އިދިކޮޅު އެމްޑީޕީ އިން ވެރި ރަށް މާލޭގައި މިވަގުތު ކުރަމުންދާ ބޮޑު މުޒާހަރާގެ ބައިވެރިވާ މީހުން އަނިޔާވެރިކަމާއެކު ހައްޔަރު ކުރަން ފަށައިފި އެވެ.
އާޓިފިޝަލް ބީޗުގައި ފެށި މުޒާހަރާ މިހާރު ވަނީ މަޖީދީ މަގަށް ބަދަލުކޮށްފަ އެވެ. ނަމަވެސް ފުލުހުން ދަނީ މުޒާހަރާގެ ބައިވެރިންނަށް ހުރަސް އަޅަމުންނެވެ.
މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އަދި މުޒާހަރާގައި ބޭނުން ކުރަމުންދިޔަ ޕިކަޕެއް ވެސް ފުލުހުންގެ ބެލުމަށް ގެންގޮސްފައިވެ އެވެ.
ފުލުހުން ހައްޔަރުކޮށްގެން ގެންދާ މީހަކު ރޮމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް މިހާރު ވަނީ އާންމުވެފަ އެވެ.
ސަރުކާރުން އަސާސީ ހައްގުތަކަށް އަރައިގަނެ ކޮރަޕްޝަންގެ އަމަލުތައް ހިންގާތީ އެމްޑީޕީން ބާއްވާ މުޒާހަރާ ފެށިއިރު އާޓިފިޝަލް ބީޗުގައި ތިބި މީހުންގެ އަދަދު 2500 އަށް ވުރެ ގިނަވާނެ ކަމަށް އެތަނުގައި ތިބި އަދަދު ގެ ނޫސްވެރިން ބުންޏެވެ.

މިރޭގެ އެއްވުމަށް އެތައް ސަތޭކަ ބަޔަކު އެކި ރަށްރަށުން ވެސް މާލެއަށް ދަތުރު ކުރި އެވެ. ގިނަ މީހުން އެއްވާން މަސައްކަތް ކުރާތީ ސަރުކާރުން ދިޔައީ އެ ފުރުސަތު ހަނި ކުރަން އެކި ގޮތްގޮތަށް މަސައްކަތް ކުރަމުންނެވެ.











