ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް މުހައްމަދު މުއިއްޒު ށ. ފުނަދޫ ރައްޔިތުންނަށް ތަރައްގީގެ އާ ބާބެއްގެ އުއްމީދު ދެއްވިއެވެ. އެހެންވެ، އެ ރަށުން މުއިއްޒަށް 70 ޕަސެންޓު ތާއިދު ދިނެވެ. ނަމަވެސް ވެރިކަމަށް ދެ އަހަރު ފާއިތު ވުމަށް ގާތްވެފައި ވާއިރު، އެ ދެއްވި އުއްމީދަށް ދިރުމެއް ނެތެވެ.
ރަށުގެ ބިމާއި އެއާޕޯޓު ބޮޑުކުރުމުން ފެށިގެން އީކޯ ޓޫރިޒަމް ތައާރަފުކޮށް މުޅި ރަށުގެ އިގުތިސާދު އިންތިހާއަށް ކުރިއަށް ގެންދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރިޔާސީ ވައުދުތައް
- ފެންވަރު ރަނގަޅު ހޮސްޕިޓަލެއް (ކުރީ ސަރުކާރުން ފެށި މަޝްރޫއު ހުއްޓިފައި)
- އީކޯ ޓޫރިޒަމް - ޒަމާނީ ޓެކޮނޮލޮޖީ ބޭނުންކޮށްގެން ކުރިއަށް ގެންދިޔުން (ކުރިއަށް ނުދޭ)
- އެއާޕޯޓުގެ ރަންވޭ ދިގުކުރުން (ނުފަށޭ)
- ރޭގަނޑު ފްލައިޓު ޖެއްސޭ ވަރަށް ތަރައްގީކުރުން - (ރައީސްގެ ށ. ދަތުރާ ދިމާކޮށް ލައިޓުތައް ގެންގޮސްފައި)
- ޕަސެންޖާ ޓާމިނަލް އިތުރަށް ތަރައްގީ ކުރުން - (ނުފަށާ)
- ކުނި މެނޭޖުކުރަން ދާއިމީ ހައްލެއް ގެނައުން (ފެނަކައާ ހަވާލުކޮށްފައި، ނަމަވެސް ނުފަށާ)
- ބިން ހިއްކުން (ނުފަށާ)
- ބަނދަރު ތަރައްގީކުރުން (ނުފަށާ)
- ބޮޑެތި މަގުތަކުގައި ތާރު، ކުދި މަގުތަކުގައި ގާ އެތުރުން (ނުފަށާ)
- ޒުވާނުންގެ މަރުކަޒެއް ގާއިމުކުރުން (ކުރިން ވެސް މަރުކަޒެއް ހުރި، އާތަނެއް އިމާރާތްކުރަން ނުފަށާ)
- އިސްލާމީ މަރުކަޒު (ނުފަށާ)
- ބޯހިޔާވަހިކަމުގެ މަޝްރޫއު (ނުފަށާ)
- ފުޓްބޯޅަ ދަނޑު ތިން މަސް ދުވަހުން ނިންމުން (ކުރީ ސަރުކާރުގެ މަޝްރޫއުއެއް، ނިމިފައި)

ށ. ފުނަދޫ
ބައިގަރުނު ކުރިން ފަޅުރަށެއްގެ ގޮތުގައި އޮތް ފުނަދޫއަކީ މިހާރު އެންމެ ބޮޑަށް ތަރައްގީވެފައިވާ އެއް ރަށެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި މުއިއްޒު ވިދާޅުވީ އޭރު އޮތް އެމްޑީޕީ ސަރުކާރުން އެ ރަށަށް ކަންކަން ނުކޮށްދީ އޮތުމުން ރައްޔިތުންގެ އުއްމީދުތައް އޮޔާ ގޮސްފައިވާ ކަމަށެވެ.
"މި ރަށުގެ ތަރައްގީއަށްޓަކައި ކުރަންހުރި ގިނަގުނަ މަސައްކަތް އެބަހުރި. ކެމްޕެއިން ތެރޭގައި ދެފަހަރެއްގެ މަތިން އެ ވާހަކަ ދެކެވުނު. ގިނަ ވައުދުތަކެއް ވެފައިވެސް ހުންނާނެ. އެކަންކަން އިރާދަކުރެއްވިއްޔާ ހަގީގަތަކަށް ހަދައިދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދެން،" ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނަށް ފުނަދުއަށް ވަޑައިގެން މުއިއްޒު އަނެއްކާ ވެސް ރައްޔިތުންނަށް ޔަގީންކަން ދެއްވި އެވެ.
މުއިއްޒު ދެއްވި އުއްމީދުތަކުގެ ބާބުގައި "ހިއްކެން އޮތް އެންމެ ބޮޑަކަށް" ރަށް ހިއްކުން ހިމެނީ "އެއީ އެންމެ ދެކޮޅު ޖެހޭނެ ގޮތް،" ކަމަށް ހުދު އެމަނިކުފާނު ވެސް ގަބޫލު ކުރައްވާތީ އެވެ. އޭގެ އިތުރުން އެއާޕޯޓުގެ ބޮޑުކުރުމާއި، ހިމާޔަތްކޮށްފައި އޮތް ފަރުކޮޅު ޓޫރިޒަމް ޕްރޮޑަކްޓަކަށް ބަދަލުކޮށްލުމަށް ޕްލޭން ކުރެއްވި އެވެ.
