ޒުވާން ގައުމީ ޓީމުގެ ހިތްވަރުން ގައުމީ ކޯޗު އުރްބާނީ އަށް ލިބުނީ އުންމީދު

20 އަހަރުން ދަށުގެ ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން އުރްބާނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

20 އަހަރުން ދަށުގެ ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން އުރްބާނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

ސިންގަޕޫރުގައި އެ ގައުމުގެ 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު އަތުން ރާއްޖޭގެ 20 އަހަރުން ދަށުގެ ޓީމު 4-3 އިން މޮޅުވި މެޗުގައި، ދެއްކި ހިތްވަރުގެ ސަބަބުން ޓީމާ މެދު ކުރެވޭ އުންމީދު ބޮޑުވެފައިވާ ކަމަށް ގައުމީ ޓީމުގެ ކޯޗު، ހަންގޭރީގެ އިސްތަވާން އުރްބާނީ ބުނެފި އެެވެ.

ސިންގަޕޫރާ ދެކޮޅަށް ރާއްޖޭން އެކުވެރިކަމުގެ ދެ މެޗެއް ކުޅެން ހަމަޖެހިފައިވާއިރު، އޭގެ ފުރަތަމަ މެޗުގައި ފުރަތަމަ ހާފު ނިމިގެންދިޔައިރު، ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފަ އެވެ. ދެ ވަނަ ހާފުގައި ރާއްޖޭން ނަތީޖާ ނެރުނީ އިތުރު ދެ ގޯލު ޖަހައިގެންނެވެ. ސިންގަޕޫރަށް ދެ ވަނަ ހާފުގައި ޖެހުނީ އެންމެ ގޯލެކެވެ. މި މެޗުގައި ރާއްޖޭގެ ގޯލުތައް ޖަހާފައިވަނީ، މާޒިޔާ ސްޕޯޓްސް އެންޑް ރެެކްރިއޭޝަންގެ މުހައްމަދު އިލާން އިމްރާން، ކްލަބް ވެލެންސިއާގެ އީތަން އިބްރާހިމް ޒަކީ އަދި އޮޑި ސްޕޯޓްސް ކްލަބްގެ އަހުޒަމް ރަޝީދު (އަހު) އަދި އަލްހާން ފައިސަލް އަމީން އެވެ.

"އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި، އުރްބާނީ ބުނެފައިވަނީ، މޮޅުވުމަކީ އަބަދުވެސް ޕޮޒިޓިވް ކަމެއް ކަމަށާއި ހާއްސަގޮތެއްގައި ޒުވާން ޓީމަކަށް އޭގެ މުހިންމުކަން ބޮޑު ކަމަށެވެ. އެކަމަކު، މޮޅުވުމަށް ވުރެން އެ މެޗުގައި އޭނާ އަށް ފެނުނު އެންމެ ބޮޑު ކަމަކީ ކުޅުންތެރިން ޓީމެއްގެ ގޮތުގައި ކުރި ހިތްވަރުކަން އުރްބާނީ ވަނީ ފާހަގަކޮށްފަ އެވެ.

"އަހަރެމެން ކުރިއަށް ކުޅެގެން ގޯލު ޖެހޭނެ އިތުރު ފުރުސަތު ތަނަވަސްކުރެވޭތޯ މަސައްކަތްކުރި. ޔަގީންކަމެއް އަދިވެސް އަހަރެމެން ރަނގަޅުކުރަން ހުރި ކަންކަން އެބަހުރި. ހާއްސަ ގޮތެއްގައި ޑިފެންސްކުރުމުގައި، އެކަމަކު، މި މެޗުގައި ދެއްކި ޕަފޯމަންސުން ފެނިގެންދިޔައީ ކުޅުންތެރިން އަމިއްލަ ނަފްސަށް ކުރާ އިތުބާރާއި އަހަރެމެން މި ކިޔައިދޭ ވިސްނުމަށް ކުޅެން މަސައްކަތްކުރާކަން،" އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ސީނިއާ ގައުމީ ޓީމުގެ ކޯޗުކަމާ މި އަހަރު ހަވާލުވި އުރްބާނީ ބުންޏެވެ.

