މުހައްމަދު މުއިއްޒު އާއި ސާޖިދާ މުހައްމަދު އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއްޔާއަށް މިއަދު ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ މުއިއްޒު އާއި ސާޖިދާ އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ކުރައްވާ ދަތުރުގެ މެހެންމާންދާރީ އާއި ހުރިހާ ހަރަދެއް ހަމަޖެއްސީ ސައުދީ ސަރުކާރުން ކަމަށެވެ.
2024 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބު ނިމުނުތާ މަހެއް ނުވަނީސް އުމްރާގެ އަޅުކަން އަދާކުރެއްވުމަށް މުއިއްޒު އާއި ސާޖިދާ ސައުދީއަށް ވަޑައިގެންނެވި އެވެ. މިފަހަރު އުމްރާގެ އަޅުކަމަށް މުއިއްޒު އާއި ސާޖިދާ ވަޑައިގެންނެވީ ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުން ސަރުކާރު ބަލިވިތާ ދެ ދުވަސް ނުވަނީސް އެވެ.
ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މިހާތަނަށް މުއިއްޒު އާއި ސާޖިދާ ދެފަހަރު އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސައުދީއަށް ވަޑައިގެންފައިވާއިރު، ސައުދީ ސަރުކާރުގެ ހަރަދުގައި ހައްޖުގެ އަޅުކަން އަދާކުރެއްވުމަށްވެސް މުއިއްޒު އާއި ސާޖިދާ އެއްފަހަރު އެ ގައުމަށް ވަޑައިގެންނެވި އެވެ.
ހައްޖާއި އުމްރާގެ އަޅުކަން އަދާކުރެއްވުމަށް މުއިއްޒު އާއި ސާޖިދާ މީގެކުރިން ސައުދީއަށް ވަޑައިގެންފައިވަނީ ސަރުކާރުގެ ވަފްދަކާއެކުގަ އެވެ. ނަމަވެސް މިފަހަރު ސައުދީއަށް ވަޑައިގެންނެވީ ސަރުކާރުގެ ވަފްދަކާއެކުކަން ހާމަކޮށްފައެއް ނުވެ އެވެ.













