އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދިވެހިރާއްޖެއަށް ކުރެއްވި ދަތުރަކީ ތާރީހީ އަދި ހާއްސަ ދަތުރެކެވެ. އެމަނިކުފާނު ވަޑައިގެންނެވީ، ރައީސް މުހައްމަދު މުއިއްޒުގެ ދައުވަތަކަށް، ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފުލާއެއްގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށެވެ.
މިއީ، ދިވެހިރާއްޖެ އާއި އިންޑިއާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމް ކުރިތާ 60 ވަނަ އަހަރު ކަމަށްވާތީ ވެސް ދަތުރުގެ ހާއްސަކަން އިތުރުވެ އެވެ. އެކަމުގެ މުނާސަބަތުގައި، ދަތުރުގެ ތެރެއިން ސްޓޭމްޕެއް ވެސް އިފުތިތާހު ކުރި އެވެ.
މިއީ ބޮޑުވަޒީރު މޯދީ ރާއްޖެއަށް ކުރެއްވި ތިން ވަނަ ޒިޔާރަތެވެ. މީގެ ކުރިން 2018 ވަނަ އަހަރު އަދި 2019 ވަނަ އަހަރު ވެސް އެމަނިކުފާނު ރާއްޖެ ވަޑައިގަތެވެ. މޯދީއަކީ ރައީސް މުއިއްޒުގެ ވެރިކަމުގައި ދިވެހިރާއްޖެއަށް ވަޑައިގެންނެވި އެހެން ގައުމެއްގެ ފުރަތަމަ ވެރިޔާ އެވެ.
މޯދީ އެންމެ ފުރަތަމަ ރާއްޖެ ވަޑައިގަތީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. އެއަށްފަހު 2019 ވަނަ އަހަރު މޯދީ ރާއްޖެއަށް ވަޑައިގެންނެވީ ރައީސް ސޯލިހުގެ ދައުވަތަކަށް، މޯދީއަށް އިއްޒަތް އެރުވުމުގެ ހަފުލާގައި ބައިވެރިވެވަޑައިގަތުމަށެވެ. މޯދީއަށް އެރުވީ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމެވެ.
ތިރީގައި މި ވަނީ ޖުލައި 25، އިން ޖުލައި 26، އަށް މޯދީ ދިވެހިރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުގެ އުސްއަލިތަކެވެ.
ހުކުރު ދުވަސް
ހުޅުލެއިން މަރުހަބާ ކިޔުން
ދެ ދުވަހުގެ ފުރަމަނާ ދަތުރެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދިވެހިރާއްޖެއަށް ވަޑައިގަތީ ހުކުރު ދުވަހުގެ ހެނދުނު 9:06 ގަ އެވެ.
މޯދީގެ ދަތުރަކީ، ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފުލާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުހައްމަދު މުއިއްޒު ފޮނުއްވި ދައުވަތަކަށް ކުރެއްވި ދަތުރެކެވެ.
އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް އެއާޕޯޓުގެ ރަތްދޫލައިން މަރުހަބާ ވިދާޅުވީ މުއިއްޒެވެ. އެއަށްފަހު އެމަނިކުފާނަށް ހާއްސަކޮށް ސަރުކާރުން ތައްޔާރު ކުރި ލަވައެއް މަޖީދިއްޔާ ސްކޫލުގެ ދަރިވަރުން ހުށަހަޅައިދިނެވެ.
މޯދީއަށް އެއާޕޯޓުގައި ސީދާ މުއިއްޒު މަރުހަބާ ވިދާޅުވުމުން މި ދަތުރުގެ ހާއްސަކަމާއި މުހިންމުކަން އިހުސާސް ކުރެވެ އެވެ. އެއާޕޯޓަށް ރައީސް ވަޑައިގެން މަރުހަބާ ކިޔުމަކީ އާންމު ޕްރޮޓޮކޯލެއް ނޫނެވެ. އެކަމަކު އެއީ މައްސަލައެއް ވެސް ނޫނެވެ.

