މިލާން (އޮގަސްޓް 7) - އިޓާލިއަން ސެރީއާގައި ކުރިއަށް އޮތް ސީޒަނުން ފެށިގެން، ރެލިގޭޓްވާ ކްލަބްތަކުގެ ކުޅުންތެރިންގެ 25 ޕަސެންޓް މުސާރަ ކުޑަކުރަންޖެހޭ ގޮތަށް އެއްބަސްވުމެއް އެކުލަވާލައިފި އެވެ.
އެ ގޮތުން، ސެރިއާ އާއި އިޓާލިއަން ފުޓްބޯލް ފެޑެރޭޝަނުން އެއްބަސްވެފައިވަނީ، ރެލިގޭޓްވާ ޓީމެއްގެ ކުޅުންތެރިންގެ މުސާރަ 25 ޕަސެންޓް ކުޑަކުރަން ޖެހޭ ގޮތަށް ފަސް އަހަރުގެ މި ޑީލެއްގެ ދަށުންނެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓް ސެޕްޓެމްބަރު މަހުގެ ދެ ވަނަ ދުވަހު ބަންދުވާއިރު، އޭގެ ފަހުން ސޮއިކުރާ އެއްބަސްވުންތައް ހެދިފައި ހުންނަން ޖެހޭނީ، މި މާއްދާ ހިމަނައިގެންނެވެ.
މި ގޮތަށް ކޮންޓްރެކްޓްގައި މާއްދާއެއް ހިމެނުމަށް، ސެރިއާ އާއި އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމީ، ކްލަބްތަކަށް މީގެ ސަބަބުން މާލީ ގޮތުން ލުޔެއް ހޯދައިދިނުމަށެވެ. އެކަމަކު، ކްލަބްތަކުން، މި މާއްދާ ނުލައި، ކޮންޓްރެކްޓް ހަދަން ބޭނުންނަމަ، އެ ފުރުސަތު ވެސް ދޭން ވަަނީ އެއްބަސްވެފަ އެވެ.
ސެރިއާ އާއި އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމާފައިވަނީ، އެ ކޮންޓްރެކްޓްގެ މުއްދަތުގައި، އަނެއްކާ ވެސް އެ ޓީމެއް، އިޓާލިއަން ސެރިއާ އަށް ޕްރޮމޯޓްވެއްޖެނަމަ، އެ އުނިކުރި، 25 ޕަސެންޓް މުސާރަ އަނެއްކާ ވެސް އިތުރުވާ ގޮތަށެވެ.
މީގެ އިތުރުން، ކުޅުންތެރިއަކަށް ދެވޭނެ އެންމެ ދަށް މުސާރަ އާއި ރެލިގޭޓްވުމުން، މުސާރަ، އެންމެ ކުޑަކުރެވޭނެ، މިންގަނޑުތަކެއް ވެސް ފެޑެރޭޝަނުން ވަނީ ކަނޑައަޅައިފަ އެވެ. އެ ގޮތުން، ޒުވާން ކުޅުންތެރިންނަށް ދެވޭނެ އެންމެ ދަށް މުސާރައެއް ކަނޑައަޅަން ޖެހޭ ގޮތަށް ވެސް ވަނީ ނިންމައިފަ އެވެ.












