މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު, މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު އަމިއްލަ ފަރުދަކަށް މަންފާ ހޯދައި ދިނުމަށްޓަކައި މާލޭ ރޯމަސް މާރުކޭޓު ކުއްޔަށް ދިނުމުގައި ހިންގާފައިވާ ތުހުމަތު ކުރެވޭ ހިޔާނާތުގެ ސަބަބުން ދައުލަތަށް މިހާތަނަށް 2.6 މިލިއަން ރުފިޔާގެ ގެއްލުން ވެއްޖެ އެވެ.
ރޯމަސް މާރުކޭޓު ހަވާލުކޮށްފައި ވަނީ އެފްޖޭ ޑިޒައިންސް ކިޔާ, ލ. ފޮނަދޫ މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއަކާ އެވެ.
"އަދަދު" ނޫހަށް އެނގިފައިވާ ގޮތުގައި މޭޔަރަކަށް މުއިއްޒު ވަޑައިގަތުމަށް ފަހު، އެފްޖޭ ޑިޒައިންސްއާ މަސް މާރުކޭޓު ހަވާލުކުރީ އޮކްޓޯބަރު 2021 އެވެ.
އެއަށް ފަހު، އަލުން އިއުލާނު ކުރުމެއް ނެތި އެއްބަސްވުމުގެ މުއްދަތު ދިޔައީ އިތުރު ކުރަމުންނެވެ.
މަސް މާރުކޭޓު ކުއްޔަށް ދޭން މާލޭ ސިޓީ ކައުންސިލްގެ ބިޑު ކޮމިޓީން ނިންމީ މަހަކު 130،000ރ. ގެ ކުއްޔަކަށްވެ. ނަމަވެސް، އެފްޖޭ ޑިޒައިންސްއާއެކު އެއްބަސްވުން ހެދީ މަހަކަށް 70،000ރ. އަށް ކަމަށް، މިދިޔަ ބުދަ ދުވަހު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި މޭޔަރު އާދަމް އާޒިމް ވިދާޅުވި އެވެ.

އެހެންވެ މިއީ މަހަކަށް 60،000ރ. ގެ ގެއްލުމެކެވެ.
"މިގޮތަށް އެއްބަސްވުން ކުރިއަށް ނުގެންދެވޭނެ،" އާޒިމް ވިދާޅުވި އެވެ.
މި މައްސަލަ އޭސީސީ އަށް ހުށަހަޅާފައި އޮންނަތާ ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށް އެ މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.
ނަމަވެސް މި އެއްބަސްވުމުގެ ސަބަބުން ކޮންމެ މަހަކު ދައުލަތަށް ބޮޑު ގެއްލުމެއް ވެގެންދާއިރު، އޭސީސީގައި މައްސަލަ އޮވެ، ހިޔާނާތުގެ މުއާމަލާތް ހުއްޓުވަން މަސައްކަތެއް ކުރިކަން ނުވަތަ މައްސަލަ ބަލައި ފިޔަވަޅެއް އެޅިކަން ހާމައެއް ނުކުރެ އެވެ.
ދައުލަތަށް ގެއްލުންވާ ގޮތަށް އަދި އެހެން ބަޔަކަށް މަންފާއެއް ހޯދައި ދިނުމަށް މަސައްކަތް ކުރުމަކީ މާލިއްޔަތު ގާނޫނާއި ގަވާއިދާ ހިލާފު ކަމެކެވެ.
މަސް މާރުކޭޓު ކުއްޔަށް ދިނުމުގައި ހިޔާނާތް އެކުލެވޭތީ، އަދި އެކަމުން ކައުންސިލާއި ދައުލަތަށް ގެއްލުންވާތީ، އެއްބަސްވުމުގެ މުއްދަތު އިތުރުނުކޮށް އެކަން ބަލަން ސިޓީ ކައުންސިލުން ވަނީ ނިންމައިފަ އެވެ.
މި މައްސަލަތައް ފާހަގަ ކުރެވުމުން އެއްބަސްވުން ކުރިއަށް ގެންދިޔުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް އާޒިމް ފާހަގަ ކުރެއްވި އެވެ. އެހެންވެ،
އެހެންވެ، މާލޭ ސިޓީ ކައުންސިލުގެ ބިންތަކާ ބެހޭ ކޮމިޓީގައި މަޝްވަރާ ކުރުމަށް ފަހު، އަންނަ ބުދަ ދުވަހު ބާއްވާ ކައުންސިލް ބައްދަލުވުމަށް މަސް މާރުކޭޓުގެ މައްސަލަ ހުށަހަޅާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.












