯޓުން ލިބުނު ކާމިޔާބީ ފާހަގަ ކުރަން ހޯމަ ދުވަހު ޕާޓީ އިން ބޭއްވި ޖަލްސާގެ ކުރިން ޖެހުނު ހަގީގީ މައްސަލައަކީ އެއީ އެވެ. އިންތިގާލީ ސަރުކާރެއް އުފައްދަން، ނަޝީދުއާ ވާދަވެރި އެހެން ފެކްޝަންތަކަކުން ބޭނުމެއް ނުވެ އެވެ.
އިންތިގާލީ ސަރުކާރެއް އުފެއްދުމުގެ މަސައްކަތް ކުރަން ބޭނުން ނުވި ފެކްޝަންތަކުން ނިންމީ، ކާމިޔާބީ ފާހަގަ ކުރަން ބޭއްވި ޖަލްސާގައި އިންތިގާލީ ސަރުކާރެއް އުފައްދަން އުޅޭ ވާހަކަ ދެއްކުމުގެ ދުރުސަތު ނަޝީދަށް ނުދެއްވުމަށެވެ.
މި ލިޔުމުގައި ހިމަނާފައި ވަނީ އެމްޑީޕީގެ އެތެރޭގެ ކަންކަން ރަނގަޅަށް އެނގޭ، އެ ޕާޓީގެ މުހިންމު މަގާމުތަކުގައި ތިބި ފަސް މެންބަރަކާ ހަވާލާދީ ގެނެސްދީފައިވާ ވާހަކަތަކެކެވެ. ވަގުތާއި ހާލަތުގެ ގޮތުން އެ މެންބަރުން ވާހަކަ ދެއްކީ ނޫހުގައި ނަން ހާމަނުކުރަން އެދި އެވެ.
އެމްޑީޕީގެ އެތެރޭގެ ފެކްޝަންތައް
އެމްޑީޕީގެ އެތެރޭގެ މައްސަލަތަކުގެ ވާހަކަ ދެއްކުމުގެ ކުރިން، ޕާޓީގެ ކޯލިޝަންތައް ބެހިފައިވާ ގޮތް އެނގުން މުހިންމެވެ. ޕާޓީގައި މިވަގުތު އޮތީ މައިގަނޑު ތިން ފެކްޝަނާއި ކުޑަ ދެ ފެކްޝަނެވެ. އެއީ:
- ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ ފެކްޝަން (ކުރީގެ ރައީސް ނަޝީދު ތާއީދުކުރައްވަނީ މި ފެކްޝަނަށް)
- ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަން
- ޕާޓީގެ ރައީސް އަބްދުﷲ ޝާހިދުގެ ފެކްޝަން
- ޕާލަމެންޓަރީ ގްރޫޕުގެ މެންބަރު އަހުމަދު ޝަމްހީދުގެ ފެކްޝަން
- ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ ފެކްޝަން
ފެކްޝަންތަކަށް ޕާޓީ ބައިބައިވާން ފެށީ މިދިޔަ ރިޔާސީ އިންތިހާބުގެ ޕްރައިމަރީގެ ކުރިންނެވެ. އެންމެ ފުރަތަމަ މައްސަލަ ޖެހުނީ ނަޝީދު އާއި ސޯލިހުއާ ދެމެދު އެވެ.
ރިޔާސީ އިންތިހާބުގެ ނިމެންދެން ފައްޔާޒް ހުންނެވީ ސޯލިހާއެކު އެވެ. ފައިސަލް ނަސީމް އަމިއްލައަށް މަސައްކަތް ކުރައްވަން ފެއްޓެވީ، ދެ ވަނަ ދައުރަކަށް ސޯލިހު ވާދަ ކުރެއްވިއިރު، އޭނާ ރަނިން މޭޓަކަށް ނުހެއްދެވި ހިސާބުންނެވެ.
ރިޔާސީ އިންތިހާބާ ހަމަވިއިރު ނަޝީދު ހުންނެވީ އެމްޑީޕީ އިން ވަކިވެވަޑައިގެން ވަކި ޕާޓީއެއް އުފައްދަވައި، އެ ޕާޓީގެ ކެންޑިޑޭޓަކު ނެރުއްވައިގެންނެވެ. ނަޝީދުގެ ކެންޑިޑޭޓު އިލްޔާސް ލަބީބަށް ރިޔާސީ އިންތިހާބުގައި ލިބިވަޑައިގަތީ 15،000 ވޯޓެވެ.
ރިޔާސީ އިންތިހާބަށްފަހު، ނަޝީދު އާއި ފައްޔާޒް އެކީގައި މަސައްކަތް ކުރައްވަން ފެއްޓެވި އެވެ. ނަޝީދު އަނބުރާ އެމްޑީޕީއަށް ގެނައުމުގައި ވެސް ފައްޔާޒް އިސް ރޯލެއް އަދާ ކުރެއްވި އެވެ. އޭރު، ޗެއާޕާސަންގެ މަގާމުގައި ހުންނެވީ ފައްޔާޒް އެވެ. ރައީސް ސޯލިހުގެ ފެކްޝަނުން ގެންދެވީ ނަޝީދު އަލުން އެމްޑީޕީއަށް ނުގެނައުމަށް ބާރު އަޅަމުންނެވެ.
ނަޝީދު ޕާޓީއަށް ގެނައުމުގައި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދުގެ އެއްބާރުލުން ލިބިވަޑައިގެންނެވި ކަމަށްވެ އެވެ. ސަރުކާރު ބަދަލުވި ހިސާބުން ފެށިގެން ޝާހިދު މަސައްކަތް ކުރައްވަމުން ގެންދެނީ ވަކި ޓީމެއް ނަންގަވައިގެން ވަކިންނެވެ.
މި ހުރިހާ ކަމެއް ހިނގަމުންދިޔައިރު، މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން މަޖިލީހަށް ހޮވިވަޑައިގެންނެވި ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު މަސައްކަތްކުރައްވަމުން ގެންދެވީ ޕާލަމެންޓަރީ ގްރޫޕުގެ ތާއީދު އޭނާއަށް ލިބޭތޯ އެވެ.
އެމްޑީޕީގެ ޕާލަމަންޓަރީ ގުރޫޕުގެ އަގުލަބިއްޔަތު މެންބަރުން ތާއީދު ކުރައްވަނީ ޝަމްހީދަށް ކަމަށްވެ އެވެ.
މިހާރު ޖެހިގެން މި އުޅޭ މައްސަލަގަނޑު
އެމްޑީޕީގެ ތެރޭގައި މިހާރު މި ޖެހިގެން އުޅޭ މައްސަލައަކީ ވެސް ފެކްޝަންތަކުގެ މައްސަލައެކެވެ. މި މައްސަލަގަނޑު ފެށުނީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގަ އެވެ.
އެމްޑީޕީގެ ކެމްޕެއިނު މުޅި ރާއްޖޭގައި ހިންގިއިރު، މާލެ ފިޔަވައި އެހެން ރަށަކުން ބޮޑު ދެ ފެކްޝަނުގެ ލީޑަރުން އެއްކޮށް ފެނިފައެއް ނުވެ އެވެ. ލީޑަރުން އެއްކޮށް ފެނުނީ އެންމެ ފަހު ދުވަހު މާލޭގައި ބޭއްވި ކެމްޕެއިނު ނިންމުމުގެ ހިނގާލުމުންނެވެ.
މި ނޫހާ ވާހަކަ ދެއްކި ބައެއް މެންބަރުން ވިދާޅުވީ، ބޮޑު ދެ ފެކްޝަނުގެ ލީޑަރުން އެއްކޮށް ދަތުރެއް ކުރެއްވުމުގެ އިންތިޒާމްތައް ޕާޓީގެ ސެކްރެޓޭރިއޭޓުން ހަމަޖެއްސި ކަމަށެވެ. އެކަމަށް ފަހު ވަގުތު ނަޝީދު އެއްބަސްވެވަޑައިނުގެންނެވި ކަމަށް އެނގިފައިވެ އެވެ.
ނަޝީދު މިކަމަށް އިންކާރު ކުރެއްވި ސަބަބެއް ހާމަ ނުކުރައްވަ އެވެ. އެހެންނަމަވެސް 'އަދަދު' ނޫހަށް އެނގިފައިވާ ގޮތުގައި މާމެންދޫ އަދި ކޮލަމާފުށީ ކެންޑިޑޭޓުންނާ ސޯލިހު ބައްދަލުކުރެއްވި ދުވަހު ނަޝީދަށް ފޯނުން ގުޅުއްވައި، ސްޕީކަރަށް ލައިގެން ދެ ބޭފުޅުން ވާހަކަ ދެއްކެވިއިރު ސޯލިހުގެ މޫނުފުޅުން ކުރެެއްވި އިޝާރާތްތަކާމެދު ނަޝީދު ވަރަށް ހިތްޕުޅު ހަމަނުޖެހުނެވެ.
