މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންގެ އަހަރީ ބޯނަސް ޖަމާނުކުރާތީ މުވައްޒަފުންގެ ކަންބޮޑުވުންތަކެއް އޮއްވައި މިއަދުގެ ވަގުތެއްގައި ބޯނަސް ޖަމާކުރަން ފަށައިފި އެވެ.
އަދަދު އަށް މައުލޫމާތު ދިން އެ ކުންފުނީގެ ބައެއް މުވައްޒަފުން ބުނި ގޮތުގައި އާންމު ގޮތެއްގައި އޮގަސްޓު މަހު ޖަމާވާ ބޯނަސް މި އަހަރުގެ ސެޕްޓެމްބަރު ނިމުނުއިރު ވެސް ޖަމާނުކުރާތީ މުވައްޒަފުންގެ ނުރުހުން އޮތެވެ. ބޯނަސް ނުދީ ހިފެހެއްޓުމަށް ކުންފުނިން އެތައް ސަބަބުތަކެއް ދެއްކި ކަމަށް މި ނޫހާ ވާހަކަ ދެއްކި ބައެއް މުވައްޒަފުން ބުންޏެވެ.
އޭގެ އިތުރުން، މިއަދު ބޯނަސް ޖަމާކުރަން ފެށީ އޮކްޓޯބަރު 3، ގައި އިދިކޮޅު އެމްޑީޕީން ބާއްވާ އެއްވުމުގައި ބައިވެރިވާނެ ކަމަށް ބައެއް މުވައްޒަފުން ބުނަމުންދިޔުމުން ކަމަށް މައުލޫމާތު ދިން ބައެއް މުވައްޒަފުން ބުންޏެވެ.
މި އަހަރު ވެސް އެމްއޭސީއެލްގެ މުވައްޒަފުންނަށް ޖަމާކުރަނީ 25،000ރ. އެވެ. މިއީ އެ ކުންފުނީގެ ކޮންމެ މުވައްޒަފަކަށް ބޯނަހުގެ ގޮތުގައި އެ އަދަދު ޖެހިޖެހިގެން ދިން ހަތަރުވަނަ އަހަރެވެ.
އެމްއޭސީއެލްއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ބޮޑު އަހަރީ ބޯނަހެއްގެ އިތުރުން ސަރުކާރު ކުންފުނިތަކުގެ ތެރެއިން ޑޮލަރުން މުސާރަ ދެމުންދިޔަ ހަމައެކަނި ކުންފުންޏަކީވެސް އެމްއޭސީއެލް އެވެ.