ހުޅުލެއިން މޯދީއަށް ރައީސް މުއިއްޒު މަރުހަބާ ވިދާޅުވަނީ
މީގެ ކުރިން 2018 ވަނަ އަހަރު، އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މޯދީ ވަޑައިގަތުމުން އެއާޕޯޓުން މަރުހަބާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އެއިރުގެ ރައީސް ގާސިމް އިބްރާހިމެވެ.
އޭގެ ފަހުން، ނިޝާން އިއްޒުއްދީނުގެ ލަގަބު ލިބިވަޑައިގަތުމަށް 2019 ވަނަ އަހަރު މޯދީ މާލެ ވަޑައިގެންނެވިއިރު އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ އެއިރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.
އެއާޕޯޓުން މޯދީ ވަޑައިގެންނެވީ ކުރުނބާ މޯލްޑިވްސް ރިސޯޓަށެވެ. އެތަނުގައި އިންޑިއާގެ ސަގާފީ ނެށުމެއް އެމަނިކުފާނަށް އިންޑިއާގެ ރައްޔިތުންތަކެއް ހުށަހަޅައިދެއްވި އެވެ.
ވެރި ރަށް މާލެއަށް ވަޑައިގަތުން
އެޖެންޑާގެ ރާވާފައި ހުރި ރަސްމީ ކަންކަން ފުރިހަމަ ކުރެއްވުމަށް މޯދީ ވަޑައިގަތީ މެންދުރު ފަހު 2:30 ހާއިރެވެ. ބޮޑުވަޒީރު މާލެ ވަޑައިގަތުމުން އެއް ނަންބަރު ޖެޓީއިން އަނެއްކާ ވެސް އެމަނިކުފާނު ރިސީވް ކުރެއްވީ ރައީސް މުއިއްޒެވެ.
ޖުމްހޫރީ މައިދާން ސަރަހައްދުގައި މޯދީއަށް ދިވެހި ދަރިވަރުންތަކެއް ސަގާފީ ނެށުމެއް ހުށަހަޅުއްވައިދިނެވެ. އެއަށްފަހު ދިވެހި ސިފައިންގެ ފަރާތުން އެމަނިކުފާނަށް 21 ބަޑީގެ ސަލާމެއް ދިނެވެ. އަދި ސިފައިންގެ ބްރާސް ބޭންޑުން އިންޑިއާގެ ގައުމީ ލަވަ ހުށަހަޅައިދިނެވެ.

މޯދީއަށް މާލެއިން މަރުހަބާ ކިޔުން
އޭގެ ފަހުން މޯދީއަށް ސިފައިން ދިން ގާޑް އޮފް އޮނާއަކަށްފަހު ދިވެހި ސަރުކާރުގެ އިސް ވެރިންނާ ސަލާމް ކުރެއްވުން އޮތެވެ. އޭގެ ތެރޭގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އަދި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ހިމެނިވަޑައިގަންނަވަ އެވެ. މިކަންކަން ވެސް ކުރިއަށްދިޔައީ ޖުމްހޫރީ މައިދާން ސަރަހައްދުގަ އެވެ.
ޖުމްހޫރީ މައިދާން ސަރަހައްދުން މޯދީ ވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. ރައީސް އޮފީހަށް މޯދީ ވަޑައިގެންނެވީ ހަތްކޮޅުގަ އެވެ. ހަތްކޮޅަކީ ރަސްކަމުގެ އިއްޒަތުގައި ކަންކަމަށް ނުކުމެވަޑައިގަންނަވާއިރު އިސްތަށިފުޅަށް ނަގާ ކުޑައެކެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމީ މަޝްވަރާތައް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގަތުމަށްފަހު މެހެމާނުން ސޮއި ކުރައްވާ ފޮތުގައި މޯދީ ސޮއި ކުރެއްވި އެވެ. ފުރަތަމަ އޮތީ، ދެ ގައުމުގެ މެދުގައި ރަސްމީ މަޝްވަރާތައް ކުރިއަށްގެންދިޔުމެވެ. އެއަށްފަހު ރައީސް މުއިއްޒާއެކު ވަކިން ބައްދަލު ކުރެއްވި އެވެ.
