ވިޔަފާރިތަކުން ޓީޓީ ހެދުމަށް ބޭންކުން ދޭ ޑޮލަރު ސަޕޯޓުގެ ގޮތުގައި މި އަހަރުގެ މިހައިތަނަށް 73 މިލިއަން ޑޮލަރު ދީފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ބުނެފި އެވެ.
އެ ބޭންކުން ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މި އަހަރުގެ ޖެނުއަރީން ފެށިގެން އޯގަސްޓުގެ ނިޔަލަށް ޖުމުލަ 73 މިލިއަން ޑޮލަރު ވިޔަފާރިވެރިންނަށް ޑޮލަރު ސަޕޯޓުގެ ގޮތުގައި ދީފައިވާ ކަމަށެވެ. މިދިޔަ އަހަރު ޖެނުއަރީން ޑިސެމްބަރުގެ ނިޔަލަށް ޓީޓީ ހެދުމަށް ޑޮލަރު ސަޕޯޓުގެ ގޮތުގައި ބީއެމްއެލްއިން ވިޔަފާރިވެރިންނަށް ދޫކުރީ 69 މިލިއަން ޑޮލަރެވެ.
ބީއެމްއެލްއިން ބުނީ ޓީޓީ މުއާމަލާތްތަކަށް 30 ޕަސެންޓާއި 50 ޕަސެންޓާ ދެމެދުގެ އަދަދަކުން ޑޮލަރު ސަޕޯޓު ދެމުންދާ ކަމަށެވެ.
ވިޔަފާރިވެރިންނަށް ޓީޓީ ހެދުމަށް ބޭންކުން ދޭ ޑޮލަރު ސަޕޯޓު އިތުރުވެފައި މިވަނީ އިމްޕޯޓުގެ ބޭނުންތަކަށް އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާ ޑޮލަރު އިތުރުކުރަން ޖުލައި 22، ގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމިފަހުންނެވެ.
ބޭރު ފައިސާގެ ގާނޫނުގެ ދަށުން ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ ތެރެއިން އެމްއެމްއޭއަށް ވިއްކަން ޖެހޭ އަދަދު 60 ޕަސެންޓުން 90 ޕަސެންޓަށް ބޮޑުކުރީ ޖޫން މަހުން ފެށިގެންނެވެ. އެމްއެމްއޭއިން ބުނީ އިތުރަށް މާރުކުރާ ޑޮލަރުތައް ވެސް އަލުން އަނބުރާ ބޭންކުތަކަށް ކޮންމެ ހަފުތާއަކު ވިއްކަމުން އަންނަ ކަމަށެވެ.

ބޭންކުތަކަށް ދޫކުރާ ޑޮލަރު އިތުރުކުރުމާއެކީ، 40 ޕަސެންޓާ ހަމައަށް ޑޮލަރު ސަޕޯޓު ދެވޭނެ މަގުފަހިކޮށް، އެމްއެމްއޭއިން ބުނީ މަރުކަޒީ ބޭންކުގެ އަމާޒަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކުތައް މެދުވެރިކޮށް ދޭ އަދަދު 50 ޕަސެންޓަށް ބޮޑުކުރުން ކަމަށެވެ.
ޑޮލަރު ސަޕޯޓުގެ ގޮތުގައިި ވިޔަފާރިވެރިންނަށް ދޫކުރި ފައިސާ އިތުރުވި ނަމަވެސް، އަދިވެސް ވިޔަފާރިވެރިން ގިނަ ޑޮލަރު ގަންނަން ޖެހެނީ ކަޅު ބާޒާރުން އަގު ބޮޑު ރޭޓުގަ އެވެ. ކަޅު ބާޒާރުގައި ޑޮލަރެއް ގަންނަން ލިބޭ އާންމު ރޭޓު ހުރީ 19.70ރ. އާއި 20.10ރ. އާ ދެމެދުގަ އެވެ.
ނަތީޖާއެއްގެ ގޮތުން ކާބޯތަކެއްޗާއި ރީތިވާ ސާމާނުގެ އަގުތައް އުފުލެމުން ދާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ސްޓެޓިސްޓިކްސް ބިއުރޯއިން މިދިޔަ މަހު އާންމުކުރަން ފެށި އެސެންޝަލް ކޮމޯޑިޓީ ޕްރައިސް އިންޑެކްސް (އީސީޕީއައި) ގެ ދެވަނަ އަދަދުގައިވާ ގޮތުން ކާނާގެ ބާވަތްތަކާއި ބުއިމުގެ ބާވަތްތަކާއި ރީތިވާން ގެންގުޅޭ ތަކެތީގެ އަގުތައް ވަނީ އަހަރުންއަހަރަށް ބަލާއިރު، ޖުމްލަކޮށް އުފުލިފަ އެވެ.












