ރައްޔިތުންގެ މަޖިލިސް ކައިރީގައި ނޫސްވެރިން މުޒާހަރާ ކުރަނީ

Aug 27, 2025, 4:13 AM
ނޫސްވެރިން މަޖިލިސް ކައިރީގައި: މީޑިއާ ނެތިކޮށްލާ ބިލު މިއަދު މަޖިލީހުން ބަލައިގަންނާނެ ކަމަށް ބެލެވޭ -- ފޮޓޯ: މިލްޒީރޯ ނިޝާން

ނޫސްވެރިން މަޖިލިސް ކައިރީގައި: މީޑިއާ ނެތިކޮށްލާ ބިލު މިއަދު މަޖިލީހުން ބަލައިގަންނާނެ ކަމަށް ބެލެވޭ -- ފޮޓޯ: މިލްޒީރޯ ނިޝާން

މިނިވަން މީޑިއާ ނެތިކޮށްލުމަށް ބިލެއް ހުށަހަޅައި ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާއަށް އެ ބިލު އެޖެންޑާކޮށްފައިވާތީ މަޖިލިސް ކައިރީގައި ނޫސްވެރިން މުޒާހަރާ ކުރަން ފަށައިފި އެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި ގާތްގަނޑަކަށް 25 ނޫސްވެރިން މަޖިލިސް ކުރާ ގެ ކައިރީގައި ދަނީ ހަރަކާތްތެރިވަމުންނެވެ. އޭގެ ތެރޭގައި ރާއްޖޭގެ ބޮޑެތި ހުރިހާ ނޫހެއްގެ ނޫސްވެރިން އަދި ސީނިއާ ބޭފުޅުން ހިމެނެ އެވެ.

ނޫސްވެރިން ތިބީ މީޑިއާ ނެތިކޮށްލަން ހުށަހަޅާފައިވާ ބިލާމެދު ދެކޭ ގޮތް ހާމަކޮށް ބޯޑުތަކެއް ހިފައިގެންނެވެ. އަދި މަޖިލިސް ކައިރީގައި ތިބެގެން ނޫސްވެރިން ދަނީ ބިލާމެދު ދެކޭ ގޮތް ހާމަކޮށް، މީޑިއާއާ ވާހަކަ ދައްކަމުންނެވެ.

ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު މުހައްމަދު އޯގަސްޓު 18، ގައި ހުށަހެޅި މީޑިއާ ނެތިކޮށްލާ ބިލަށް މިއަދު އަނެއްކާ ވެސް މަޖިލީހުގައި ބަހުސް ކުރާނެ އެވެ. ބެލެވޭ ގޮތުގައި އެ ބިލު މަޖިލީހަށް ބަލައިގަތުމަށް މިއަދު ނިންމާނެ އެވެ.

ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ބައެއް މެންބަރުން ވަނީ މީޑިއާ ނެތިކޮށްލާ ބިލަށް ތާއީދުކޮށް ވާހަކަ ދައްކައިފަ އެވެ. އެ ބިލަށް އެންމެ ފުރަތަމަ ބަހުސް ކުރި ދުވަހު މަޖިލީހުގައި ވެސް ޕީއެންސީގެ ބައެއް މެންބަރުން ވަނީ ބިލަށް ތާއީދުކޮށްފަ އެވެ.

ބިލު ފަރުމާކޮށްފައި އޮތީ މިނިވަންކަމާއެކު ނޫސްވެރިކަން ކުރެވޭނެ މަގު ބަންދު ކުރެވޭނެ ގޮތަށެވެ. އެ ބިލުގެ ދަށުން ކޮމިޝަނެއް އުފައްދައި، އެ ކޮމިޝަނުގެ ބާރު ރައީސް މުހައްމަދު މުއިއްޒަށް ނެގޭނެ މަގު ވެސް ބިލުން ފަހިވެ އެވެ.

އެ ބިލު މިހާރު އޮތް ގޮތަށް ފާސްވެއްޖެ ނަމަ، ނޫސްވެރިންނާއި ނޫސްތައް ޖޫޫރިމަނާކޮށް، ހުއްޓުވައި، ރެޖިސްޓްރޭޝަން ވެސް ބާތިލު ކުރެވޭނެ އެވެ.

އެ ބިލުގެ 60 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން އެ ބިލުގެ ބާރު ސޯޝަލް މީޑިއާއަށް ވެސް ހިނގާނެ އެވެ. އެ މާއްދާގައި ބުނެފައި ވަނީ "މި ގާނޫނުގައި ނޫހާ ގުޅޭ ގޮތުން ބަޔާންކޮށްފައިވާ އުސޫލުތައް، އިލެކްޓްރޯނިކް މީޑިއާއަށް ވެސް އެ މީޑިއާއަކާ ގުޅޭ ނިސްބަތަކުން ހިނގާނެ" ކަމަށެވެ.

އެހެންކަމުން ސަރުކާރުން ބޭނުންވާ ގޮތަށް އެ ބިލު ފާސްވެއްޖެ ނަމަ، ސޯޝަލް މީޑިއާގައި ވެސް މިނިވަންކަމާއެކު ހިޔާލުފާޅު ކުރުމަށް ހުރަސްއެޅޭނެ އެވެ. ބިލުގެ 40 ވަނަ މާއްދާގެ ހ. ގައި ބުނެފައިވާ ގޮތުން، ދޮގަކަށް ވެދާނެ ފަދަ މައުލޫމާތެއް ވެސް ނޫހެއްގައި ޖެހުމަކީ ކުށެކެވެ.