އެ ދެރަށުގެ ކެންޑިޑޭޓުން އެދިވަޑައިގަތީ އެ ދެ ރައީސުން އެކުގައި އެ ދެރަށަށް ވަޑައިގަތުމަށެވެ. އެއީ އެ ދެބޭފުޅުން އެކުގައި ތިއްބެވުމަކީ ބާރެއް ކަމަށް ދެކޭތީ އެވެ. އެކަން ހަމަޖައްސަވަން ސޯހިލުގެ ފޯނުން ނަޝީދަށް ގުޅުއްވައި އެ ވާހަކަ ވިދާޅުވުމުން ނަޝީދު ވިދާޅުވީ 'ދެން އަޅުގަނޑާ ރައީސް ސޯލިހުއާ މިއީ ވަކިވާނެ ބައެއް ނޫނެއް ނޫންތޯއޭ' އެވެ.
ނަޝީދު މިހެން ވިދާޅުވިއިރަށް ރައީސް ސޯލިހު ކުޑަކޮށް ހިނުފުޅުވަޑުވައި އަހިރުގައި ތިބި މީހުންނަށް ނިތްއަރުވައި އިޝާރާތް ކުރެއްވި އެވެ. މި ކޯލުގެ ވީޑިއޯ ފެނިވަޑައިގަތުމުން ނަޝީދު އެކަމާ ވަރަށް ކޯފާވި އެވެ.
ނަޝީދުގެ އަރިސް ބޭފުޅުން ވިދާޅުވާ ގޮތުގައި ނަޝީދު ދެކެވަޑައިގަތީ އެއީ ސޯހިލު އެމަނިކުފާނަށް ކުރެއްވި ފުރައްސާރައެއް ކަމަށެވެ. ސޯލިހުއާއެކު ރަށްރަށަށް ދަތުރު ނުކުރައްވަން ނިންމެވި އެއް ސަބަބަކީ މިއީ ކަމަށް މައުލޫމާތު ލިބެ އެވެ.
އިންތިހާބު ނިމުމާއެކު ނަޝީދު ބޭނުންވެވަޑައިގަތީ، ކުރިން ބުނިހެން، އިންތިގާލީ ސަރުކާރެއް ހެދުމުގެ މަސައްކަތް ފެށްޓެވުމަށެވެ. އެކަން ކުރައްވަން ބޭނުންފުޅުވާ ކަމަށް ޕާޓީގެ ލީޑަރޝިޕަށް މެސެޖު ފޮނުއްވައި، އެ ވާހަކަ ޖަލްސާގައި ދައްކަވަން ބޭނުންވެވަޑައިގަންނަވާ ވާހަކަ ވިދާޅުވި އެވެ.
ޖަލްސާ އިންތިޒާމް ކުރަމުން ގެންދެވި ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާގެ ޖަވާބަކަށްވީ، ގައުމީ މަޖިލީހާ ވާހަކަ ނުދައްކައި އެފަދަ މަސައްކަތެއްގެ ވާހަކަ އިއުލާނު ކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. މިއީ ސޯލިހުގެ ފެކްޝަނުން ވެސް އެކަމާމެދު ދެކުނު ގޮތެވެ.
ޣަފޫރު އާއި ސޯލިހުގެ ފެކްޝަނުން މިވަގުތު މަސައްކަތް ކުރަނީ އެކުއެކީ އެވެ. އެހެން ފެކްޝަންތަކުން ތުހުމަތުކުރާ ގޮތުގައި ޣަފޫރު މަސައްކަތް ކުރައްވަނީ ސީދާ ސޯލިހު އަންގަވާ ގޮތަށެވެ.
އިންތިގާލީ ސަރުކާރެއް އުފައްދުމުގެ މަސައްކަތް ކުރަން ރައީސް ނަޝީދު ވަނީ ޕާޓީގެ ބޭރުން ބައެއް ބޭފުޅުންނާ ވާހަކަ ދައްކާފައި ކަމަށްވެ އެވެ. ނަޝީދު ވާހަކަ ދެއްކެވި ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ހިމެނިވަޑައިގަންނަވާ ކަމަށްވެ އެވެ.
އިންތިގާލީ ސަރުކާރެއް ހެދުމަށް ނަޝީދު ގެންގުޅުއްވާ ޕްލޭނުގައި، ރައީސް މުއިއްޒު ވެސް ބާކީ ނުކުރައްވާ ކަމަށްވެ އެވެ. ނަޝީދު ވާހަކަ ދައްކަވާފައި ވަނީ އިންތިގާލީ ސަރުކާރުން ވަކި މިންވަރެއް މުއިއްޒަށް ވެސް ދެއްވުމަށް ކަމަށްވެ އެވެ.