މި ހަފުތާގައި މުއިއްޒު ފުނަދުއަށް ވަޑައިގަންނަވާނެ އެވެ. ނަމަވެސް، ވޭތުވެދިޔަ ދެ އަހަރު ބޮޑު ބަޖެޓެއް އޮތަސް، ފުނަދު އަށް ދިރުމެއް ނުގެނެ އެވެ. މިހާރު ކުރައްވާ ދަތުރުތަކުގައި މަޝްރޫއުތައް ފަށަނީ "ކަޑަ ޖެހުމުގެ އުސޫލުން" ކަމަށް މީހުން ގަބޫލުކުރެ އެވެ.
"ރައީސް ދައްކަވާ ވާހަކައަށް މިހާރު އިތުބާރެއް ނެތް،" ފުނަދޫގައި ސަރުކާރުގެ މަގާމެއްގައި ހުންނެވި މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ. އޭނާއަކީ ޕީއެންސީގެ މެންބަރެކެވެ.
މުއިއްޒުގެ ވައުދުތައް ފުއްދިދާނެ ކަމާމެދު އިތުބާރެއް ނެތަސް، އެ މަނިކުފާނަށް މަރުހަބާ ކިޔުމާއި މެހުމާނުދާރީ އެންމެ މަތީ ފެންވަރުގައި ކުރިޔަށް ގެންދާނެ ކަމަށް އަދަދު ނޫހާ ވާހަކަ ދެއްކި މީހާ ބުންޏެވެ.
މުއިއްޒުއަށް އިތުބާރު ނުކުރަނީ ކީއްވެތޯ އެހުމުން ދިނީ ކުރު ޖަވާބެކެވެ؛
"އަހަރެމެންނަށް އެނގޭ ބަޖެޓެއް ނެތްކަން، އެމްޓީސީސީ އަށް، އާރުޑީސީއަށް، ވެމްކޯއަށް ހުރިހާ މަޝްރޫއުއެއް ނުހިންގޭނެކަން،" އޭނާ ވިދާޅުވި އެވެ.
"އެއީ ދައްކާ ދަޅައެއް. ވައުދުތައް ފުއްދޭކަމަށް ގަބޫލެއް ނުކުރެވޭ. އިތުބާރެއް ވެސް ނެތް. މިއީ މުޅި ރައްޔިތުންގެ ވިސްނުން."
މުއިއްޒު ގަބޫލު ކުރައްވާ ގޮތުގައި ފުނަދޫގެ ތަރައްގީއާ ގުޅިފައި އޮތް ތަނަކީ ރަށުގެ އެއާޕޯޓެވެ. އެހެންވެ ރަންވޭ ބޮޑުކޮށް، ރޭގަނޑު ފްލައިޓު ޖެއްސޭ ގޮތް ހަދަން ނިންމި އެވެ. ނަމަވެސް މިއަދާ ހަމައަށް އެކަން ނުކޮށް އޮތުމަށް ފަހު، ރައީސްގެ މިފަހަރުގެ ދަތުރާ ދިމާކޮށް އެއާޕޯޓުގައި ހަރުކުރާނެ ލައިޓުތައް ހުރީ ގެންގޮސްފައި ކަމަށް އެރަށުން މައުލޫމާތު ދިން މީހުން ބުންޏެވެ.
ނަމަވެސް ރަންވޭގެ މަސައްކަތާއި، ޕަސެންޖާ ޓާމިނަލްގެ މަސައްކަތް ކުރިއަކަށް ނުދެ އެވެ. ދާނެ ކަމުގެ އުއްމީދެއް ރަށުގެ ބައެއް ވެރިން ވެސް ނުކުރެ އެވެ.
އެއާޕޯޓު ތަރައްގީކުރަން މުއިއްޒު ބޭނުންވެވަޑައިގަތީ ފުނަދޫގައި ޓޫރިޒަމް ވަރުގަދަ ކުރުމަށެވެ. އެކަމަށްޓަކައި ހިމާޔަތްކޮށްފައި އޮތް ފަރުކޮޅުގައި އިކޯ ޓޫރިޒަމް ތައާރަފުކުރަން ވައުދުވެވަޑައިގަތެވެ.
"ފަރުކޮޅު އެއީ ހަގީގަތުގައި ވަރަށް ތިމާވެށީގެ ގޮތުން ނާޒުކު ރީތި ރަށެއް. އެހެންވީމ،ާ ނާޒުކީ ރީތިކަން ހިމާޔަތް ކުރެވޭ ގޮތަށް އިކޯ ޓޫރިޒަމްގެ މުހިންމު މަންޒިލަކަށް އެތަން ހަދައ،ި އިކޯ ޓޫރިޒަމް ފައްކާ ކުރެވޭ ތަނަކަށް އެތަން ބަދަލުކޮށްދޭނަން،" މުއިއްޒު ވިދާޅުވި އެވެ.
އެއީ ރަށުގެ އިގުތިސާދުގެ ދިރުމެވެ. ވަޒީފާ އާއި އެހެން އިންޑަސްޓްރީތައް އުފެދުމުގެ އުއްމީދެވެ. ނަމަވެސް އާރުލާ ގޮތެއްގައި އެކަން ވެސް އަދި ނުހިނގަ އެވެ. އޭޓީއެމްތައް ހުޅުވުމުގައި ބިޒީކޮށް އުޅުއްވަމުން ގެންދަވާއިރު، ށ. އަތޮޅުގެ އެންމެ މުހިއްމު އެއް ރަށްކަމުގައިވާ ފުނަދޫގެ ޕްލޭނަށް ދިރުން އަދި ގެނެވިފައެއް ނެތެވެ. އެހެންވެ، ރައްޔިތުން ތިބީ މާޔޫސްވެފަ އެވެ. އުއްމީދު ވެސް ވަނީ ކަނިވެފަ އެވެ.
titledesc