ތެދު މައުލޫމާތު، ދޮގެއް ކަމަށް ބެލެވޭ ގޮތަށް ގެނެސްދިނުމަކީ ވެސް ބިލުގެ ދަށުން ކުށެކެވެ. އަދި ތެދު މައުލޫމާތު ހިފެހެއްޓުމަކީ ވެސް ބިލުގެ ދަށުން ކުށެކެވެ.

ނޫހުގައި ޝާއިއު ކުރާ މައުލޫމާތަކީ ދޮގަކަށް ވެދާނެ މައުލޫމާތުކަން ކަނޑައަޅާނީ މުއިއްޒަށް ފަސޭހައިން ކޮންޓްރޯލް ނެގޭ ގޮތަށް ބިލުގެ ދަށުން ހަދާ ކޮމިޝަނަކުންނެވެ. އެހެންކަމުން ނޫސްތަކާއި ސޯޝަލް މީޑިއާގައި ލިޔާ އެއްޗަކުން، ވަރަށް އަވަހަށް ކުށްވެރިވުމުގެ ފުރުސަަތު އޮންނާނެ އެވެ.

އެ ބިލުގެ ދަށުން ހަދާ ހަތް މެންބަރުންގެ ކޮމިޝަނަށް ތިން މެންބަރުން އައްޔަން ކުރާތީ މުއިއްޒެވެ. ބާކީ ހަތަރު މަގާމަށް މެންބަރުން އައްޔަން ކުރާތީ ހޮވާލެވޭ މީޑިއާތަކެއްގެ މެދުގައި ބާއްވާ އިންތިހާބަކުންނެވެ. އެ އިންތިހާބުގައި މުއިއްޒުގެ ކޮންޓްރޯލް އޮންނަ ޕަބްލިސް ސާވިސް މީޑިއާގެ މުވައްޒަފުންނަށް ވެސް ވޯޓު ލެވޭނެ އެވެ. އެހެންކަމުން މީޑިއާ ސްލޮޓުތައް ވެސް ކާމިޔާބު ކުރުމުގެ ފުރުސަތު މުއިއްޒަށް ބޮޑެވެ.

މީޑިއާ ރެގިއުލޭޓު ކުރަން ކަމަށް ބުނެ ހަދާ ކޮމިޝަނެއްގައި މުއިއްޒު އައްޔަން ކުރާ ބަޔަކު ތިބެންޖެހޭ ސަބަބެއް އެ ބިލުގައި ބަޔާންކޮށްފައެއް ނުވެ އެވެ. މީޑިއާ އާއި ރައީސުލްޖުމްހޫރިއްޔާއާ ގުޅޭ ސަބަބެއް ވެސް ބިލުގައި ބުނެފައެއް ނުވެ އެވެ.

އެ ބިލު ބޭރުކޮށްލުމަށް ރާއްޖޭގެ ނޫސްވެރިންނާއި ހައްގުތަކަށް ވަކާލާތު ކުރާ ބޭރުގެ ވަރަށް ގިނަ ޖަމިއްޔާތަކުން ވެސް ދަނީ ގޮވާލަމުންނެވެ. އެކަމަކު، ސަރުކާރުން މިހާތަނަށް އެކަންކަމަށް ޖަވާބެއް ނުދެ އެވެ. ގިނަ ބަޔަކު ބުނަނީ، މިއީ އެފަދަ ބިލެއް ހުށަހެޅި ދެ ވަނަ ފަހަރު ކަމުން މި ފަހަރު އެ ބިލު ފާސް ކުރާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް އެ ބިލު ހުށަހެޅި ފަހުން، މުއިއްޒު ގެންދަވަނީ މީޑިއާއާ ގުޅޭ ގޮތުން ދޮގު ފަތުރައި، ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ދައްކަވަމުންނެވެ. ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ޖަލްސާގައި މުއިއްޒު ވަނީ އެމަނިކުފާނުގެ ރުޅިވެރިކަން މީޑިއާތަކަށް އަމާޒުކޮށްފަ އެވެ.

"މި ހޯލު ތެރޭގަ މި ތިބީ އެންމެން. މިސާލެއްގެ ގޮތުގަ މިކަމާ ބެހޭ ގޮތުން އެއްޗެއް ދަންނަވާލާނަން. ތީގެ ތެރެއިން ބޭފުޅަކު ތިމަންނަގެ ހިޔާލުފާޅުކުރުމުގެ މިނިވަންކަމޭ މިތާ ތެދުވެ އިއުލާނުކޮށްލަންވީ މިތާ ބޮމެއް އެބަ އޮތޭ. [އެހެން] ކިޔާފަ ހަޅޭލަވައިލައްވަންވީ. އެއީ މިނިވަންކަންތޯ. ދެން އެހެން މީހުންގެ ހައްގުތަކަށް އެ ހިސާބުން ވާނީ ކިހިނެއްތޯ،" މުއިއްޒު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox