ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ހިންގުން ހަރުދަނާކުރަން ގެންނަ ބަދަލުތަކުގެ ތެރެއިން އެ ކުންފުނީގެ ބޯޑުގެ މަސްވެރިން ތަމްސީލުކުރާނެ ބޯޑު މެންބަރަކު އައްޔަނުކުރާނެ ކަމަށް ބުނި ފަހުން ދެ އަހަރު ވާން ގާތްވެފައި ވަނިކޮށް، އެ މަގާމަށް މީހަކު އައްޔަނުކޮށްފި އެވެ.
މިފްކޯގެ ބޯޑުގައި މަސްވެރިން ތަމްސީލުކުރަން ނެގީ، ގދ. ތިނަދޫ، ރިހިވެލި، ރީޝަމް މުހައްމަދު ޝަރީފެވެ. އޭނާއާ ގުޅޭ އިތުރު މައުލޫމާތެއް އަދި ނުލިބެ އެވެ.
މިފްކޯގެ ބޯޑަށް މަސްވެރިން ތަމްސީލުކުރާނެ މެންބަރަކު އައްޔަނުކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ކުންފުނީގައި މަސްވެރިންގެ ދައުރު ފުޅާކުރުމަކީ އެމަނިކުފާނުގެ ފުރަތަމަ 100 ދުވަހުގެ މަގުޗާޓު "ހަފުތާ14" ގައި ހިމެނި ކަމެއް ވެސް މެ އެވެ.
މި ވައުދު ފުއްދުމުގެ ގޮތުން، މިކްފޯ ވަކި ކުންފުންޏަކަށް ބަދަލު ކުރުމަށް ފަހު މި މަގާމަށް ކުރިމަތިލާން މިދިޔަ އަހަރުގެ ޖެނުއަރީގައި ހުޅުވާލި އެވެ. އެންމެ ފަހުން އެ މަގާމަށް މީހަކު އައްޔަނުކުރެވޭ ވަރު މިވީ ކެބިނެޓުން މިކަން ނިންމިތާ އަހަރަކާ ނުވަ މަސް ފަހުންނެވެ.
މަސްވެރިން ތަމްސީލުކުރާނެ މެންބަރަކު ބޯޑަށް ނުނެގި ލަސްވާ ސަބަބާ ގުޅޭ ގޮތުން ކުރިން ސުވާލުކުރުމުން މިފްކޯއިން ބުނީ އެ ކުންފުނީގެ ހިންގާ ގަވާއިދަށް ބައެއް ބަދަލުތައް ގެންނަން ޖެހޭތީ، އެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިފްކޯގެ ބޯޑު މެންބަރުން
- ފަރުހަތު ޝަހީރު - މެނޭޖިން ޑިރެކްޓަރު
- ސަލާހު ޝަރީފު - ބޯޑު މެންބަރު
- ޝިމާޒް - ބޯޑު މެންބަރު
- ޝަޒްނާ މުހައްމަދު - ބޯޑު މެންބަރު
- ޒުލެއިހާ ޔޫމީ ރަޝީދު - ބޯޑު މެންބަރު
- ރީޝަމް މުހައްމަދު ޝަރީފު - ބޯޑު މެންބަރު
މިފްކޯއަށް މަސްވެރިން ތަމްސީލުކުރާނެ ބޯޑު މެންބަރަކު ނެގިއިރު، މިކަން ކުރީ ކެބިނެޓުން ކަނޑައެޅި އުސޫލުގެ ތެރެއިންތޯ ސުވާލު އުފެދެ އެވެ. ކެބިނެޓުން ފާސްކުރީ އާންމުކޮށް ހުޅުވާލައިގެން، އެކަމަށް ޝަރުތުހަމަވާ ބަޔެއްގެ ތެރެއިން މީހަކު ކަނޑައެޅުމަށެވެ.
މިކަމާ ގުޅޭ ގޮތުން މިފްކޯގައި ސުވާލުކުރުމުން އެ ކުންފުނީގެ ސީނިއާ ޕީއާރު މެނޭޖަރު، ޝިފްޒާ މުސްތަފާ ވިދާޅުވި އެ ކަމުގައި މިފްކޯގެ ދައުރެއް ނެތް ކަމަށާއި އެއީ މިނިސްޓްރީން އިއުލާންކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮސެސްއެއް ކަމަށެވެ. ފިޝަރީޒް މިނިސްޓްރީގެ އޮފިޝަލަކާ ވާހަކަ ނުދެއްކޭތީ އެ މައުލޫމާތު ކަށަވަރު ކުރެވޭ ގޮތެއް ނުވި އެެވެ.
ވައުދުވީތާ އެތައް ދުވަހެއް ފަހުން މިފްކޯގެ ބޯޑުގައި މަސްވެރިން ތަމްސީލުކުރާނެ މެންބަރެއްގެ ވައުދު ފުއްދުނުއިރު، މި ފަހުން ރައީސް ވަނީ މަސް ގަންނަ އަގު އުފުލާނެ ކަމުގެ އިޝާރާތެއް ވެސް ދެއްވާފަ އެވެ. މިއީ މަހުގެ އަގު ދަށް ކުރަމުން އެމަނިކުފާނު ވިދާޅުވީ ވެލިއު އެޑު ކުރުމުގެ އެއްވެސް މަސައްކަތެއް ނުނިނެނީސް ދައްކަވަމުން ގެންދަވާ ވާހަކައެކެވެ.