ކޮންމެއަކަސް، ކާމިޔާބީ ފާހަގަ ކުރަން ބޭއްވި ޖަލްސާގައި ވާހަކަ ދެއްކެވުމުގެ ފުރުސަތު ނަޝީދަށް ނުދިނުމުން، އެމަނިކުފާނުގެ ފެކްޝަނުން އެ މައްސަލަ ވަރަށް ސީރިއަސްކޮށް ނެގި އެވެ.
ޕާޓީގެ ޗެއާޕާސަން އަބްދުލްޣަފޫރު މަގާމުން ވަކި ކުރުމުގެ މަސައްކަތް ނަޝީދުގެ ފެކްޝަނުން ވަގުތުން ފެށި އެވެ. ޣަފޫރުގެ ހިމާޔަތުގައި ނުކުތީ ސޯލިހުގެ ފެކްޝަނެވެ.
ޝަމްހީދުގެ ފެކްޝަން ވެސް އޮތީ ޣަފޫރުގެ ފަހަތުގަ އެވެ. ޕާޓީގެ ބާރުތައް ނަޝީދުގެ ފެކްޝަނަށް ފުރޮޅޭކަށް ޝަމްހީދުގެ ފެކްޝަނަކުން ވެސް ބޭނުމެއް ނުވެ އެވެ. ޝާހިދުގެ ފެކްޝަނުން މި މައްސަލައިގައި އަމަލު ކުރާނެ ގޮތެއް އަދި ނޭނގެ އެވެ.
ޣަފޫރު ވަކި ކުރުމުގެ މަސައްކަތް ފެށުމުން ސޯލިހުގެ ފެކްޝަނުން އެކަން ނާކާމިޔާބުކޮށްލަން ފިޔަވަޅުތަކެއް އެޅި އެވެ. ފުރަތަމަ ކަމަކީ ލީގަލް ޑައިރެކްޓަރު އަހުމަދު މައުރޫފް މަގާމުން ވަކި ކުރުމެވެ. ދެ ވަނަ ފިޔަވަޅަކީ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ) މަގާމުން ވަކި ކުރުމެވެ.
ޗެއާޕާސަންގެ ނައިބު އިބުރޭ މަގާމުން ވަކި ކުރީ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވަން މަސައްކަތް ކުރަން ފެށުމުން ކަމަށްވެ އެވެ. ޗެއާޕާސަން ވަކި ކުރެވޭނީ ގައުމީ މަޖިލީހުގެ ޖަލްސާއަކުންނެވެ. ޗެއާޕާސަންގެ ނައިބުގެ ހައިސިއްޔަތުން ގައުމީ މަޖިލިސް ބޭއްވުމުގެ ބާރު އިބުރޭއަށް އޮވެ އެވެ.
އިބުރޭ ވަކިކޮށްފި ނަމަ ގާނޫނީ މައްސަލަތަކެއް ނުކުންނާނެ ކަމަށް ސޯލިހުގެ ފެކްޝަނަށް އެނގުނެވެ. ލީގަލް ޑައިރެކްޓަރު މައުރޫފް އޭގެ ކުރިން މަގާމުން ވަކި ކުރީ، އިބުރޭ ވަކި ކުރެވޭނެ ކަމަށް ލަފާ ހޯދަން ކަމަށްވެ އެވެ.
އިބުރޭ މަގާމުން ވަކި ކުރީ ޕާޓީގެ އަސާސީ ގަވާއިދުގެ 70 ވަނަ މާއްދާއާ ހަވާލާދީ އެވެ. އެ މާއްދާގެ ބުނެފައި ވަނީ "ޗެއާޕާސަންގެ ދައުރުގެ ތެރޭގައި ޗެއާޕާސަންގެ ނައިބަކު ވަކިކޮށް ގައުމީ މަޖިލީހުގެ ރުހުމާއެކު އެހެން ފަރާތެއް ޗެއާޕާސަންގެ ނާއިބު ކަމަށް އައްޔަނު ކުރެވިދާނެ" ކަމަށެވެ.
