ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބުރައީސްކަމުގައި ހުންނެވި ހައިކޯޓުގެ ފަނޑިޔާރު، މުހައްމަދު ނިޔާޒު އިސްތިއުފާދެއްވުމުން އެ މަގާމަށް ޔަޒްމީދު މުހައްމަދު އައްޔަނުކުރައްވައިފި އެވެ.
ޖޭއެސްސީގެ ނައިބުރައީސްކަމުން ނިޔާޒު އިސްތިއުފާދެއްވީ އިއްޔެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އެ މަގާމުން އިސްތިއުފާދެއްވީ ހައިކޯޓުގެ ފަނޑިޔާރުންތަކެއްގެ މައްސަލަ ޖޭއެސްސީން ބަލަން ފެށުމުންނެވެ.
ނިޔާޒު އެ މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެން ޔަޒްމީދު އެ މަގާމަށް އައްޔަނުކުރެއްވީ މިއަދު އެވެ.
ޔަޒްމީދު މުހައްމަދު ޖޭއެސްސީގެ މެންބަރުކަމަށް އައްޔަނުކުރީ ފެބްރުއަރީ 23، 2025 ގަ އެވެ. އޭނާ އެ މަގާމަށް އައްޔަނުކުރީ އެ ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާފައި ހުންނެވި ގާނޫނީ ވަކީލު މުހައްމަދު ސަމީރު އެ މަގާމުން ވަކިކުރުމަށްފަހު އެވެ.
ޔަޒްމީދު އެ ކޮމިޝަނަށް އައްޔަނުކުރެއްވީ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލާ ގުޅޭ ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނިކޮށެވެ.

ޔަޒްމީދަކީ އެކައުންޓަންޓެކެވެ. އޭނާއަކީ މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުގެ ގޮތުގައި އުފަން ރަށް ކަމަށްވާ ގއ. ވިލިނގިލީ ދާއިރާއަށް ވާދަކުރެއްވި ކެންޑިޑޭޓެވެ.
ޖޭއެސްސީގެ ނައިބުރައީސްކަމަށް ޔަޒްމީދު އައްޔަނުކުރުމާއެކު އެ ކޮމިޝަނުން ވަނީ އޭނާއަށް މަރުހަބާ ކިޔައިފަ އެވެ.