އޭގެ ފަހުން، ދެ ގައުމުގެ ދެމެދުގައި އެއްބަސްވުންތަކެއްގައި ސޮއި ކުރި އެވެ. އެއީ:
- 4850 ކުރޯޑުގެ ލައިން އޮފް ކްރެޑިޓް ދިނުމުގެ އެއްބަސްވުން
- ކުރިން ދޫކުރި ލައިން އޮފް ކްރެޑިޓު އަނބުރާ ދައްކަން ލުއިތަކެއް ދިނުމުގެ އެއްބަސްވުން
- އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ފްރީ ޓްރޭޑް އެއްބަސްވުމެއް ގާއިމް ކުރުމަށްޓަކައި ޓާމްސް އޮފް ރެފެރެންސް ކަނޑައަޅައި އޭގައި ސޮއި ކުރުން
- ފިޝަރީޒް އަދި އެކުއާކަލްޗާގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުން
- ވެދާ ސައިންސްގެ ދާއިރާއިން ގުޅުން ބަދަހި ކުރަން ދެ ގައުމުގެ މިޓޮރޮލޮޖިކަލް ސާވިސް އިން ސޮއި ކުރި އެއްބަސްވުން
- ޑިޖިޓަލް ދާއިރާއިން ހޯމް މިނިސްޓްރީއާއެކު ގުޅުން ބަދަހި ކުރުމަށް ހެދި އެއްބަސްވުން
- އިންޑިއާގެ ފާމަކޮޕިއާ (ބޭހުގެ ލިސްޓާއި ބޭނުންތައް ލިޔެފައިވާ ރަސްމީ ފޮތް) ރާއްޖެއިން ބަލައިގަތުމަށް ހެދި އެއްބަސްވުން
- އިންޑިއާގެ ޔުނިފައިޑް ޕޭމަންޓް އިންޓަފޭސް ރާއްޖޭގައި ބޭނުން ކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއެކު ގާއިމް ކުރި އެއްބަސްވުން
އެއްބަސްވުންތަކުގައި ސޮއިކޮށް، ދެ ގައުމުގެ ދެމެދުގައި ލިޔުން ބަދަލު ކުރުމަށްފަހު، ރައީސް އޮފީހުގައި ދެން އޮތީ ބައެއް މަޝްރޫއުތައް އިފުތިތާހު ކުރުމާއި އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި ބައެއް ތަކެތި ހަވާލު ކުރުމެވެ. އެއީ:
- އިންޑިއާގެ ލޯނު އެހީގެ ދަށުން އެޅި 4000 ފްލެޓު އިފުތިތާހު ކުރުން
- އައްޑޫގެ މަގު ހެދުމާއި ޑްރެއިނޭޖް ސިސްޓަމް ޕްރޮޖެކްޓު އިފުތިތާހު ކުރުން
- ހައި އިމްޕެކްޓް ކޮމިއުނިޓީ ހަ ޕްރޮޖެކްޓެއް އިފުތިތާހު ކުރުން
- އެމްއެންޑީއެފްއަށް 72 ވެހިކަލާއި ބައެއް އެހެނިހެން ސާމާނު ހަދިޔާ ކުރުން
- ޕޯޓަބަލް ދެ ހޮސްޕިޓަލް ހެލްތު މިނިސްޓްރީއާ ހަވާލު ކުރުން
- އިންޑިއާގެ އެހީގައި އިމާރާތް ކުރި ކޯސްޓު ގާޑުގެ އާ އިމާރާތް އިފުތިތާހު ކުރުން
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި، ކޯސްޓު ގާޑު އިމާރާތުގެ ރަމްޒީ ތަޅުދަނޑި އާއި ފްލެޓުތަކުގެ ރަމްޒީ ތަޅުދަނޑި މޯދީ ވަނީ މުއިއްޒަށް އަރުވައިފަ އެވެ.
އޭގެ އިތުރުން އައްޑޫ މަގު ހެދުމުގެ ޕްރޮޖެކްޓުތަކާއި ކޮމިއުނިޓީ ޕްރޮޖެކްޓުތައް ވާޗުއަލްކޮށް ރައީސް އޮފީހުގައި އިފުތިތާހު ކުރެއްވި އެވެ. ޕްރޮޖެކްޓުތައް އިފުތިތާހުކޮށްދެއްވީ މުއިއްޒާއި މޯދީއާ ދެބޭފުޅުންނެވެ.