އެކަމަކު، އަސާސީ ގަވާއިދުގެ 100 ވަނަ މާއްދާގައި ބުނެފައި އޮންނަނީ، "މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ޕާޓީގެ އިންތިހާބީ މަގާމުތަކަށް އިންތިހާބުވެފައިވާ ފަރާތްތައް އެ މަގާމުގެ ދައުރު ހަމަވަންދަން އެ މަގާމުތަކުގައި ދެމިތިބޭނެ" ކަމަށެވެ.
އިބުރޭއަކީ ޗެއާޕާސަންގެ ނައިބުގެ މަގާމަށް އިންތިހާބުވެފައިވާ ބޭފުޅެކެވެ. ޗެއާޕާސަންގެ ނައިބަކީ، ޗެއާޕާސަން އައްޔަން ކުރާ މަގާމަކަށް އަދި ޗެއާޕާސަންއަށް ވަކި ކުރެވޭ މަގާމަކަށް ހެދީ އިބުރޭ އިންތިހާބުވި ފަހުންނެވެ.
އެހެންނަމަވެސް މިއީ ގާނޫނީ ބަހުސެއް އޮތް މައްސަލައެކެވެ. އަސާސީ ގަވާއިދުގެ 100 ވަނަ މާއްދާއަކީ، ޗެއާޕާސަަނުންގެ ނައިބުންނަކީ އައްޔަނުކުރާ ބައެއް ކަމަށް އަސާސީ ގަވާއިދު ބަދަލުކުރިއިރު އިންތިހާބު ވެފައިތިބި ނައިބުން އެ ބަދަލާއެކު ވަގުތުން ވަކިނުވާނެކަން ބުނެދިނުމަށް ގަވާއިދުގައި ހިމެނި މާއްދާއެއް ކަމަށް ވެސް މާނަ ކުރެވެ އެވެ.
މިގޮތަށް މާނަކުރައްވާ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި، ޗެއާޕާސަންގެ ނައިބުން ވަކިކުރުމަށް ޗެއާޕާސަންއަށް ލިބިގެންވާ ބާރު މި މާއްދާގެ ސަބަބުން ގައިދެއް ނުވެ އެވެ.
އެހެންނަމަވެސް ޣަފޫރު ވަކި ކުރުމުގެ މައްސަލަ ވެއްދިއިރު، އޭގައި ފާގަހަ ކޮށްފައިވާ އެންމެ މުހިންމު ނުކުތާއަކީ ވެސް އިބުރޭ ވަކި ކުރުމުގެ މައްސަލަ އެވެ. ގާނޫނީ ސުވާލުތަކެއް ހުރި މި މައްސަލައިގައި ޣަފޫރު ގޮތެއް ނިންމަވާފައިވަނީ ޕާޓީގެ ގާނޫނީ ލަފާ ވެސް ހޯއްދެވުމެއް ނެތި ކަމަށް މައުލޫމާތު ލިބިފައި ވެ އެވެ. ވަގުތީ ޗެއާޕާސަން ވަކި ކުރުމުގެ ޕެޓިޝަން ވެއްދީ 51 ސޮޔާއެކު އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގައި 120 މެންބަަރުން ހިމެނެ އެވެ. ޗެއާޕާސަންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ފާސްވާނީ ގައުމީ މަޖިލީހަށް ހާޒިރުވާ މެންބަރުންގެ އަޢުލަބިއްޔަތުންނެވެ.
~~
އެމްޑީޕީގައި މިފަދަ މައްސަލަތައް ޖެހި، ވޯޓާއި ތާއީދު ހޯދުމާއި ޑިމޮކްރެޓިކް އެހެނިގެން އިންތިޒާމުތަކުން ކުރިއަށްދިޔުމަކީ ރަނގަޅު ފާލެއް ކަމަށް ފެނެ އެވެ.
އެމްޑީޕީއަކީ ދިވެހިރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ވަރުގަދަ އެއް ޕާޓީ އެވެ. އެ ޕާޓީގެ ނިންމުންތަކުން ސީދާ ގައުމަށް އަސަރު ކުރާނެ އެވެ.
އެހެންކަމުން، ޑިމޮކްރެޓިކް އިންތިޒާމުތައް ވީހައިވެސް ރަނގަޅަށް ކުރިއަށްގެންގޮސް ރައްޔިތުން، ޕާޓީގެ ސާފު އެއް ލީޑަރު ދައްކައި، ދެން ތިއްބެވި ބޭފުޅުން ލީޑަރުގެ ފަހަތަށް އެރުމަކީ ގައުމުގެ މަސްލަހަތު ބޮޑު ގޮތް ކަމަށް ފެނެ އެވެ.












