ރާއްޖޭގެ ގިނަ ރަށްރަށުގައި ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ ކުންފުނި، ފެނަކަ ކޯޕަރޭޝަނަށް އިތުރު ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރެއް އައްޔަންކޮށްފި އެވެ.
އެތައް ހިޔާނާތްތަކެއްގެ ޝިކާރައަކަށްވެ މާލީ ގޮތުން ނާޒުކު ހާލަތެއްގައި އޮތް ފެނަކައިގެ ޑީއެމްޑީގެ މަަގާމަށް މިއަދު އައްޔަންކޮށްފައިވަނީ އާދަމް ތައުފީގެވެ. އެކަން ފެނަކައިގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ވަނީ އިއުލާނުކޮށްފި އެވެ.
ތައުފީގަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. މިދިޔަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި، ޕީއެންސީގެ ޓިކެޓުގައި ކުރެންދޫ ދާއިރާއަށް އޭނާ ވާދަކުރެއްވި އެވެ. އެ އިންތިހާބު އޭނާއަށް ކާމިޔާބެއް ނުވި އެވެ.
ފެނަކައިގައި މިވަގުތު ހުންނެވީ އެއް ޑީއެމްޑީ އެވެ. މީގެ ކުރިން އެ ކުންފުނީގެ ޑީއެމްޑީގެ މަގާމުގައި ހުންނެވި ރުކުމާ މުހައްމަދު އަބްދުލްކަރީމް މޯލްޑިވްސް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ވަނީ ބަދަލުކޮށްފަ އެވެ.
ފެނަކައިގެ ދަރަނި ބޮޑުވެ، އެ ކުންފުނި ހަމައަކަށް އެޅުވުމަށް އެސްޓީއޯގެ ދަށަށް ބަދަލުކުރަން މި ސަރުކާރުން މިދިޔަ އަހަރު ނިންމި އެވެ. ނަމަވެސް މި އަހަރު ފެށުމުގެ ކުރިން އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލު ކުރުމަށް ފެށި މަސައްކަތް ހުއްޓި، އެކަން އެގޮތަށް ނުކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.