ރައީސް އޮފީހުގައި ބޭއްވި ހަފުލާގައި، އިންޑިއާ އާއި ރާއްޖޭގެ ޑިޕްލޮމެޓިކް ގުޅުމަށް 60 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަ ކުރުމުގެ ގޮތުން ހާއްސަ ސްޓޭމްޕެއް އިފުތިތާހު ކުރުން އޮތެވެ.

މޯދި އައި މުއިއްޒު ސްޓޭޓްމަންޓު ދެއްވަނީ
ރައީސް އޮފީހުގައ ބޭއްވި ހަފުލާތައް ނިންމައިލެއްވީ ބޮޑުވަޒީރު މޯދީ އާއި ރައީސް މުއިއްޒުގެ ފަރާތުން ބަޔާނެއް ދެއްވުމަށްފަހު އެވެ. ބޮޑުވަޒީރުގެ ވާހަކައިގައި، ރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ހާއްސަ ގުޅުން ފާހަގަ ކުރައްވައި އަބަދުވެސް ރާއްޖެއާ ރަހުމަތްތެރި ގައުމެއްގެ ގޮތުގައި އިންޑިއާ އޮންނާނެ ވާހަކަ ވިދާޅުވި އެވެ.
"އިންޑިއާއިން ރާއްޖެއާއެކު އަބަދުވެސް ހުންނާނެ. އެއީ ކުއްލި ހާލަތްތަކުގައި ފުރަތަމަ ރެސްޕޮންޑު ކުރުން ކަމުގައި ވިޔަސް ނުވަތަ ޒަރޫރީ ކާބޯތަކެތި ފޯރުކޮށްދިނުން ކަމުގައި ވިޔަސް ނުވަތަ އިގްތިސާދު މެނޭޖް ކުރަން އެހީތެރިވުން ކަމުގައި ވިޔަސް އިންޑިއާއިން ރާއްޖެއަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެ،" މޯދީ ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ ވާހަކައިގައި، އިންޑިއާއިން ރާއްޖެއަށް ޒަރޫރީ ކޯބާތަކެތި އެކްސްޕޯޓް ކޮށްދޭތީ އާއި ރާއްޖެ އެހީއަށް ބޭނުން ޖެހުނު ކޮންމެ ހާލަތެއްގައި އެހީތެރިކަން ފޯރުކޮށްދީފައިވާތީ މޯދީ އާއި އިންޑިއާއަށް ޝުކުރު އަދާ ކުރެއްވި އެވެ.
ގަސް އިންދުން އަދި ދޮށިމޭނާ ބިލްޑިންގު އިފުތިތާހު ކުރުން
ރައީސް އޮފީހުގައި ބޭއްވި ރަސްމީ ހަރަކާތްތައް ނިންމައިލެއްވުމަށްފަހު މުއިއްޒާއެކު މޯދީ ވަޑައިގެންނެވީ ސަލްޓަން ޕާކަށެވެ. ޕާކުގައި މޯދީ ވަނީ ކިނބި ގަހެއް އިންދަވައިފަ އެވެ. މުއިއްޒު ވެސް ސަލްޓަން ޕާކުގައި ކިނބި ގަހެއް އިންދެވި އެވެ.
ގަސް އިންދެވުމަށްފަހު މޯދީ އާއި މުއިއްޒު ވަޑައިގެންނެވީ، އިންޑިއާއިން ހަދިޔާ ކުރެއްވި ދެ ޕޯޓަބަލް ހޮސްޕިޓަލް ބަލައިލެއްވުމަށެވެ. އެ ދެ ހޮސްޕިޓަލް ޑިސްޕްލޭ ކޮށްފައި އޮތީ ސަލްޓަން ޕާކުގަ އެވެ.
ޕޯޓަބަލް ހޮސްޕިޓަލްތަކަށް ކިޔަނީ "އަރޯގްޔާ މައިޓްރީ ހެލްތު ކިއުބްސް" އެވެ. އިންޑިއާގެ ފަރާތުން އެތަކެތި ހަދިޔާ ކުރެއްވީ ބޮޑުވަޒީރު މޯދީ އެވެ. ރާއްޖޭގެ ފަރާތުން އެ ދެ ހޮސްޕިޓަލް ބަލައިގަތީ މުއިއްޒެވެ.

