ތޫނިސް، ޓިއުނީޝިއާ (އޮގަސްޓް 6) - ނަފްސާނީ ދުޅަހެޔޮ ކަމަށް ވިސްނައި، އަމިއްލަ ނަފްސަށް ވަގުތު ތަކެއް ދޭން ބޭނުންވާތީ ކަމަށް ބުނެ، ޓިއުނީޝިއާގެ ޓެނިސް ތަރި، އޮންސް ޖަބޯ ކުޅުމާ ދުރަށް ޖެހިލައިފި އެވެ.
އުމުރުން 30 އަހަރުގެ ޖަބޯ ވަނީ މޮންޓްރެއަލް އޯޕަން އިން ވަކިވުމުގެ އިތުރުން، އަހަރުގެ ފަހު ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް، ޔޫއެސް އޯޕަން އިން ވެސް ވަކިވެފަ އެވެ. ދުނިޔޭގެ ރޭންކިން 72 ވަނައިގައި އޮތް ޖަބޯ އަކީ، ގަދަ 100 ކުޅުންތެރިންގެ ތެރެއިން، ޔޫއެސްއޯޕަންގައި މި ވަގުތަށް ބަލާއިރު ނުކުޅޭނެ ހަމައެކަނި ކުޅުންތެރިޔާ އެވެ.
"މިދިޔަ ދެ އަހަރު ދުވަހަށް ބަލަންޏާ، އަހަރެން މި އަންނަނީ އަމިއްލަ ނަފްސާ ވެސް ވަރަށް ގިނަ ޗެެލެންޖްތައް ކުރިމަތިކުރުވަމުން. އަނިޔާ އިން ރަނގަޅުވާން ފައިޓްކުރަމުން، ދެން، އެހެން ޗެލެންޖްތަކާ ވެސް ކުރިމަތިލަމުން،" ކުރިން ދުނިޔޭގެ ރޭންކިންގެ ދެ ވަނައިގައި ވެސް އޮތް ޖަބޯ، ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.
"ހަގީގަތަކީ އަހަރެން ފާއިތުވި ދުވަސްތަކުގައި ޓެނިސް ކޯޓުގައި ހޭދަކުރީ އެންމެ އުފާވެރި ހަނދާންތަކެއް ނޫން. ޓެނިހަކީ ވަރަށް ހިތްގައިމު ކުޅިވަރެއް، އެކަމަކު، މި ވަގުތު އަހަރެން ބޭނުމީ، ފަހަތަށް ފިޔަވަޅެއް އަޅައި އަމިއްލަ ނަފްސަށް އިސްކަން ދޭން. އުފަލުން އާދައިގެ ގޮތަކަށް (ޕްރެޝަރުތަކުން އެއްކިބާވެގެން) ކުރިއަށްދާން،"
ދެ ފަހަރެއްގެ މަތިން، 2022 އާއި 2023 ވަނަ އަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފައިނަލުގައި ވެސް ކުޅެފައިވާ ޖަބޯ، މި ފަހަރުގެ މުބާރާތުގެ ފުރަތަމަ ބުރުން ވަނީ ބަލިވެފަ އެވެ. މިހާތަނަށް އެންމެ ހޫނުގަދަ ދުވަހެއްގައި ކުޅުނު ވިމްބަލްޑަން މެޗުގައި، ޖަބޯ އަށް ފިޓްނަސްގެ ގޮތުން ގިނަ ގޮންޖެހުންތައް ކުރިމަތިވެ، އެ މެޗު ދޫކޮށްލަން ޖެހުނީ އެވެ.












