ސިޔާސަތުތައް ކަނޑައެޅުމާއި ވެރިކަމުގެ ނިންމުތައް ނިންމުމުގައި މަގްބޫލު ކަންކަމަށްވުރެ އިސްކުރަނީ ރަނގަޅު ކަންކަން ކުރެއްވުމަށް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރޭ ފުވައްމުލަކުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މި ސަރުކާރަކީ ރައްޔިތުންނާއި އެކީ އޮތް ރައްޔިތުންގެ ސަރުކާރެއް ކަމަށާއި ކަންކަން ކުރަނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ. އެކަންކަމާ ގުޅިގެން ބައެއް މީހުން ހިތްހަމަ ނުޖެހުނަސް މުޅި ގައުމަށް ވާނީ ފައިދާ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު އިސްކުރަނީ ރަނގަޅު ކަންކަން ކުރަން. ޕޮޕިއުލާ ކަންކަން ކުރާކަށް ނޫން. ޕޮޕިއުލާ ކަންކަން ކުރަންޏާ ފަސޭހަ ގޮތް ހިޔާރު ކޮށްގެން ކުރީގެ ސަރުކާރުތަކުން [ހެދި ގޮތް] ހަދައިގެން ތިބެވިދާނެ. ވޭޕު ވެސް މަނާ ކުރާނެ ކަމެއް ނެތް. ޖެނެރޭޝަނަލް ބޭން ވެސް ގެންނާނެ ކަމެއް ނެތް،" މުއިއްޒު ވިދާޅުވި އެވެ.
އެއީ އެމަނިކުފާނުގެ ސިޔާސަތު ނޫން ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ މަސައްކަތް ކުރައްވަނީ އިހުލާސްތެރިކަމާއެކު ރައްޔިތުންނަށް އެންމެ ފައިދާ ވާނެ ގޮތް ބަލައިގެން ކަން ފާހަގަކުރައްވާފަ އެވެ. އިސްކުރައްވަނީ ރަނގަޅު ގޮތް ކަމަށް ތަކުރާރުކޮށް މުއިއްޒު ވިދާޅުވި އެވެ.
"އެހެންވެގެން ޒުވާނުންނަށް މި މަނާކުރީ ސިނގިރޭޓާއި ދުންފަތުގެ އިސްތިއުމާލުކުރުން. އަދި، މުޅި އާބާދީއަށް ވޭޕް މަނާކުރީ. އަދި، މިފަދަ ކަންކަން. ސިއްހަތު ސަލާމަތް ކޮށްދިނުމަށްޓަކައި މި ކުރަނީ. ސިއްހަތަށް ކުރާ ހޭދައަކީ އިންވެސްޓްމަންޓެއް،" މުއިއްޒު ވިދާޅުވި އެވެ.

އެމަނިކުފާނު ފާހަގަކުރެއްވީ 2007 އިން ފެށިގެން އުފަންވެފައިވާ މީހުންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމާއި ވޭޕް މަނާކުރުން އަދި ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑު ކުރަން ނިންމި ނިންމުންތަކެވެ.
އެ ނިންމުންތަކުގެ ސަބަބުން ވޭޕާއި ސިނގިރޭޓުގެ ބިޔަ ކަޅު ބާޒާރެއް ވަނީ އުފެދިފަ އެވެ. ހުއްދަ ނުނަގައި ރާއްޖެއަށް އެތައް މިލިއަން ސިނގިރޭޓެއް އެތެރެކޮށް، މިހާރު ވެސް ދަނީ ވިއްކަމުންނެވެ. މިކަމާ ގުޅިގެން ހުއްދައިގެ ދަށުން އެތެރެކުރާ ސިނގިރޭޓު ވަނީ މަދުވެފަ އެވެ. މި އަހަރު ދައުލަތަށް އިމްޕޯޓު ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ ދައްވި އެއް ސަބަބަކީ ވެސް މި އެވެ.














