ބަދަން ކެއުމުން ސިކުނޑީގެ ދުޅަހެޔޮކަން އިތުރުކޮށްދޭ

Dec 11, 2025, 3:25 AM
ބަދަން ކެއުމުން ސިކުނޑީގެ ދުޅަހެޔޮކަން އިތުރުކޮށްދޭ

އާންމުކޮށް ކައިއުޅޭ ކާނާގެ އިތުރުން، ދުވާލަކު ދެ ފަހަރު ބަދަންކޮޅެއް (ޕީނަޓް) ކެއުމުން، ސިކުނޑީގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ. ނެދަލޭންޑްސްގެ މާސްޓްރިކްޓް ޔުނިވަސިޓީ މެޑިކަލް ސެންޓަރުގެ ސައެންސްވެރިން ކުރި ދިރާސާއިން އެނގުނު ގޮތުގައި ބަދަން ކެއުމުން ސިކުނޑީގެ ނާރުތަކުގެ މަސައްކަތް ރަނގަޅުވެ، ހަނދާނުގެ ބައިވެސް ރަނގަޅުވެއެވެ.

މި ގޮތުން ސައެންސްވެރިންނަށް ފާހަގަކުރެވުނީ ބަދަން ކެއުމުން، އަލަށް އުނގެނުމާއި ދެނެގަތުމުގެ ބާރާއި، ސިކުނޑީގައި މައުލޫމާތު ރައްކާކުރުމާއި، ސިކުނޑީގައި ރައްކާކޮށްފައި ހުންނަ މައުލޫމާތު ފަސޭހަކަމާއެކު ދުލު ކުރިއަށް ގެނައުމުގެ ގާބިލުކަން ވެސް އިތުރުވެގެން ދިޔަކަމެވެ. ސައެންސްވެރިން މި ދިރާސާ ހެދީ އުމުރުން ދުވަސްވީ މީހުންތަކެއް ބައިވެރިކޮށްގެންނެވެ.

ކްލިނިކަލް ނިއުޓްރީޝަން ކިޔާ ޖާނަލްގައި މިހާރު ޝާއިއުކޮށްފައިވާ މި ދިރާސާގެ މަސައްކަތް ދެ މަރުހަލާއަކަށް ބަހައިލިއެވެ. އެއް މަރުހަލާއަކީ، އަޖުމަ ބަލަން އުޅޭ އެތި (ބަދަން) ހަށިގަނޑަށް އެތެރެވިޔަ ނުދީ ކޮންޓްރޯލް ކޮށްފައި ބަހައްޓާ މަރުހަލާ (ކޮންޓްރޯލް ފޭސް) އެވެ. އަނެއް މަރުހަލާއަކީ، އަޖުމަ ބަލަން އުޅޭ އެތި (ބަދަން) ކާން ދިނުމުން އެމީހުންގެ ހަށިގަނޑަށް އަންނަ ބަދަލުތައް ދެނެގަތުމާއި ޓެސްޓުތައް ކުރުމުގެ މަރުހަލާ (ޓެސްޓް ފޭސް) އެވެ.

Advertisement

ކޮންޓްރޯލް މަރުހަލާގެ އަށް ހަފުތާގައި، ދިރާސާގެ ބައިވެރިން އެއްގޮތަކަށް ވެސް ބަދަނާއި ގަސްގަހުގައި އަޅާ ބަދަނުގެ އެއްވެސް ބާވަތެއް (އަލްމަންޑް، ބްރެޒިލް ނަޓް، ކެޝޫނަޓް، ހޭޒަލްނަޓް، ޕިސްޓާޗިއޯ އާއި އެނޫނަސް ...) ނުކައެވެ. އެއަށް ފަހުގައި، އަޖުމަ ބެލުމުގެ މަރުހަލާގެ އަށް ހަފުތާގެ ތެރޭގައި، ކޮންމެ ބައިވެރިއަކަށް ވެސް ކޮންމެ ދުވަހަކު 60 ގުރާމުގެ، ލޮނު ނުލައި ތޮއްޓާއެކު ހަނާކުރި ބަދަން ކާންދިނެވެ. މި މުއްދަތުގައި ޕީނަޓް ފިޔަވައި އެހެން އެއްވެސް ބާވަތެއްގެ ނަޓް ކާކަށް ނުދެއެވެ.

ދިރާސާގެ ކޮންމެ މަރުހަލާއެއް ފުރިހަމަކުރުމަށް ފަހު، އެމީހުންގެ ހަށިގަނޑުން ލޭ ނަގައިގެން ލެބޯޓެރީގައި ތަހުލީލުކޮށް، ހަށިގަނޑުގެ ހާލަތު ވަޒަންކުރިއެވެ. އަދި ބޮލުގެ އެމްއާރްއައި ސްކޭނާއި މެމޮރީ ޓެސްޓު ހެދިއެވެ. ލެބޯޓެރީ ތަހުލީލުތަކުން އެނގުނީ، ބަދަން ކާންދިން މަރުހަލާގައި، ބައިވެރިންގެ ސިކުނޑީގައި ލޭ ދައުރުކުރުން އިތުރުވި ކަމެވެ.

އެ ގޮތުން، ހިތުން ސިކުނޑިއަށް ލޭ ފޮނުވައިދޭ ލޭ ހޮޅިން ލޭ ފޮނުވައިދޭ މިންވަރު 3.6 އިންސައްތަ އިތުރުވިއެވެ. އަދި ހަނދާނާއި ވިސްނުމުގެ މައި ސަރަހައްދުގައި ލޭ ދައުރުކުރާ މިންވަރު 4.5 އިންސައްތަ އިތުރުވިކަން ވެސް ފާހަގަކުރެވުނެވެ. އޭގެ އިތުރުން، ހަނދާނާއި ވިސްނުމާ ގުޅިފައިވާ އެހެން ބައެއް ސަރަހައްދުތަކުގައި ލޭ ދައުރުކުރާ މިންވަރު ވެސް އިތުރުވިއެވެ.

އޭގެ ތެރޭގައި، ގޮތް ނިންމުމާއި ރޭވުމާއި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ހިނގާ، ސިކުނޑީގެ ކުރިމަތީ ފަޅި ނުވަތަ ފްރޮންޓަލް ލޯބްގައި ލޭ ދައުރުކުރާ މިންވަރު 6.6 އިންސައްތަ އިތުރުވިއެވެ. އަދި، އަޑުއެހުމާއި ބަސްތައް ދެނެގަތުމާއި، ހަނދާންތަކާއި، އެކަތި އަނެކައްޗާއި ވަކިކޮށް ދެނެގަތުމާއި ޖަޒުބާތުތައް ރަމަތަކުރުމާބެހޭ، ސިކުނޑީގެ ފަހަތުން ދަށް ފަރާތުގައި ހުންނަ ޓެމްޕޮރަލް ލޯބްގައި ލޭ ދައުރުކުރާ މިންވަރު ވެސް 4.9 އިންސައްތަ އިތުރުވިއެވެ.

މީގެ އިތުރުން، ބަދަން ކެއުމުގެ މަރުހަލާގައި ބައިވެރިންގެ ސިސްޓޮލިކް ބްލަޑް ޕްރެޝަރު ވެސް ރަނގަޅުވިއެވެ. ސިސްޓޮލިކް ބްލަޑް ޕްރެޝަރު ދަށްވުމަކީ، ހާޓް އެޓޭކާއި ސްޓްރޯކް ޖެހުމުގެ ނުރައްކާ ކުޑަކޮށްދޭ ކަމެކެވެ.

ކޮންޓްރޯލް ފޭސްގައި، ބައިވެރިންނަށް ކޮންމެ ދުވަހަކު ދެއިރު ވަކި މިންވަރަކަށް ބަދަން ކާން ދިނެވެ. އުމުރުން 60 އަހަރާއި 75 އަހަރާ ދެމެދުގެ އެ މީހުންނަށް ކާން ދިނީ، ބަދަނުގެ ބޭރުގައި އޮންނަ ހިލަ ތޮށިގަނޑު ނޮޅާލައި، އެތެރޭގައި އޮންނަ ރަތް ތޮއްޓާއެކު ހަނާކޮށްފައި ހުރި ބަދަނެވެ.

މި ގޮތަށް ބަދަން ކާން ދިނުމުން، އެމީހުންގެ ސިކުނޑިއަށް ލޭ ފޮނުވައިދޭ މިންވަރު އިތުރުވިކަން ފާހަގަކުރެވުނެވެ. ހާއްސަކޮށް ސިކުނޑީގައިވާ ހަނދާންތަކާއި ވިސްނުމާ ބެހޭ ސަރަހައްދުތަކަށް ލޭ ފޮނުވުމާއި އެ ސަރަހައްދުތަކުގައި ލޭ ދައުރުކުރުން އިތުރުވިއެވެ.

ދިރާސާގެ ސައެންސްވެރިން ބުނި ގޮތުގައި މި ދިރާސާއިން ހާސިލުވި ނަތީޖާއަކީ، ހަނދާން ބަލިވާން ފެށުމާއި ހަނދާން ނެތުމާއި، ކަންކަމަށް ސަމާލުކަން ދިނުން ކުޑަވުމާއި، އުނގެނުން ދަށްވުން ފަދަ މައްސަލަތަކުގެ ފަރުވާއެއް ނޫނެވެ. ނަމަވެސް މި ދިރާސާއިން އެނގުނު ކަމަކީ، ގަވާއިދުން ކޮންމެ ދުވަހަކު ވަކި މިންވަރަކަށް ބަދަން ކެއުމުން، ސިކުނޑީގެ މަސައްކަތް އިތުރަށް ރަނގަޅުވާ ކަމެވެ.

އެމެރިކަން ބްރެއިން ފައުންޑޭޝަނުން ބުނާ ގޮތުގައި ސިކުނޑީގެ ތަފާތު މަސައްކަތްތަކުގެ ތެރެއިން، ހަނދާނާއި ވިސްނުމާއި ކަންކަން ހައްލުކުރުމާ ބެހޭ މަސައްކަތަށް ބޭނުންވާ އޮކްސިޖަން އާއި ކާނާގެ މާއްދާތައް ސިކުނޑިއަށް ފޯރުކޮށްދެނީ ލޭގެ ޒަރީއާއިންނެވެ.

ހަނދާން ނެތޭ ބަލި ޖެހުމުން ދެވޭނެ ފަރުވާއެއް މިހާތަނަށް އީޖާދުކުރެވިފައި ނެތުމުން، ސިއްހީ ހިދުމަތްތެރިން ލަފާ ދެއްވަނީ، އެމީހެއްގެ ކާނާއަށް ބަދަލު ގެނެސްގެން އެކަން ހައްލުވޭތޯ ބެލުމަށެވެ. އެ ގޮތުން މި ދިރާސާގައި ބަދަން ބޭނުންކުރީ، ބަދަނަކީ ހިތާއި ލޭނާރުތަކުގެ ދުޅަހެޔޮކަމަށް އެހީވެދޭ ކާނާގެ މާއްދާތައް ކަމަށްވާ، ޕްރޮޓީން ސިއްހީ ސަރުބިއާއި ޕޮލީފެނޯލް އެންޓިއޮކްސިޑެންޓްސް އަދި އެމީނޯ އެސިޑް، އެކަށީގެންވާ ރަނގަޅު މިންވަރަކަށް އެކުލެވޭ ކާނާއަކަށް ވާތީއެވެ.

ހާއްސަކޮށް ރަތް ތޮއްޓާއެކު ހަނާކޮށްފައި ކާންދިނީ، އެ ތޮށީގައި އިތުރު ފައިބަރާއި ޕްރޮޓީން އަދި އެންޓިއެކޮސިޑެންޓް މާއްދާތައް އެކުލެވޭތީއެވެ. މި ދިރާސާގައި ބައިވެރިކުރި 31 އަންހެނުންނާއި ފިރިހެނުންނަކީ ވެސް ދުޅަހެޔޮ ސިއްހަތެއްގައި ތިބި، އިސްކޮޅާއި ބަރުދަން ގުޅޭ ހާލަތުގައި ތިބި ބައެކެވެ. ބަދަނަށް އެލާޖީވާ މީހުންނާއި ހަކުރު ބައްޔާއި ހިތުގެ ބައްޔާއި، އެނޫނަސް ދިރާސާގެ ނަތީޖާއަށް ހުރަސްއަޅައިފާނެ ކަމަށް ބެލެވޭ ސިއްހީ މައްސަލައެއް ހުރި އެކަކު ވެސް މި ދިރާސާގައި ބައިވެރިއެއް ނުކުރެއެވެ.

ހިނގަމުން މިދާ 2025 ވަނަ އަހަރުގެ ތެރޭގައި އެމެރިކާގައި އެކަނި ވެސް، ހަނދާން ނެތޭ ބަލި ޖެހިފައިވާ ހަތް މިލިއަނަށް ވުރެ ގިނަ މީހުން ރަޖިސްޓްރީގައި އެބަ ތިއްބެވެ. މި ބައްޔަށް ދޭނެ މުޖައްރިބު ފަރުވާއެއް މިހާތަނަށް ހޯދިފައި ނެތުމުން، ތަފާތު ކާނާގެ ބާވަތްތަކުން ސިކުނޑިއަށް ކުރާ އަސަރު ދެނެގަތުމަށް، އެކި ގައުމުތަކުގައި އެތައް ދިރާސާތަކެއް މިހާރު ވެސް އަންނަނީ ހަދަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox