ގަލޮޅު މޯޗަރީގެ ހިދުމަތް ހުޅުމާލެއަށް ބަދަލުކޮށް ކެޕޭސިޓީ އިތުރު ކުރުމަށް ނިންމާފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
އާޒިމް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލެއަށް މޯޗަރީ ބަދަލުކޮށް، މިހާރުގެ ހަ ޖާގައިގެ ކެޕޭސިޓީ 10 އަކަށް އިތުރު ކުރާނެ ކަމަށެވެ.
"ގަލޮޅު މޯޗަރީގެ ހިދުމަތް ހުޅުމާލެއަށް ބަދަލުކޮށް، ކެޕޭސިޓީ އިތުރުކުރަނީ. މޯޗަރީގެ މިހާރުގެ ކެޕޭސިޓީއަކީ ހައެއް. ހުޅުމާލޭގައި ހަދާ އައު އިމާރާތާއެކު ކެޕޭސިޓީ 10 އަށް އިތުރުކުރާނެ،" އާޒިމް ވިދާޅުވި އެވެ.
ހުޅުމާލޭގައި މޯޗަރީގެ އިމާރާތް އެޅުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭގައި މިހާރު ހިނަވާގެ ހުރި ސަރަހައްދުގައި ކަމަށްވާއިރު، އެ މަސައްކަތް މި އަހަރުގެ ތެރޭގައި ނިންމާނެ ކަމަށް ކައުންސިލުން ބުންޏެވެ.
އެ އިމާރާތް ސިޓީ ކައުންސިލުން ތަރައްގީ ކުރުމަށް ހަމަޖެހިފައި ވަނީ ދެ މުވައްޒަފުންނަށް ދިރިއުޅެވޭނެ އެކޮމޮޑޭޝަނަކާ ވެސް އެކީގަ އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ މޯޗަރީއެއް ހުޅުވީ ދެ މީހުންގެ ޖާގައާއެކު 1975 ވަނަ އަހަރު އެވެ. ގަލޮޅުގައި މިހާރު ވެސް ބޭނުންކުރަމުން އަންނަ އެ މޯޗަރީ ވަނީ ވީރާނާވެ ބޭނުން ނުކުރެވޭވަރުވެފަ އެވެ.