ސަލްޓަން ޕާކުގައި މޯޑީ އިންދެވި ކިނބި ގަސް
ކޮންމެ ތަނެއްގައި ވެސް ސެޓްއަޕް ކޮށްލެވޭ އެ ހޮސްޕިޓަލްތަކުގައި އައިސީޔޫ، އޮޕަރޭޝަން ތިއޭޓަރު، އެކްސް-ރޭ އަދި އެމެޖެންސީ އެހެނިހެން ހިދުމަތްތައް ހިމެނޭނެ އެވެ. އެެއިން ހޮސްޕިޓަލުން މެދުނުކެނޑި 72 ގަޑިއިރު ހިދުމަތް ދެވޭނެ އެވެ. އަދި ގިނަވެގެން 200 މީހުންނަށް ފަރުވާދެވޭނެ އެވެ.
އޭގެ އިތުރުން، ވެންޓިލޭޓަރާއި ޖަނަރޭޓަރަކާއި ކައްކައި ކެވޭނެ ގޮތާއި ކާބޯތަކެއްޗާއި ލޭގެ ޓެސްޓުތަކާއި ތަހުލީލުތައް ހެދޭނެ ވަސީލަތްތައް ވެސް ޕޯޓަބަލް ހޮސްޕިޓަލްތަކުގައި ހުންނާނީ ގާއިމްކޮށްފަ އެވެ. އަދި އޭއައި ބޭނުންކޮށްގެން ޑޭޓާ އެނަލައިޒް ކުރުމުގެ ޓެކްނޮލޮޖީ ވެސް އެ ހޮސްޕިޓަލްތަކުގައި ވަނީ ގާއިމްްކޮށްފަ އެވެ.
ހޮސްޕިޓަލްތައް ބައްލަވައިލެއްވުމަށްފަހު މޯދީ އާއި މުއިއްޒު ދެން ވަޑައިގަތީ ކޯސްޓު ގާޑުގެ އާ އިމާރާތް ދޮށިމޭނާ ބިލްޑިންގު ރަސްމީކޮށް އިފުތިތާހުކޮށްދެއްވުމަށެވެ.
މޯދީއަށް ދެއްވި ރަސްމީ ފަރިއްކޮޅު
ދިވެހި ދައުލަތުގެ ފަރާތުން މޯދީއަށް ފަރިއްކޮޅު ދެއްވީ ހުކުރު ދުވަހުގެ ރޭގަނޑު 9:00 ހާއިރެވެ. އެ ހަފުލާ ބޭއްވީ ކުރުނބާ މޯލްޑިވްސް ރިސޯޓުގަ އެވެ. އެ ފަރިއްކޮޅުގައި ދިވެހި ދައުލަތާއި އިގްތިސާދަށް ހިދުމަތް ކުރެއްވި ވަރަށް ގިނަ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. އަދި ރާއްޖޭގައި ގާއިމްވެ ތިބޭ ބޭރުގެ ވަރަށް ގިނަ ސަފީރުން ވެސް އެ ހަފުލާގައި ބައިވެރިވެވަޑައިގަތެވެ.
ފަރިއްކޮޅުގައި އެންމެ ފުރަތަމަ އޮތީ ހަފުލާއަށް ވަޑައިގެންނެވި ބޭފުޅުން މޯދީ އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާ ސަލާމް ކުރެއްވުމެވެ. އެއަށްފަހު ފަރިއްކޮޅުގައި ބައިވެރިވި ބޭފުޅުންނާ މުހާތަބުކޮށް މުއިއްޒު އާއި މޯދީ ވާހަކަ ދެއްކެވި އެވެ.
"އެއް ކަނޑަކުން މިއަދު އަހަރުމެންގެ ގުޅުން މި ގަތާލީ އެއްވެސް ރާޅަކުން މުގުރާ ނުލެވޭ ވަރަށް،" މުއިއްޒު ވިދާޅުވި އެވެ.