މިއީ، އުރްބާނީ، ރާއްޖޭގެ ކޯޗުކަމާ ހަވާލުވި ތިން ވަނަ ފަަހަރެވެ. އަދި، ރާއްޖެ އަށް ކޯޗުކޮށްދޭން އޭނާ މި އައީ، 12 އަހަރު ފަހުންނެވެ. އެ ގޮތުން، އުރްބާނީ އެންމެ ފުރަތަމަ ފަހަރު ރާއްޖޭގެ ކޯޗަކަށް ގެނައީ، 2009 ވަނަ އަހަރު އެވެ. އެ ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ރާއްޖެ ވަނީ ކުޅެފަ އެވެ. ރާއްޖެ ޕާސިން ފުޓްބޯޅަ ކުޅޭ ޓީމަކަށް ކުޅުމުގެ ވައްޓަފާޅި ބަދަލުކޮށްލި ކޯޗު އުރްބާނީ ވަނީ، 2010 ވަނަ އަހަރު ކޮންޓްރެކްޓް ހަމަވުމާ ހަމައަށް ރާއްޖެ އަށް ކޯޗުކޮށްދީފަ އެވެ.

ރާއްޖޭގެ އުމުރުފުރާ ގައުމީ ޓީމަކުން ހޯދި ފުރަތަމަ ތަށި، ސްރީ ލަންކާގައި 2012 ވަނަ އަހަރު ބޭއްވި މަހިންދުރަ ރާޖަ ޕަކްސަ ކަޕް (23 އަހަރުން ދަށުގެ މުބާރާތް) ރާއްޖޭން ކާމިޔާބުކުރީ އުރްބާނީގެ ކޯޗުކަމުގަ އެވެ. އެއީ، 2011 އިން 2013 އަށް ގައުމީ ކޯޗަކަށް އުރްބާނީ ދެ ވަނަ ފަހަރު ރާއްޖޭގައި މަސައްކަތް ކުރި އެވެ.

އުރްބާނީ ބުނީ، އެނބުރި އައިސް ފުރަތަމަ މަސައްކަތް ޒުވާން ޓީމަކާ އެކު ކުރަން ޖެހުނުއިރު، ފެނިގެންދަނީ، ތަފާތު އެކި ފުޓްބޯޅައިގެ ވިސްނުންތަކުގެ ތެރެއިން އައި ކުޅުންތެރިންތަކެއް ޓީމެއްގެ ގޮތުގައި ކުޅެން މަސައްކަތްކުރާތަން ކަމަށެވެ. އެ ގޮތުން، އެންމެ ބޮޑު ޗެލެންޖަކަށް ފެންނަނީ މި ކުޅުންތެރިން ވާދަވެރި ގިނަ މެޗުތަކެއް ކުޅެފައިނުވާތީވެ، އެ ގޮންޖެހުންކަން އުރްބާނީ ފާހަގަކުރި އެވެ.

"މި ސަބަބުތަކާ ހުރެ ޓެކްޓިކަލް އައިޑިއާސް އަށް ވުރެން ވާދަވެރިކަމުގެ ރޫހެއްގައި މަސައްކަތްކުރުމުގެ އާދަ ވެސް މި ކުޅުންތެރިން ގައިގައި ހަރުލައްވަން ޖެހޭ. އަހަރެންގެ ޒިންމާ މި އޮތީ މެޗުގައި ކުޅެން ބޭނުންވާ ގޮތް ބުނެދީހެދުން، އަވަހަށް ޑިޒިޝަން ނެގުމާއި ހިތްވަރާ އެކު ކުޅެން ފަސޭހަކޮށްދިނުން،" އުރްބާނީ ބުންޏެވެ.

"ފުރަތަމަ ކަމަކަށް "ވަރަށް އުފަލުން މި ހުރީ އެނބުރި ރާއްޖެ އާދެވުނީމަ، ޒުވާން ޖީލަކާ އެކު މަސައްކަތްކުރަން ލިބުނީމަ،"

ސިންގަޕޫރު ކޭމްޕް އަށް ފުރުމުގެ ކުރިން އުރްބާނީ.--- ފޮޓޯ: އެފްއޭއެމް

ވިހި އަހަރުން ދަށުގެ ގައުމީ ޓީމުން ފަރިތަކުރަމުން އަންނަނީ މި މަހު މާލޭގައި ފަށާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް އަށެެވެ. ސާފްގެ 20 އަހަރުން ދަށުގެ މުބާރާތް އޮތީ މި މަހުގެ 22 އިން ފެށިގެން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ގަލޮޅު ދަނޑުގަ އެވެ. ސިންގަޕޫރުގެ ކޭމްޕް ދިއުމުގެ ކުރިން، 20 އަހަރުން ދަށުގެ ޓީމު މާލޭގައި މެޗުތަކެއް ކުޅެފައިވެ އެވެ.

އުރްބާނީ ބުނީ މީގެއިން ކޮންމެ މެޗެއްގެ މުހިންމުކަން ވެސް ވަރަށް ބޮޑު ކަމަށާއި ޕްރެކްޓިހުން ލިބޭނީ ކުޅޭނެ ގޮތުގެ އިރުޝާދުތައް ކަމަށާއި މެޗުތަކުގައި ފެންނާނީ އެކަން ބޭނުންކުރުމުގެ އަސްލު މަންޒަރުތައް ކަމަށެވެ.

"ކުރިން ވެސް ބުނިހެން މި ކުޅުންތެރިން ނެތް ވާދަވެރި ގިނަ މެޗުތަކެއް ކުޅެފައެއް. އެހެންވީމަ، އެކުވެރިކަމުގެ ކޮންމެ މެޗެއް ވެސް މި ވަނީ ލިިބިގެންދާ ވަރަށް ބޮޑު ފުރުސަތަކަށް ކަންކަން ދަސްކުރަން. މާލޭގައި ކުޅުނު މެޗުތަކުން އަހަރެމެންނަށް ފުރުސަތު ލިބުނު ކުޅުންތެރިންނަށް ދަސްކޮށްދެން އަހަރެމެން އެ މީހުންގެ ކިބައިން ބޭނުންވަނީ ކޮން ކަމެއްތޯ،" އުރްބާނީ ބުންޏެވެ.

ވިހި އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި، ރާއްޖެ ހިމެނޭ ގްރޫޕްގައި ދެން އޮތީ ނޭޕާލް، ބޫޓާން އަދި ސްރީ ލަންކާ އެވެ. ފުރަތަމަ މެޗުގައި މި މަހު 23 ވަނަ ދުވަހުގެރޭ ރާއްޖޭން ކުޅޭނީ ލަންކާއާ އެވެ. ދެ ވަނަ މެޗުގައި، މި މަހު 25 ވަނަ ދުވަހުގެ ރޭ ބޫޓާނާ ދެކޮޅަށް ކުޅޭނެ އެވެ. އަދި، ގްރޫޕްގެ ފަހު މެޗުގައި، މި މަހު 27 ވަަނަ ދުވަހު ހަވީރު ނޭޕާލާ ކުޅޭނެ އެވެ.

ސިންގަޕޫރު ޓްރެއިނިން ކޭމްޕްގައި ރާއްޖޭން ކުޅޭ ދެ ވަަނަ މެޗު އޮތީ މާދަމާ އެވެ. މި ޓްރެއިނިން ކޭމްޕާއި މި މެޗުތަކުގެ ސަބަބުން ސާފް ޗެމްޕިއަންޝިޕަށް ވަރަށް ފައިދާކުރާނެ ކަމަށް އުރްބާނީ ގަބޫލުކުރެ އެވެ.

އުރްބާނީ ބުނީ، ޓްރެއިނިން ކޭމްޕްގައި މި ލިބޭ ތަޖުރިބާތަކަކީ ކުރިމަގުގައި ޒުވާން ކުޅުންތެރިންނަށް ވަރަށް ބޭނުންހިފޭނެ ކަންކަން ކަމަށެވެ. ގައުމުން ބޭރުގައި ކުޅުމާއި ތަފާތު މާހައުލެއްގައި ވާދަވެރި ޓީމުތަކާ ދެކޮޅަށް ކުޅުމުން ކުރިއެރުމަށް ފުރުސަތު ބޮޑުވާނެކަން ވެސް އުރްބާނީ ފާހަގަކުރި އެެވެ.

"އަހަރެެމެންގެ މި އޮތް ޒުވާން ޓީމަށް މި ކަހަލަ ތަޖުރިބާތަކުގެ މުހިންމުކަން ވަރަށް ވެސް ބޮޑު. ސިންގަޕޫރުގެ މި ކޭމްޕުން އަހަރެމެންނަށް މުހިންމު ފިލާވަޅުތަކެއް އެބަ އުނގަންނައިދޭ. ދެން، މި ލިބޭ ކޮންފިޑެންސާ އެކު 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންްޝިޕަށް ވަރަށް ރަނގަޅަށް ތައްޔާރުވެވޭނެ،" އުރްބާނީ ބުންޏެވެ.

މި ވަގުތު އޮތް 20 އަހަރުން ދަށުގެ ގައުމީ ޓީމުގައި ސީނިއާ ގައުމީ ޓީމަށް ވެސް ކުޅެވޭނެ ލެވަލްގެ ކުޅުންތެރިން ހިމެނެ އެވެ. އަދި، ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގައި ގަވާއިދުން ކުޅޭ ކުޅުންތެރިން އަންނަނީ ޒުވާން ގައުމީ ޓީމު ލީޑުކުރުމުގައި މުހިންމު ރޯލެއް އަދާކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox