ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދޫކުރުމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގަން އަދި މުވައްޒަފުން ނަގަން ލޯކަލް ކައުންސިލުތަކަށް ލިބިދީފައި އޮތް ބާރު ހަނި ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅޭގޮތުން ގިނަ އަދަދެއްގެ ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އިއްޔެ އާއި މިއަދު ރާއްޖޭގެ ރަށްރަށުގެ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުން ވަނީ ބިލު އަނބުރާ ގެންދިޔުމަށް ސަރުކާރަށް ގޮވާލައި ބަޔާން ނެރެފަ އެވެ. އެފަދަ ބަޔާންތައް ނެރުނު ކައުންސިލްތަކުގެ ތެރޭގައި ސަރުކާރު ހިންގާ ޕާޓީއަށް ތާއީދު ބޮޑު ރަށްރަށް ވެސް ހިމެނެ އެވެ.
ބަޔާން ނެރުނު ބައެއް ކައުންސިލްތައް
- ކުޅުދުއްފުށި ސިޓީ ކައުންސިލް
- ފުވައްމުލައް ސިޓީ ކައުންސިލް
- ނ. ކެނދިކުޅުދޫ ކައުންސިލް
- ލ. ގަމު ކައުންސިލް
- މ. ދިއްގަރު ކައުންސިލް
- އއ. ބޮޑުފޮޅުދޫ ކައުންސިލް
- އއ. ހިމަންދޫ ކައުންސިލް
- އއ. އުކުޅަސް ކައުންސިލް
- އއ. މާޅޮސް ކައުންސިލް
- ށ. ފޯކައިދޫ ކައުންސިލް
- ގއ. ކޮލަމާފުށި ކައުންސިލް
- ބ. ގޮއިދޫ ކައުންސިލް
- ގދ. ގައްދޫ ކައުންސިލް
- އއ. ތޮއްޑޫ ކައުންސިލް
- ހއ. ހޯރަފުށި ކައުންސިލް
- ގދ. ފިޔޯރީ ކައުންސިލް
- ހދ. ނެއްލައިދޫ ކައުންސިލް
- ކ. މާފުށި ކައުންސިލް
- ގދ. ހޯނޑެއްދޫ ކައުންސިލް
- ހދ. ކުމުންދޫ ކައުންސިލް
- ޅ. ހިންނަވަރު ކައުންސިލް
- ކ. ދިއްފުށީ ކައުންސިލް
- ކ. ގުޅި ކައުންސިލް
- ހދ. ހަނިމާދޫ ކައުންސިލް
ކައުންސިލްތަކުގެ އިތުރުން އިދިކޮޅު ސިޔާސީ ޕާޓީތަކުން ވެސް އަންނަނީ މި ބިލު އަނބުރާ ގެންދިޔުމަށް ގޮވާލަމުންނެވެ. އެ ބިލު ދިރާސާކުރުމުގެ މަސައްކަތް ލާމަރުކަޒީ ކޮމިޓީއިން އަންނަނީ ކުރަމުންނެވެ.
ގާނޫނުގެ ދަށުން މިނިވަންކަމާއެކު ކައުންސިލުތަކަށް މިހާރު ވިޔަފާރި ކުރެވުނު ނަމަވެސް ބިލުގައި ވަނީ އެކަމަށް ހުރަސްތަކެއް ކުރިމަތި ކުރަން ހުށަހަޅައިފަ އެވެ. އެގޮތުން، ރަށެއްގައި އަމިއްލަ ފަރާތަކުން ކުރާ ވިޔަފާރިއެއް ކައުންސިލަށް ނުކުރެވޭނެ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ.

ކައުންސިލުން ރަށްރަށުގެ ބިން ކުއްޔަށް ދޫކުރުމަށް ވެސް ބިލުގައި ވަނީ ހުރަސްތަކެއް ކުރިމަތިކޮށްފަ އެވެ. ބިލުގައިވާ ގޮތުން، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި އެކި ފަރާތްތަކަށް ދޫކޮށްފައިވާ އެއްވެސް ބިމަކުން ކުއްޔެއް ނުނެގޭނެ އެވެ.
ބިލުގައިވާ ގޮތުން ކައުންސިލުގެ ބޭންކު އެކައުންޓުތައް ވެސް ހިންގަންޖެހޭނީ ފައިނޭންސް މިނިސްޓްރީ އިން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ. އަދި އެ މިނިސްޓްރީ އިން ބޭނުންވެއްޖެ ހާލަތެއްގައި ބޭންކު އެކައުންޓުގެ ސްޓޭޓްމަންޓެއް ދޭންޖެހެ އެވެ.
އޭގެ އިތުރުން، ކައުންސިލުތަކުގެ އުމުރުގައި ބާކީ އޮތީ އެއް އަހަރު ކަމަށްވާ ނަމަ، ދާއިމީ އަދި ކޮންޓްރެކްޓު މުވައްޒަފުން ނެގުމާއި ކައުންސިލުގެ އިހުތިސާސުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދިނުމާއި ޕްލޭން ނުކުރާ ތަރައްގީގެ މަޝްރޫއުތައް ފެށުމަށް ވެސް ބިލުގައި ވަނީ ހުރަސްތަކެއް ކުރިމަތިކޮށްފަ އެވެ. ބިލުގައިވާ ގޮތުން އެފަދަ އެއްވެސް ކަމެއް ކުރެވޭނީ ފައިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީއިން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ.