ފަރިއްކޮޅުގައި ވާހަކަ ދައްކަވަމުން މޯދީ ވަނީ އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ސަގާފީ ގުޅުމާއި ޒަމާންވީ ރަހުމަތްތެރިކަމަށް އަލިއަޅުއްވާލި އެވެ. އަދި ދެ ގައުމުގެ ރައްޔިތުންގެ އެކުވެރިކަމާއި ގާތް ކަމާއި ރައްޔިތުންގެ މެދުގައި އޮތް އެއްގޮތްކަމުގެ ވާހަކަ ވިދާޅުވި އެވެ.
"ޑިޕްލޮމަސީއަށް ވުރެ ބޮޑަށް އިންޑިއާ އާއި ދިވެހިރާއްޖޭގެ ފަރާތުން ފެންނަނީ ގާތް ގުޅުން،" މޯދީ ވިދާޅުވި އެވެ.
ހޮނިހިރު ދުވަސް
ނަޝީދު، އެމްޑީޕީ އަދި ސިޔާސީ އެހެނިހެން ލީޑަރުންނާ ބައްދަލު ކުރެއްވުން
މޯދީގެ ދަތުރުގައި ހޮނިހިރު ދުވަހު އެންމެ ފުރަތަމަ އޮތީ ސަރުކާރު އަދި ރާއްޖޭގެ ސިޔާސީ ބައެއް ލީޑަރުން އަދި ޕާޓީތަކާ ބައްދަލު ކުރެއްވުމެވެ. އެ ބައްދަލުވުންތައް ކުރިއަށްގެންދިޔައީ މޯދީ ހުންނެވި ކުރުނބާ ރިސޯޓުގަ އެވެ.
މޯދީ އެންމެ ފުރަތަމަ ބައްދަލު ކުރެއްވީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފުއާ އެވެ.
"އަޅުގަނޑުމެން ކުރި މަޝްވަރާގައި އިންޑިއާ އާއި ދިވެހިރާއްޖޭގެ އެކުވެރިކަމުގެ ގުޅުމުގެ މުހިންމު ތަނބުތަކުގެ މައްޗަށް އަލިއަޅުވާލެވުނު. ދެ ގައުމުން ދަނީ އިންފްރާސްޓްރަކްޗާ، ޓެކްނޮލޮޖީ، މޫސުމަށް އަންނަ ބަދަލު، ހަކަތަ އަދި އެހެނިހެން ދާއިރާތަކުން ގާތުން މަސައްކަތް ކުރަމުން. މިކަމުން ދެ ގައުމުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ފައިދާކުރޭ. އުއްމީދަކީ ކުރިއަށް އޮތް އަހަރުތަކުގައި މި ގުޅުން ވަރުގަދަވެގެން ދިޔުން،" މޯދީ ވިދާޅުވެފައިވެ އެވެ.
ނައިބު ރައީސްއާ ބައްދަލު ކުރެއްވުމަށްފަހު މޯދީ ދެން ބައްދަލު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ އެވެ.
"އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ފުން އެކުވެރިކަމުގެ ގުޅުމުގެ ވާހަކަ ދެކެވުނު، އޭގެތެރޭގައި ދެ ގައުމުގެ ރައްޔިތުންގެ މަޖިލީހުގެ މެދުގައި އޮތް ގާތް ގުޅުން ހިމެނޭ،" އެ ބައްދަލުވުމަށްފަހު މޯދީ ވިދާޅުވި އެވެ.
އަބްދުއްރަހީމަށްފަހު މޯދީ ދެން ބައްދަލު ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ އެވެ. އެ ބައްދަލުވުމަށްފަހު މޯދީ ވަނީ ނަޝީދުއަކީ އިންޑިއާގެ ގާތް ރަހުމަތްތެރިއެއް ކަމަށް ވިދާޅުވެ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވައިފަ އެވެ.
"ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަލްފާލިލް މުހައްމަދު ނަޝީދު އާއި ބައްދަލުކޮއްފިން. މުހައްމަދު ނަޝީދު އަކީ އަބަދުވެސް އިންޑިއާ އާއި ދިވެހިރާއްޖޭގެ އެކުވެރިކަމަށް ވަރުގަދައަށް ވަކާލާތު ކުރައްވާ ބޭފުޅެއް،" މޯދީ ވިދާޅުވި އެވެ.

މޯދީ އާއި ނަޝީދު
އޭގެ ފަހުން މޯދީ ބައްދަލު ކުރެއްވީ ބައެއް ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ އެވެ. އެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީ، މޯލްޑިވްސް ނެޝަނަލް ޕާޓީ، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް އަދި ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ މަންދޫބުން ބައިވެރިވެވަޑައިގަތެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އަމީން އިބްރާހިމް އެވެ. ނެޝަނަލް ޕާޓީގެ ފަރާތުން ބައިވެރިވެވަޑައިގަތީ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް އަދި އަހުމަދު ނިހާން އެވެ. ޑިވެލޮޕްމަންޓް އެލަޔަންސްގެ ފަރާތުން ބައިވެރިވެވަޑައިގަތީ އަހުމަދު ސިޔާމް އަދި މުހައްމަދު އައްބާސް އެވެ. އަދި ނެޝަނަލް ކޮންގްރެސްގެ ފަރާތުން ބައިވެރިވެވަޑައިގަތީ މިނިސްޓަރު އާދަމް ޝަރީފް އެވެ.
"ދިވެހިރާއްޖޭގެ އެކި ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއެކު ވަނީ އަގުހުރި ބައްދަލުވުމެއް ބޭއްވިފަ. ސިޔާސީ ދާއިރާގެ އެކި ލީޑަރުންގެ ބައިވެރިވުމަކީ އިންޑިއާ އާއި ދިވެހިރާއްޖޭގެ ވަރުގަދަ އަދި ތާރީޙީ އެކުވެރިކަމުގެ ގުޅުމަށް ދެފަރާތުން ތާއީދު އޮތްކަން ހާމަކޮށްދޭ ކަމެއް،" މޯދީ ވިދާޅުވި އެވެ.
ޕާޓީތަކާއެކު ބޭއްވެވި ބައްދަލުވުމަށްފަހު މޯދީ ދެން ބައްދަލު ކުރެއްވީ އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއާ އެވެ. އެ ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގަތީ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި ރައީސް އަބްދުﷲ ޝާހިދާއި މާރިޔާ އަހުމަދު ދީދީ ރިފްގާ ޝިހާމް އެވެ.
އިންޑިއާގެ ރައްޔިތުންނާ ބައްދަލު ކުރެއްވުން
ކުރުނބާ ރިސޯޓުގައި ރާއްޖޭގެ ސިޔާސީ ލީޑަރުންނާ ބައްދަލު ކުރެއްވުމަށްފަހު މޯދީ ދެން ބައްދަލު ކުރެއްވީ އިންޑިއާގެ ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން (އައިޓެކް) ޕްރޮގްރާމުގެ ބައިވެރިންނާ އެވެ. އިންޑިއާއިން ހިންގާ ޕްރޮގްރާމުގައި ބައިވެރިވާ 43 ދިވެއްސަކާ މޯދީ ބައްދަލު ކުރެއްވި އެވެ.
"މި ބައިވެރިންތެރޭ ފުލުހުންގެ އޮފިޝަލުންނާއި ސަރުކާރުގެ އިސްވެރިންނާއި ޕެރަމެޑިކްސް އަދި ނަރުހުން ހިމެނޭ. މިއިން ހަގީގަތުގައި ވެސް އިންޑިއާ އާއި ރާއްޖޭގެ އެކުވެރިކަމުގެ ރޫހު ފެނި ދެ ގައުމުގެ އެއްބައިވަންތަކޮށްދޭ ވަރުގަދަ ގުޅުންތައް އެކުލެވިގެންވޭ،" އެ ބައްދަލުވުމަށްފަހު މޯދީ ވިދާޅުވި އެވެ.
ދެން މޯދީ ބައްދަލު ކުރެއްވީ ދިވެހި ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނާ އެވެ. އިންޑިއާގެ ރައްޔިތުންގެ ތެރެއިން ނުވަ ގްރޫޕަކާ މޯދީ ބައްދަލު ކުރެއްވި އެވެ.
"ދިވެހިރާއްޖޭގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންނާއި ވަނީ ބައްދަލުވެފައި. ދިވެހިރާއްޖޭގެ ކުރިއެރުވުމުގައި އެބޭފުޅުންގެ ހިއްސާއަށާއި އިންޑިއާއިން ބޭރުގައި ދިރިއުޅެމުން ވެސް އަމިއްލަ ގައުމާއި ބާއްވާ ގުޅުމަށް ތައުރީފު ހައްގު،" މޯދީ ވިދާޅުވި އެވެ.
ހެވިކަމާއި ކުޅިވަރު އަދި ފުރާވަޑައިގަތުން
ކުރުނބާ ރިސޯޓުގައި ބޭއްވި ބައްދަލުވުންތަކަށްފަހު މޯދީ ދެން ބައިވެރިވެވަޑައިގަތީ ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މާލޭގައި ބޭއްވި ހެވިކަމާއި ކުޅިވަރުތައް ބައްލަވައިލެއްވުމަށެވެ.
ކުޅިވަރުތައް ބައްލަވައިލެއްވުން އޮތީ ޖުމްހޫރީ މައިދާނުގަ އެވެ. ކުޅިވަރުތައް ބައްލަވައިލެއްވުމަށް މޯދީ މާލެ ވަޑައިގަތުމުން ރަސްމީ ފާލަމުގައި އެމަނިކުފާނަށް މަރުހަބާ ދެންނެވީ ރައީސް މުއިއްޒު އެވެ.
އެ ހަފުލާގައި އެންމެ ފުރަތަމަ އޮތީ ސިފައިންގެ ޕެރޭޑެވެ. އެއަށްފަހު އޮތީ އެކި ދިވެހި ސަގާފީ ކުޅިވަރު ހުށަހަޅައިދިނުމެވެ. އޭގެ ތެރޭގައި ބޮޑުބެރާއި ދަނޑިޖެހުން ހިމެނެ އެވެ. ރާއްޖޭގެ ސަގާފީ ހަތަރު ކުޅިވަރު ހުށަހަޅައިދިނެވެ.
ޝަރަފުވެރި މެހެމާނުގެ ހައިސިއްޔަތުން ކުޅިވަރުތައް ބައްލަވައިލެއްވުމަށްފަހު މޯދީ މާލެއިން ފުރާވަޑައިގަތީ ހުޅުލެއަށެވެ. އެމަނިކުފާނު ދިވެހިރާއްޖެއިން ފުރާވަޑައިގަތީ ގާތްގަނޑަކަށް 6:10 ހާއިރެވެ.
ދިވެހިރާއްޖެ-އިންޑިއާ މަތީ ފަންތީގެ ދަތުރުތައް
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ދަތުރުތައް
މައުމޫން އަބްދުލްގައްޔޫމް (1990 ވަނަ އަހަރުން ފެށިފެން ވެރިކަމުގެ 18 އަހަރު ތެރޭ 12 ދަތުރު) (ވެރިކަމަށްފަހު 5 ދަތުރު)
- މުހައްމަދު ނަޝީދު (ވެރިކަމުގެ 3 އަހަރު ތެރޭ 4 ދަތުރު) (ވެރިކަމަށްފަހު 3 ދަތުރު)
- މުހައްމަދު ވަހީދު ހަސަން މަނިކު (ވެރިކަމުގެ 1 އަހަރު ތެރޭ 1 ދަތުރު)
- އަބްދުﷲ ޔާމީން (ވެރިކަމުގެ 5 އަހަރު ތެރޭ 3 ފަހަރު)
- އިބްރާހިމް މުހައްމަދު ސޯލިހު (ވެރިކަމުގެ 5 އަހަރު ތެރޭ 2 ދަތުރު)
- މުހައްމަދު މުއިއްޒު (ވެރިކަމުގެ 1 އަހަރާއި އަށް މަސްދުވަސް ތެރޭ 1 ދަތުރު)
އިންޑިއާގެ ބޮޑުވަޒީރު ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުތައް
ވީޕީ ސީންގް (1 ދަތުރު)
- ޗަންދުރާ ޝެކާރް (1 ދަތުރު)
- ޕީވީ ނަރަސިމްހާ ރާއޯ (1 ދަތުރު)
- އައިކޭ ގުޖްރާލް (1 ދަތުރު)
- އޭބީ ވަޖްޕާއީ (1 ދަތުރު)
- މަންމޯހަން ސިންގް (1 ދަތުރު)
- ނަރެންދުރަ މޯދީ (3 ދަތުރު)












