ހަތަރު އަތޮޅަކަށް ކުރެއްވި ރަސްމީ ދަތުރުތަކަށް ފަހު ހަފުތާއެއްހާ ދުވަހު މާލޭގައި ހުންނެވުމަށްފަހު ރައީސް މުހައްމަދު މުއިއްޒު އަނެއްކާ ވެސް އަތޮޅުތެރެއަށް ކުރައްވާ ދަތުރެއްގައި ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ މި ދަތުރުގައި އެމަނިކުފާނު ވަޑައިގަންނަވަނީ އދ. އަތޮޅުގެ މީހުން ދިރިއުޅޭ 10 ރަށަށް ކަމަށެވެ. އެއީ ދަނގެތި، ދިއްދޫ، އޮމަދޫ، ދިގުރަށް، މާމިގިލި، މަންދޫ، ފެންފުށި، ހަންޏާމީދޫ، މަހިބަދޫ، އަދި، ކުނބުރުދޫ އެވެ.
މުއިއްޒުގެ ދަތުރުގެ ތެރެއިން އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ތަކުގެ އިތުރުން ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިއީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނޭ ދަތުރެއް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މުއިއްޒު އެންމެ ފަހުން އަތޮޅު ތެރެއަށް ކުރެއްވީ އަށް ދުވަހުގެ ދަތުރެކެވެ. އެ ދަތުރުގެ ތެރެއިން އެމަނިކުފާނު ހަތަރު އަތޮޅަކަށް ވަޑައިގެން، 16 ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ހުޅުއްވައިދެއްވި އެވެ.

އޭޓީއެމް ހުޅުވުމެގެ އިތުރުން މުއިއްޒުގެ ދަތުރުގެ ތެރެއިން އެކި ރަށްރަށުގައި ސަރުކާރުން ވައުދުވެފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއިކޮށް، ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވި އެވެ. މި މަޝްރޫއުތަކުގެ ތެރޭގައި ބިން ހިއްކުން، އެއާޕޯޓު އެޅުން، ގޮނޑުދޮށް ހިމާޔަތްކުރުން، ފެނާއި ނަރުދަމާ ގާއިމުކުރުން އަދި އައުޓް ޑޯ ޖިމުތައް ގާއިމުކުރުން ހިމެނެ އެވެ.














