"ލޫޓުވައިފި، ލޫޓުވައިފި" ނަމުގައި އިދިކޮޅު އެމްޑީޕީން ބާއްވާ ބޮޑު މުޒާހަރާ ވެރި ރަށް އާޓިފިޝަލް ބީޗުގައި މިރޭ ފަށައިފި އެވެ.
ސަރުކާރުން އަސާސީ ހައްގުތަކަށް އަރައިގަނެ ކޮރަޕްޝަންގެ އަމަލުތައް ހިންގާތީ އެމްޑީޕީން ބާއްވާ މުޒާހަރާ ފެށިއިރު އާޓިފިޝަލް ބީޗުގައި ތިބި މީހުންގެ އަދަދު 2500 އަށް ވުރެ ގިނަވާނެ ކަމަށް އެތަނުގައި ތިބި އަދަދު ގެ ނޫސްވެރިން ބުންޏެވެ.
އެއްވުމުގައި ބައިވެރިވާ މީހުން ދަނީ ދިވެހި ގައުމީ ދިދަ ވިހުރުވަމުންނެވެ. އަދި ބައެއް މީހުން ދަނީ އެމްޑީޕީގެ ދިދަ ވެސް ބޭނުން ކުރަމުންނެވެ. މުޒާހަރާގެ ބައިވެރިން އެ ތަނުގައި ތިބެ ޝުއޫރުތައް ފާޅު ކުރަމުންނެވެ.
މިރޭގެ އެއްވުމަށް އެތައް ސަތޭކަ ބަޔަކު އެކި ރަށްރަށުން ވެސް މާލެއަށް ދަތުރު ކުރި އެވެ. ގިނަ މީހުން އެއްވާން މަސައްކަތް ކުރާތީ ސަރުކާރުން ދިޔައީ އެ ފުރުސަތު ހަނި ކުރަން އެކި ގޮތްގޮތަށް މަސައްކަތް ކުރަމުންނެވެ.
މުޒާހަރާ ފެށިއިރު އާޓިފިޝަލް ބީޗުގައި އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުން ވެސް އެބަ ތިއްބެވި އެވެ. އޭގެ ތެރޭގައި ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިމެނިވަޑައިގަންނަވަ އެވެ.

އެމްޑީޕީ އިން މާލެއަށް އެއްވާތީ އާޓިފިޝަލް ބީޗު ސަރަހައްދު އަދި މާލޭގެ އެކި ތަންތަނުގައި ފުލުހުން ދަނީ ރަޔަޓް ގިޔަރާއެކު ހަރަކާތްތެރިވަމުންނެވެ. އަދި ވެއެތުވެދިޔަ ދުވަސްތަކުގައި ފުލުހުން ވަނީ މާލެ ތެރެއަށް ނުކުމެ އެކި ހަރަކާތްތައް ބާއްވައިފަ އެވެ.
ފުލުހުންގެ އިތުރުން ސިފައިން ވެސް ވަނީ ފާއިތުވި ދެތިން ދުވަހު މާލެ ތެރެއަށް ނުކުމެފަ އެވެ. ސިފައިން ވަނީ އެކި ރޭ މަތިން އަސްކަރީ ޓޭންކަރުތައް ވެސް މަގުތަކަށް ނެރެފަ އެވެ.













