މިދިޔަ ސަރުކާރުން އުފެއްދި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަންގެ ނަން މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ ލިމިޓެޑްއަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ބަދަލު ކުރައްވައިފި އެވެ.
ޓްރޭޑްނެޓްގެ ނަން މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ ލިމިޓެޑްއަށް ބަދަލު ކުރީ މޯލްޑިވްސް 2.0 ރޯޑްމެޕްގައި ހުރި ކަންކަން ތަންފީޒު ކުރާއިރު ރާއްޖޭގެ ޑިޖިޓަލް ޓްރާސްފޮމޭޝަންގެ މަސައްކަތްތައް އިސްވެ ހިންގާނެ ކުންފުންޏަކީ އެއީ ކަމަށްވާއިރު، އެ ކުންފުނީގެ ނަން "މޯލްޑިވްސް 2.0" އާ އެއްގޮތަށް އޮތުމަކީ މުހިންމުކަމެއް ކަމަށް މުއިއްޒުއަށް ފެނިވަޑައިގަންނަވާތީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޓްރޭޑްނެޓަކީ ދިވެހިރާއްޖޭގައި ވިޔަފާރިކުރުމާ ބެހޭ އެކި ހިދުމަތްތައް އެއް ވިއުގައަކުން ފޯރުކޮށްދިނުމަށްޓަކައި 2019 ގައި އޭރުގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ކުންފުންޏެވެ.
ޓްރޭޑްނެޓްގެ ނަން މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ ލިމިޓެޑްއަށް ކުރުމަށްފަހު އެ ކުންފުނިން އިތުރަށް ކުރާނެ މަސައްކަތްތަކަކީ ކޮބައިކަމެއް އަދި ނޭނގެ އެވެ.












