އިދިކޮޅު އެމްޑީޕީން މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ ބޮޑު މުޒާހަރާ ބޯމަތިވެފައިވަނިކޮށް މިއަދު ހަވީރު އޮފީހަށް ނުކުތުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުވައްޒަފުންނަށް އަންގައިފި އެވެ.
އެމްޕީއެލްގެ މުވައްޒަފުންނަށް ކުންފުނީގެ މެނޭޖްމަންޓުން ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އަސުރު ނަމާދަށްފަހު މިއަދު 3:30 ގައި ނުކުންނަން ޖެހޭ ކަމަށެވެ. މިއީ "އާޖެންޓު" ކަމެއް ވެގެން އެންގި އެންގުމެއް ކަމަށް ވެސް ބުނެފައިވެ އެވެ.
މި ނޫހަށް މައުލޫމާތު ދިން އެމްޕީއެލްގެ ބައެއް މުވައްޒަފުން ބުނި ގޮތުގައި އެންގުމާ އެއްގޮތަށް ގިނަ މުވައްޒަފުން މިވަގުތު ތިބީ އޮފީހުގަ އެވެ. ނަމަވެސް، ވަކި ހާއްސަ މަސައްކަތެއް ނެތްކަމަށް އެ މުވައްޒަފުން ބުންޏެވެ.
މީގެ އިތުރުން، މެނޭޖްމަންޓުގެ އެންގުމަށް އެމްޕީއެލްގެ ވަކިވަކި ޑިޕާޓްމަންޓު ތަކުން ރާވަމުންދާ ކަމަށް އެ ކުންފުނީގެ ބައެއް މުވައްޒަފުން ބުންޏެވެ. އެގޮތުން މިރޭ އެމްޕީއެލްގެ ނޯތު ހާބަރު ޑިޕާޓްމަންޓުން ވަނީ ބާބަކިއު އެއް ރާވާފަ އެވެ.
އެމްޕީއެލްގެ އިތުރުން ކަސްޓަމްސް އާއި އެޗްޑީސީ އަދި ސަރުކާރުގެ އެހެން ކުންފުނިތަކުން ވެސް ދަނީ މިރޭގެ މުޒާހަރާ އާއި ދިމާކޮށް ކަންކަން ރާވަމުންނެވެ.

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުދަ ދުވަހުގެ ރޭ ބޭއްވި ޖަގަހަ ޖަލްސާއަށް ދިޔުމަށް ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކުރި ކަމަށާއި، ޖަލްސާއަށް ދިޔަ މުވައްޒަފުންގެ ހާޒިރީ ބެލިކަން ވެސް މި ނޫހަށް ވަނީ އެނގިފަ އެވެ.
މި ނޫހަށް މައުލޫމާތު ދިން އެސްއޯއީތަކުގެ ބައެއް މުވައްޒަފުން ބުނި ގޮތުގައި މި ޖަލްސާއަށް ދާން ކުންފުނިތަކުގެ ވެރިން މި ހަފުތާ ފެށުމާއެކު އަންގަން ފެށި އެވެ. އެކަން އަންގަން ގްރޫޕުތަކަށް މެސެޖުކޮށް، ވަކި މީޓިންތަކެއް ބޭއްވި ކަމަށް އެ މުވައްޒަފުން ބުންޏެވެ.
އެގޮތުން، އެމްޕީއެލް، ސްޓެލްކޯ، އެމްއޭސީއެލް، އެސްޓީއޯ ފަދަ ކުންފުނިތަކުގެ މުވައްޒަފުންނަށް ބުދަ ދުވަހުގެ ރޭގެ ޖަލްސާއަށް ދާން އެންގި ކަމަށް އެ ކުންފުނިތަކުވެ މުވައްޒަފުން ބުންޏެވެ.













