ލޯކަލް ކައުންސިލުތަކުގެ ބާރު ހަނި ކުރަން ރައްޔިތުންގެ މަޖިލީހުން ބުދަ ދުވަހު ފާސް ކުރި ބިލު ރައީސް މުހައްމަދު މުއިއްޒު އަދިވެސް ތަސްދީގެއް ނުކުރައްވަ އެވެ.
ލާމަރުކަޒީ ގާނޫނަށް ބުދަ ދުވަހު ގެނައި އިސްލާހުތަކަށް އަމަލު ކުރަންޖެހޭނީ އެ ބިލު ތަސްދީގު ކުރުމުންނެވެ. ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދިނުމަށާއި ތަރައްގީގެ ޕްރޮޖެކްޓު ހިންގުމަށާއި މުވައްޒަފުން ނެގުމަށް ކައުންސިލަށް ލިބިދީފައިވާ ބާރުތައް ބިލުގެ ސަބަބުން ހަނިވާނެ އެވެ.
އެ ބިލާ ދެކޮޅަށް މިހާތަނަށް 50 އަށް ވުރެ ގިނަ ކައުންސިލުން ވަނީ އަޑު އުފުލައިފަ އެވެ. މަޖިލީހުން ފާސް ކުރި އިސްލާހުތަކާ ދެކޮޅަށް ކައުންސިލުތަކުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސަރުކާރުން ބޭނުން ވަނީ ހީލަތްތެރި ރޭވުމެއްގެ ތެރެއިން ލާމަރުކަޒީ ނިޒާމު ފުނޑާލަން ކަމަށެވެ.
"މި އިސްލާހުތަކަކީ، ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ އަށް ވަނަ ބާބުގައި ބަޔާންކުރާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމާގުޅޭ އުސޫލުތަކާއި މުޅި ޖުމްލަ ގޮތެއްގައި ދިވެހި އެންމެހައި ރައްޔިތުންގެ ދިމިގްރާތީ އުންމީދުތަކަށް ފާޅުގައި ގޮންޖަހައި، ނިޒާމީ ސިފައެއްގައި ރަށްރަށުގެ ރައްޔިތުންގެ ބާރު ކަނޑުވާލުމުގެ ގޮތުން ހީލަތްތެރި ސިފައެއްގައި އަޅަމުންގެންދާ ފިޔަވަޅުތަކުގެ ސިލްސިލާއަށް އިތުރުވެގެންދާ ބޮޅެއް،" އެ ބަޔާންތަކުގައި ބުނެފައިވެ އެވެ.
އެކަމަކު، މިނިސްޓާ އޮފް ލޯކަލް ގަވަމަންޓް އެންޑް ސިޓީސް އާދަމް ޝަރީފް ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަނީ ކައުންސިލުތަކުގެ މާލީ ބާރުވެރިކަން އިތުރުކުރަން ކަމަށެވެ.

"ކައުންސިލްތަކުގެ މާލީ ބާރުވެރިކަން އިތުރުކޮށް، މާލީ ބާރުވެރިކަމުގެ ބޭނުން ކައުންސިލްތަކުން ކުރަނީ ޒިންމާދާރުކަމާއެކުގައިކަން ކަށަވަރު ކުރުމަކީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާވެ ރައްޔިތުންގެ އިތުބާރު ބޮޑުވާނެ ކަމެއް،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
މަޖިލީހުން ފާސް ކުރި ބިލުން ކައުންސިލުތަކަށް ކުރިމަތި ކުރުވާ ހުރަސްތައް
ވިޔަފާރި ކުރަން ކުރިމަތި ކުރުވާ ހުރަސްތައް
- އަމިއްލަ މީހަކު ކުރަމުންދާ ވިޔަފާރިއެއް ނުކުރެވޭ ގޮތް ހެދުން
- އުމްރާނީ ތަރައްގީއަށް ކޮންމެހެން ބޭނުންވާ މަސައްކަތެއް ނޫނީ ނުކުރެވުން
- ވިޔަފާރީގެ އިންވެސްޓްމަންޓު ނުވަތަ ރައުސުލްމާލު 10 މިލިއަން ރުފިޔާއަށް ވުރެ ބޮޑުވުން
- ކައުންސިލުން މިހާރު ކުރަމުންދާ ވިޔަފާރިތައް މަތީގައި ބަޔާން ކުރާ އުސޫލަކާ ހިލާފުވެއްޖެ ނަމަ އެ ވިޔަފާރިއެއް ތިން މަސްދުވަސް ތެރޭ ހުއްޓާލަން ޖެހުން
ތަންތަން ކުއްޔަށް ދިނުމަށް އެޅި ހުރަސްތައް
- އަސާސީ ހިދުމަތް ދިނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިންތަކުން ކުލި ނެގުން މަނާ ކުރުން.
މާލީ ކަންކަމަށް ނުފޫޒު ފޯރުވުން
- ފިނޭންސް މިނިސްޓްރީ އިން ކަނޑައަޅާ އުސޫލެއްގެ ދަށުން ކައުންސިލުތަކުގެ ބޭންކް އެކައުންޓުތައް ބަލަހައްޓަން މަޖުބޫރު ކުރުވުން
- ފިނޭންސް މިނިސްޓްރީ އިން ބޭނުންވެއްޖެ ހިނދެއްގައި ކައުންސިލުގެ ބޭންކު އެކައުންޓުގެ ސްޓޭޓްމަންޓެއް ދިނުމަށް މަޖުބޫރު ކުރުވުން
ކައުންސިލުގެ މަސައްކަތަށް ހުރަސް އެޅުން
- ކައުންސިލެއްގެ އުމުރުގައި ބާކީ އަހަރެއް އޮތް ނަމަ ދާއިމީ އަދި ކޮންޓްރެކްޓަށް ވެސް މުވައްޒަފުން ނެގޭނެ މަގު ބަންދު ކުރުން
- ކައުންސިލެއްގެ އުމުރުގައި ބާކީ އަހަރެއް އޮތް ނަމަ ކައުންސިލުގެ އިހުތިސާސްގެ ދަށުގައިވާ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުގެ ކުއްޔަށް ދޫކުރުން މަނާ ކުރުން
- ކައުންސިލެއްގެ އުމުރުގައި ބާކީ އަހަރެއް އޮތް ނަމަ ތަރައްގީގެ އާ މަޝްރޫއުއެއް ހިންގުން މަނާ ކުރުން












